ވިޔަފާރި

އައްޑުއާއި ފުވައްމުލަކުގެ ދަތުރު ފަތުރުގެ ނިޒާމް އެމްޕީއެލްއަށް


އައްޑޫ އާއި ފުވައްމުލަކުގެ ދަތުރު ފަތުރު ކުރުމުގެ ނިޒާމް ކުރިއަށްގެންދިޔުމަށް އެމްޕީއެލްއާ ހަވާލުކޮށްފިއެވެ.މިއަދު އެމްޕީއެލްގައި ބޭއްވި  ރަސްމިއްޔާތުގައި، ދަތުރު ފަތުރުގެ ނިޒާމް އެމްޕީއެލްއާ ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ، އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދުއެވެ.އެމްޕީއެލްގެ ފަރާތުން ސޮއި ކުރެއްވީ، އެމްޕީއެލްގެ ސީއީއޯ، މަހްދީ އިމާދުއެވެ.އެ އެއްބަސްވުމުގެ ދަށުން، އައްޑޫ އަދި ފުވައްމުލަކުގައި ބަހުގެ ޚިދުމަތް ދިނުމާއި، އައްޑޫ އާއި ފުވައްމުލަކާ ދޭތެރޭގެ ފެރީގެ ޚިދުމަތް ދިނުމަށް އެމްޕީއެލްއާވަނީ ހަވާލުކޮށްފައެވެ.މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވީ، ސޮއިކުރި އެއްބަސްވުމުގެ ދަށުން ފަށާ ޚިދުމަތަކީ ދެމެހެއްޓެނިވި ގޮތެއްގައި ދެވޭނެ ޚިދުމަތެއް ކަމަށެވެ. އަދި މިހާރު އެއްވެސް ސަރަހައްދެއްގައި ދަތުރުފަތުރުގެ ނިޒާމް ހުއްޓިފައި ނޯންނާނެކަން ފާހަގަ ކުރައްވަމުން މިނިސްޓަރ ވިދާޅުވީ، ކުރީގެ ސަރުކާރުން ދަތުރުފަތުރުގެ ނިޒާމް ކުރިއަށް ގެންދިޔުމަށް ސަބްސިޑީގެ ގޮތުގައި ދީފައިވާ ރަށްތަކާއި، ބިންތައް ތަރައްގީވެގެން ދިޔައިރުވެސް ދަތުރުފަތުރުގެ ނިޒާމް ކުރިއަރާފައިނުވާ ކަމަށެވެ.އެއްބަސްވުމާ ބެހޭގޮތުން ވާހަކަ ދައްކަވަމުން އެމްޕީއެލްގެ ޗެއަރމަން މުހައްމަދު ޖުނައިދު ވިދާޅުވީ، ރޯދަ މަސް ފެށުމުގެ ކުރިން ބަހުގެ ޚިދުމަތާއި ފެރީގެ ޚިދުމަށް ފަށާނެ ކަމަށެވެ.ބަހުގެ ޚިދުމަތް ދިނުމަށްފެންވަރު ރަނގަޅު އާ ބަސްތަކެއް ގެނައުމަށް ނިންމާފައިވާއިރު ކުރިން ނަގަމުން އައި އަގަށް ބަދަލު ނާންނާނެ ކަމަށް ޖުނައިދު ވިދާޅުވިއެވެ. އަދި ޚިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވުމަށް އެމްޕީއެލްގެ ޓީމެއް މި ހަފްތާގައި އައްޑޫއަށް ދާނެ ކަމަށްވެސް ޖުނައިދު ވިދާޅުވިއެވެ.އައްޑޫ އާއި ފުވައްމުލަކުގައި ފެރީގެ ޚިދުމަތާއި، ބަހުގެ ޚިދުމަތް ދިނުމަށް ކުރިން ހަވާލުކޮށްފައިވާ އެމްވީކޭއާއިއެކު އެކުލަވާލާފައިވާ އެއްބަސްވުން ބާތިލް ކޮށްފައިވަނީ މިދިޔަ މަހުގެތެރޭގައެވެ.