ޚަބަރު

"އުކުޅަސް ޓެކް ފެއަރ" މާދަމާ ފަށަން ތައްޔާރުވެއްޖެ


ޓެކްނޮލޮޖީގެ ދާއިރާގެ ފުންނާބުއުސް ފަރާތްތައް ހިމެނޭ އިންސްޓިޓިއުޓު އޮފް އިލެކްޓްރިކަލް އެންޑް އިލެކްޓޯނިކްސް އިންޖީނިއަރސް (އައި،އީ،އީ،އީ)އިން އިންތިޒާމުކުރާ "އުކުޅަސް ޓެކް ފެއަރ" މާދަމާ ފަށާނެއެވެ.

އުކުޅަހުގައި ކުރިއަށް ގެންދާ މި ޓެކް ފެއަރ ކުރިއަށްދާނީ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސޮފްޓްވެއަރ ނޮލެޖް އިންފޮމޭޝަން މެނޭޖްމަންޓް އެންޑް އެޕްލިކޭޝަންސް (ސްކިމާ 2019) އަދި އުގައިލް ފައުންޑޭޝަން ގުޅިގެންނެވެ. މި ފެއަރގައި ބައިވެރިވާ ފަރާތްތަކުން ޓެކްނޮލޮޖީގެ ދާއިރާއިން އެފަރާތްތަކުގެ އައު ހޯދުންތައް ދައްކާލުމަށްވަނީ ހަމަޖެހިފައެވެ. މި ފެއަރއަކީ ޢާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ ފެއަރއެކެވެ.

ފެއަރ ކާމިޔާބުކަމައި އެކު ކުރިއަށްގެންދިޔުމަށް އައި،އީ،އީ،އީ،ން ނާއި އުކުޅަހު ކައުންސިލާއި މިނޫންވެސް ކަަމާގުޅޭ ފަރާތްތަކުން އަންނަނީ ގިނަ ތައްޔާރީތަކެއް ވަމުންނެވެ.

މި ފެއަރގައި ރާއްޖޭގެ ބައެއް މިނިސްޓްރީތަކާއި އަމިއްލަ ކުންފުނިތަކުގެ އިތުރުން އަމިއްލަ ފަރުދުންނަށްވެސް އެމީހުންގެ އައު ހޯދުންތައް ދައްކާލުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ. މީގެއިތުރުން ރާއްޖެއިން ބޭރުން އެމެރިކާ ލިތުވޭނިޔާ އަދި ސްޕެއިންގެ ޔުނިވަރސިޓީތަކާއި ކުންފުނިތަކުން މިފެއަރގައި ބައިވެރިވެ ހުށަހެޅުންތައް ދައްކާލުމަށްވަނީ ހަމަޖެހިފައެވެ.