ޚަބަރު

އޭސީސީގެ މެންބަރުކަމަށް، އިބްރާހީމް ޝަކީލް ޢައްޔަން ކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުކަމަށް، މާލޭ ދަފްތަރު ނަންބަރު 3654، އިބްރާހީމް ޝަކީލް މިއަދު ޢައްޔަން ކުރައްވައިފިއެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުކަމަށް އިބްރާހީމް ޝަކީލް ޢައްޔަން ކުރެއްވުމުގެ ކުރިން، އެކޮމިޝަނުގެ މެންބަރުކަމުގެ ހުވައި، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ. އިބްރާހީމް ޝަކީލަށް ހުވާ ލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޢަރީފެވެ. މިރަސްމިއްޔާތުގައި އޭސީސީގެ މެންބަރުކަމަށް ޢައްޔަން ކުރެއްވިކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާވަނީ އިބްރާހީމް ޝަކީލާ ޙަވާލުކުރައްވާފައެވެ.

އިބްރާހީމް ޝަކީލް އެންމެ ފަހުން ހުންނެވީ ދިރާގުގެ އިންޓަރނަލް އޮޑިޓަރއެއްގެ ގޮތުގައެވެ. އޭގެ ކުރިން އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓަލިޖެންސް ޔުނިޓުގެ އޮފިސަރ އިންޗާޖުގެ މަޤާމާއި ދިރާގާއި އެމްއެމްއޭގެ އެކި މަޤާމުތަކާއި ޔޫއެންޑީޕީގެ އެކި މަޤާމުތައް ފުރުއްވާފައިވެއެވެ. އިބްރާހީމް ޝަކީލް ވަނީ ކޮންޕިއުޓަރ ސައިންސްގެ ދާއިރާއިން ލަންކާގެ، އޭޝިއާ ޕެސިފިކް އިންސްޓިޓިއުޓް އޮފް އިންފޮމޭޝަން ޓެކްނޮލޮޖީ ޔުނިވަރސިޓީން ޕޯސްޓް ގްރެޖުއޭޓް ސެޓްފިކެޓް ހާޞިލްކުރައްވާފައެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނަށް ޢައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ނަންތަކުގެ ތެރެއިން، އިބްރާހީމް ޝަކީލް ހިމެނޭހެން ފަސް ފަރާތަކަށް މަޖިލީހުން ރުހުންދީފައިވަނީ މި އޮގަސްޓު މަހުގެ 9 ވަނަ ދުވަހުގައެވެ.

އިބްރާހިމް ޝަކީލުގެ އިތުރުން އޭސީސީއަށް އައްޔަންކުރުމަށް މަޖިލީހުން ދެން ރުހުންދީފައިވަނީ ދަފްތަރު ނަމްބަރު 3366 އަލީ އަޝްރަފާއި، ގ. ވަޑިނޮޅުގެ ފާތިމަތު އަނޫލާ އާއި އައްޑޫ ސީޓީ ހިތަދޫ ނެދުންގެ މަރިޔަމް ޝިއުނާގެ އިތުރުން ޅ. ހިންނަވަރު ރޯލްގޯލްގޭ އައިޝަތު އަބްދުﷲއެވެ.

އެސީސީގައި މިހާރު ތިއްބެވި ފަސް މެމްބަރުންގެ މުއްދަތު ހަމަވާނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. އެ މެމްބަރުން މަޤާމަށް އައްޔަންކުރީ 2014ވަނަ އަހަރުއެވެ.