ޚަބަރު

ސިންގަޕޫރު ސަފީރު، ރައީސްގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފި


ސިންގަޕޫރު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ޗުއާ ތިއާން ޕޯ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސިންގަޕޫރުގެ ސަފީރު، ފާއިތުވި 4 އަހަރުދުވަހު ދިވެހިރާއްޖެއާއި ސިންގަޕޫރުގެ ގުޅުން ބަދަހިކުރައްވަން ކުރެއްވި ޚިދުމަތުގެ އަގު ވަޒަން ކުރައްވައި، އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނާ އެމަނިކުފާނުގެ އަނބިކަނބަލުން ސިންގަޕޫރަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ސިންގަޕޫރުގެ ސަރުކާރުން ދިވެހި ވަފްދާ ދޭތެރޭގައި ބެހެއްޓެވި ގާތްކަމާއި ބެހެއްޓެވި މެހެމާންދާރީ ފާހަގަކުރައްވާ އެކަމަށް ޝުކުރުއަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާ ސިންގަޕޫރުގެ ސަފީރުވަނީ ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދުގައި އޮތް ދޭދޭ ގުޅުން ބިނާވެފައިވާ ދާއިރާތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރާއްޖޭގެ ތަރައްޤީގައި ސިންގަޕޫރުން މުހިންމު ދައުރެއް އަދާކުރަމުންގެންދާ ކަމަށާއި، ބޯހިޔާވަހިކަމާއި ތަޢުލީމީ ދާއިރާ އަދި، ކުނި މެނޭޖްކުރުމުގެ ދާއިރާއިން ވެދީފައިވާ އެހީތެރިކަން ފާހަގަކުރައްވާފައެވެ.

މީގެއިތުރުން ސިންގަޕޫރުގެ ސަފީރެއްގެ ގޮތުގައި ދިވެހިރާއްޖެއަށް ޚިދުމަތް ކުރެއްވުމަކީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޝަރަފެއް ކަމުގައި ސިންގަޕޫރުގެ ސަފީރު ވިދާޅުވިއެވެ.