ޚަބަރު

މުޅި ދައުލަތް ހައިޖެކްވެފައި އޮންނަ މުވައްސަސާއެއް އޮވެގެން ނުވާނެ - ހަސަން ލަތީފް


މުޅި ދައުލަތް ހައިޖެކްވެފައި އޮންނަ މުވައްސަސާއެއް އޮވެގެން ނުވާނެކަމަށް ހެންވޭރު ހުޅަގު ދާއިރާގެ މެމްބަރު ޙަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މުއައްސަސާތަކުގެ ބާރުތަކުގެ ތެރެއަށް ސުޕްރީމް ކޯޓުން ވަދެފައިވޭތޯ ބެލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ތައްޔާރުކުރި ރިޕޯޓަށް މަޖިލިސް ތަޅުމުގައި ވާހަކަ ދައްކަވަމުން ޙަސަން ލަތީފް ވިދާޅުވީ މި ރިޕޯޓުން ސްޕްރީމް ކޯޓް ހިންގަނީ ވަކި ބައްޓަމެއްގެ ގޮތުގައިކަން ހާމަވާކަމަށެވެ. ސްޕްރީމް ކޯޓުން ޤާނޫނާއި ޙިލާފް ބާރުތައް ނަގައި، ދައުލަތުގެ އެންމެފަހު ބަސްބުނާ ފަރާތަކީ އެފަރާތްކަން ދެކި ރައީސުލް ޖުމްހޫރިއްޔާއަށާއި، ދައުލަތުގެ އެހެން މުއައްސަސާތަކަށް ލިބިދީފައިވަ ބާރުތައްވެސް ނަގާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ފާއިތުވެދިޔަ 5 އަހަރުގެ ތެރޭގައި ސްޕްރީމް ކޯޓް ފެނިފައިވަނީ ސިޔާސީ ގޮތުން ސަރުކާރުން ނިންމަންބޭނުންވާ ކަންކަން ނިންމާ ފަރާތެއްގެ ގޮތުގައިކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

މި ރިޕޯޓަށް ވާހަކަ ދެއްކެވި ސަރުކާރަށް ތާއީދުކުރާ މެމްބަރުން ވަނީ ސްޕްރީމްކޯޓުން ފާއިތުވެދިޔަ ދުވަސްތަކުގައި އަމަލުކޮށްފައިވާގޮތާމެދު ވަރަށްބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. ސްޕްރީމްކޯޓުން މައްސަލަތައް ނިންމާފައިވަނީ މަޤާމު ދިފާއުކުރެއްވުމަށާއި، ވަކި ސިޔާސީ މަންފާއާއި، އަމިއްލަ މަސްލަހަތު ހިމާޔަތް ކުރުމަށް ކަމަށް މެމްބަރުން ވިދާޅުވެފައިވެއެވެ. އަދި ކޯޓްތަކުން ނިންމާ ކަންކަމާމެދު ފާޑުކިޔައި ޙިޔާލްފާޅު ކުރާ ފަރާތްތަކަށް ޤާނޫނު އާސީއާއި ޙިލާފަށް ޖިނާއީ ދައުވާކުރުންފަދަ ކަންތައް ކޮށްފައިވާކަމަށްވެސް މެމްބަރުން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން އިސްލާމީ ޝަރީއަތާއި ރާއްޖޭގެ ޤާނޫނާއި ޙިލާފަށް އެތައްކަމެއް ކުރިކަމަށްވެސް މެމްބަރުން ފާހަގަކޮށްފައިވެއެވެ.

މިބިލަށް ވާހަކަ ދެއްކެވި އިދިކޮޅު މެމްބަރުންވެސް ވަނީ ޝަރުއީ މަރުހަލާގައި މައްސަލަތައް ހުރިކަމަށް ޤަބޫލުކުރައްވާފައެވެ. ނަމަވެސް މިމައްސަލަތައް ކުރިމަތިވެފައިވާ ސަބަބު ރަނގަޅަށް ދެނެގަތުމަށްފަހު މިފަދަ ރިޕޯޓެއް އެކުލަވާލުމަކީ މުހިންމުކަމެއްކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވެއެވެ. ޖޭއެސްސީން މިފަދަ ރިޕޯޓެއް ނެރެފައިވާއިރު ސްޕްރީމް ކޯޓުން ނެރެފައިވާ 1 ފެބުރުއަރީގެ އަމުރާއި، އެނޫންވެސް ކަންކަން ފާހަގަކުރަންޖެހޭކަމަށް އެމެމްބަރުން ވަނީ ފާހަނގަކޮށްފައެވެ. އަދި މިއަދު ފެނިގެންދަނީ މުޅި ދައުލަތުގެ އިންސާފު ގެއްލިފައިވާ މަންޒަރުކަމުގައިވެސް ބައެއްމެންބަރުން ސިފަކުރައްވާފައިވެއެވެ.

ސުޕްރީމް ކޯޓުން މީގެ ކުރިން ޤާނޫނާ ޚިލާފަށް އެތައް ހުކުމްތަކަކާއި އަމުރުތަކެއް ނެރެފައިވާކަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނެރުނު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މަޖިލީހުގައި މިއަދު ބަހުސްކުރި މި ރިޕޯޓުގައި ޤާނޫނާ ޚިލާފަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ބައެއް ޙުކުމްތަކާއި އަމުރުތަކާއި އެ ޙުކުމްތަކާއި އަމުރުތައް ޤާނޫނާ ޚިލާފުވަނީ ކީއްވެގެންކަން ތަފްސީލްކޮށް ބަޔާންކޮށްފައިވެއެވެ.