ސިޔާސީ

ކައުންސިލްތަކަށް މާލީ ބާރުވެރިކަން ދިނުމަށް ގޮވާލާ ދެ ޤަރާރެއް ހުށައަޅައިފި


ރަށުކައުންސިލްތަކަށާއި އަތޮޅު ކައުންސިލްތަކަށް މާލީ ބާރުވެރިކަން ހޯދައިދިނުމަށް ގޮވާލާ ދެ ޤަރާރު ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވައިފިއެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް މާލީ ބާރުވެރިކަން ދިނުމަކީ މި ސަރުކާރުގެ ވަޢުދެކެވެ. އެގޮތުން ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުން 5 އިންސައްތަ ފައިސާ ދިނުމާއި ކައުންސިލްތަކުގެ އަންހެނުންގެ ނިސްބަތް 33 އިންސައްތައަށް ބަދަލުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވެއެވެ.

އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ޤަރާރުގައި ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަންވާނީ ލާމަރުކަޒީ އުސޫލުގެ ދަށުން، ދިވެހިރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް އުފައްދައިގެންކަމަށް ބަޔާންކޮށްފައި ވީނަމަވެސް، އެ ކައުންސިލްތަކުން ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތްތައް ދިނުމަށާއި، ރައްޔިތުންނާ ގާތުން ވެރިކަން ހިންގުމުގެ އުސޫލުތައް ތަންފީޛްކުރުމުގައި ނުކުޅެދިފައިވާކަމަށެވެ. އަދި އެއީ އެކަމަށް ބޭނުންވާ މާލީ ޤާބިލުކަން އެ ކައުންސިލްތަކުގައި ނެތުމުގެ ސަބަބުންކަމަށާއި، ރާއްޖޭގެ ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވޭނޭ ގޮތަށް ޤާނޫނު އެކުލަވާލުމަށްވެސް މި ޤަރާރުގައި ގޮވާލާފައިވެއެވެ.

މި ޤަރާރުގައި ބަޔާންކޮށްފައިވާ އެހެނިހެން ކަންކަމުގެ ތެރޭގައި ޤާނޫނީ ގޮތުން އުފެދިފައިވާ ކައުންސިލްތަކުގެ ޒިންމާގެ ތެރޭގައި ހިމެނޭ ކޮންމެ ކަމެއް ތަންފީޛުކުރުމަށްޓަކައި އެކަމަކަށް ބޭނުންވާ ބަޖެޓް އެ ޚިދުމަތަކާ ގުޅޭ ވުޒާރާއަށް ލިޔެގެން، އެ ވުޒާރާގެ ތެރެއިން ހޯދަންޖެހޭ ގޮތަށް އިންތިޒާމުތައް އެކަށައެޅިފައިވުމަކީ ކައުންސިލްތަކުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ލިބުން ލަސްވެގެން ދިއުމަށް މެދުވެރިވާ ސަބަބެއްކަމަށް ފާހަގަކޮށްފައިވެއެވެ. އަދި ކައުންސިލްތަކުން ދޭންޖެހޭ ޚިދުމަތްތައް ދިނުމަށްޓަކައި އެކައުންސިލްތަކަށް ލިބެންޖެހޭ މާލީ ފުދުންތެރިކަން ހޯދޭނޭ އިންތިޒާމުތައް ހަމަޖެހިފައި ނެތުމުގެ ސަބަބުން ކައުންސިލްތަކުގެ ޒިންމާ ރަނގަޅަށް އަދާކުރުމުގައި ހުރަސްތައް ކުރިމަތިވެ، ކައުންސިލްތަކަށް އޮންނަންޖެހޭ އިތުބާރު ގެއްލިގެންދާކަމަށްވެސް ބަޔާންކޮށްފައިވެއެވެ. އަދި ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތްތަކާއި، ރަށުގެ ތަރައްޤީއަށްޓަކައި ހިންގޭ މަޝްރޫޢުތައް ރަށު ކައުންސިލްތައް މެދުވެރިކޮށް އިންތިޒާމުކުރުމުގެ ބަދަލުގައި، އެ ޚިދުމަތްތަކާއި، މަޝްރޫޢުތައް އެކިއެކި ވުޒާރާތަކުން ހިންގުމަކީ އޭގެ ޒާތުގައިވެސް އެފަދަ ކަންކަމަށް ކުރަންޖެހޭ ހޭދަ އެތައް ގުނައަކުން ބޮޑުވެގެންދާ ކަމެއްކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒް ހުށައަޅުއްވާފައިވާ ޤަރާރުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ޢަމަލުކުރަން ފެށި ފަހުން މިހާތަަނަށް 8 އަހަރު ދުވަސް ފާއިތުވެގެން ގޮސްފައިވާއިރުވެސް، އެޤާނޫނުގެ މަޤުޞަދުތަކާއި ބޭނުންތައް ޙާޞިލުވަމުންނުދާކަމަށެވެ. އެޤާނޫނުގެ ސަބަބުން ރައްޔިތުންނަށް ލިބެންޖެހޭ ނަފާއާއި މަންފާ ލިބެމުންނުދާތީ، އެކަމުގެ ސަބަބުތައް ހޯދައި ދެނެގަނެގަތުމަށް މި ޤަރާރުގައިވަނީ ސަރުކާރަށް ގޮވާލާފައެވެ.

ރައްޔިތުންގެ އަސާސީ ޙައްޤުތައް ސީދާ ކައުންސިލްތައް މެދުވެރިވެގެން ކަށަވަރުކޮށްދިނުމަކީ މުހިންމު މަޤުޞަދެއް ކަމަށްވުމާއެކު މީހުންދިރިއުޅޭ ކޮންމެ ރަށެއްގެ ސަރަޙައްދަކީ އެރަށެއްގެ އުރަފަށުން ފެށިގެން 500 މީޓަރުގެ ސަރަޙައްދުކަމުގައި ހަމަޖެއްސުމަށްވެސް މި ޤަރާރުގައި ވަނީ ސަރުކާރަށް ގޮވާލާފައެވެ. އަދި އެއް ފަޅެއްގައި މީހުން ދިރިއުޅޭ ދެރަށް ހިމެނޭނަމަ، އެ ދެރަށުގެ ސަރައްދަކީ އެ ދެރަށުގެ ދެމެދުން ހަމަހަމައަށް ވަކިކޮށްލުމުން، ކޮންމެ ރަށަކަށްމެ ޖެހޭ މިންވަރުކަމަށް ކަނޑައަޅައި، ކޮންމެ ރަށެއްގެ ސަރަޙައްދުގައި ހިމެނޭ ރަށްރަށާއި، ފަޅާއި، ފަރުފަދަ ތަންތަނާއި، އެފަދަ ތަންތަން ބޭނުންކޮށްގެން ލިބޭ ޢާމްދަނީ ނިސްބަތްވާނީ އެރަށެއްގެ ރަށު ކައުންސިލަށް ކަމުގައި ކަނޑައެޅުމަށްވެސް ގޮވާލާފައިވެއެވެ. އެހެންކަމުން ލާމަރުކަޒީ އުސޫލުގެ ޙަޤީޤީ މާނައާ އެއްގޮތަށް ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށްޓަކައި ހަމަޖައްސަންޖެހޭ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި ލާމަރުކަޒީ ޤާނޫނުގެ ތެރެއިން ކަނޑައެޅުމަށްވެސް ވަނީ ބާރުއަޅުއްވާފައެވެ.