ކުޅިވަރު

އައިއޯޖީއާއެކު ގިނަ ބަޔަކަށް ފަރަންސޭސި ބަސް ދަސްކޮށްދެނީ


ދެހާސް ތޭވީސްވަނަ އަހަރު ރާއްޖޭގައި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބޭއްވޭއިރު ވީހާވެސް ގިނަ ބަޔަކަށް ފަރަންސޭސި ބަސް ދަސްކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

2023ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބޭއްވުމުގެ ފުރުސަތުވަނީ ރާއްޖެއަށް ލިބިފައެވެ. މިއީ ރާއްޖޭގައި ބާއްވަން ލިބުނު އެންމެ ފުރަތަމަ ބައިނަލަގްވާމީ ގޭމްސްއެވެ. މިގޭމްސް ބޭއްވުމަށް ވޯޓިންގައި މެމްބަރު 6 ޤައުމުން ވޯޓް ލާފައިވާއިރު ރާއްޖެއަށް ވަނީ 4 ވޯޓް ލިބިފައެވެ. ރާއްޖެއާއި ވާދަކުރި ކޮމޮރޯސް އާއި މަޑަގަސްކަރައަށް ލިބިފައިވަނީ އެންމެ ވޯޓެކެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ޚާއްސަކޮށްގެން ޕީއެސްއެމްއިން ގެނެސްދިން "މިފަހަރުވެސް ގޯލްޑް"ގެ އެންމެ ފަހު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަމުން ޔޫތް މިނިސްޓަރ އަޙުމަދު މަޚުލޫފް ވިދާޅުވީ މިހާރު ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދަކީ ކުޅިވަރާއި ވަރަށް ގުޅުންހުރި ބޭއްފުޅެއްކަމަށާ ބިޑް ކާމިޔާބުކުރުމުގެ މަސައްކަތް ކުރިއިރު އެމަސައްކަތްކޮށްދީފައިވަނީ އަމިއްލަ މަސައްކަތެއްގެ ގޮތުގައިކަމަށް މިނިސްޓަރ މަޚުލޫފް ވިދާޅުވިއެވެ. އަދި ގޭމްސް ނިންމާލުމަށްފަހު، 2023ވަނަ އަހަރުގެ އައިއޯއައިޖީގެ މަސައްކަތް މިނިސްޓަރ ޢަބްދުﷲ ޝާހިދު މިހާރުވެސް ފަށްޓަވާފައިވާކަމަށް ޔޫތް މިނިސްޓަރ މަޚުލޫފް ވިދާޅުވިއެވެ.

"އައިއޯއައިޖީ ނިންމާލާފައި މާލެއައުމާއެކު މިނިސްޓަރ ޝާހިދު ވިދާޅުވި ފަރަންސޭސި ބަސް ވަރަށް ގިނަ ބަޔަކަށް އެބަޖެހޭ ދަސްކޮށްދޭން. މިހާރު ޝާހިދުވާނީ ފަރަންސޭސި ވިލާތުގެ އެންބަސީއާއި ވާހަކަދައްކައިގެން ރާއްޖޭގެ ކުދިންނަށް ފަރަންސޭސި ބަސް ދަސްކޮށްދިނުމަށް ގިނަ މަސައްކަތްތެއް ކުރުމަށް ނިންމާފަ. 2023ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ރާއްޖޭގައި ބޭއްވޭއިރު، އެޓީމްގެ ތަކާއި ހަވާލްވާ ފަރާތްތަކަށް ފަރަންސޭސި ބަސް އިގުމަކީ ވަރަށް މުހިންމުކަމެއްކަމަށް ޝާހިދު ވިދާޅުވި. މިހާރުވެސް ޕޮރިން މިނިސްޓްރީއިން މިދަނީ މިހާރުވެސް ގޭމްސްގެ މަސައްކަތް ކުރަމުން." މިނިސްޓަރ މަހުލޫފް ބުންޏެވެ.

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވީ މިއީ ރާއްޖޭގެ ތާރީޚުގައިވެސް ބާއްވާ އެންމެބޮޑު ކުޅިވަރުގެ ޢީދަށްވާއިރު، މިގޭމްސް އެންމެ ފުރިހަމަ ގޮތުގައި ބޭއްވުމަކީ މިއަދުގެ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒުކަމަށެވެ. އަދި އައިއޯއައިޖީގައި ބައިވެރިވާ ޤައުމްތަކުގެ ތެރެއިން އެންމެ ބޮޑު ޗެލެންޖްއެއް ކުރިމަތިވަނީވެސް ރާއްޖެއަށްކަމަށާ ވަސީލަތްތަށް ޤާއިމުކޮށް ރަގަނޅު ފެންވަރުގެ ގޭމްސްއެއް ބޭއްވުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށްވެސް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

"އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ބައިވެރިވާ ގިނަ ގައުމްތަކުން ބޭނުންކުރަނީ ފަރަންސޭސި ބަސް. މިރޮޝިއަސް، ރީޔޫނިއަން، ކޮމޮރޯޒް ފަދަ ގައުމްތަކުން އިގެރޭސި ބަހަށް ވުރެއް ބޮޑަށް ބޭނުން ކުރަނީ ފަރަންސޭސި ބަސް. ރާއްޖޭގައި އިންތިޒާމްތަށް އެންމެ ރަގަނޅު ފެންވަރުގައި ގޭމްސްއެއް ބޭއްވިދާނެ. ނަމަވެސް ގޭމްސްއެއް އެންމެ ފުރިހަމަވާނީ މުއާމަލާތް ކުރާ ފަރާތްތަކަށް އެގައުމްގެ މީހުންނާއި ރަގަނޅަށް މުއާމަލާތް ކުރެވިގެން. އެންމެ ފުރަތަމަ ކަމަކީ މުއާމަލާތް ކުރުން. ގޭމްސް ފުރިހަމަވާނީވެސް ގައުމްތަކާއި ޓީމްތަކާއި މުއާމަލާތް ކުރާ ގޮތުން. ފޮރިން މިނިސްޓްރީން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން އަބަދުވެސް ދޭނަން. އަދި 2023ވަނަ އަހަރުގެ ގޭމްސްއަކީ ވަރަށް ހާއްސަ ގޭމްސްއެއް." މިނިސްޓަރ ޝާހިދު ބުންޏެވެ.

ނިމިގެންދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެއިންވަނީ 15 މެޑަލް ހޯދާފައެވެ. އަދި މީގެތެރޭގައި 3 ރަން މެޑަލް ހިމެނެއެވެ.