ޚަބަރު

ތަރައްޤީކުރާ މައި 5 ސަރަޙައްދު ކަނޑައަޅައިފި


ސަރުކާރުން ތައްޔާރުކުރަމުންދާ ޤައުމީ ތަރައްޤީގެ ޕްލޭންގައި ހިމަނާ ސަރަޙައްދުތަކުގެ މައި 5 ރަށަކީ ހދ.ކުޅުދުއްފުއްޓާއި، ޅ.ނައިފަރާއި، ލ.ގަމާއި، ގދ.ތިނަދުއާއި، ސ.ހިތަދޫކަމަށް ޕްލޭނިންގ މިނިސްޓްރީއިން ބުނެފިއެވެ. ޕްލޭނިންގ މިނިސްޓްރީން އަދި ކުރަމުންދަނީ މި ރަށްތަކާއި، އަދި އެހެން ސަބް ރީޖަންތަކަށް އަންނާނި ބަދަލުތަކާއި ގުޅޭ މަޝްވަރާތަކާއި، ޕްލޭންތައް ތައްޔާރުކުރުމުގެ މަސައްކަތްތަކެވެ.

ސަރުކާރުގެ އެންމެ ބޮޑު ވިސްނުމަކީ މާލެ ސަރަޙައްދަށް ރައްޔިތުން ތޮއްޖެއްސުމުގެ ބަދަލުގައި، ރާއްޖޭގެ އެކި ސަރަޙައްދުތައް މާލެއިން ލިބޭފަދަ ޚިދުމަތްތައް ލިބޭނެގޮތަކަށް ތަރައްޤީކުރުމެވެ.

ރާއްޖެ ތަރައްޤީކުރުމުގައި އަބަދުވެސް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖެއަކީ ޖަޒީރާ ޤައުމަކަށް ވާއިރު، ސަރުކާރުން ތައްޔާރުކުރަމުންދާ، ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލާފައިވަނީ މިކަމަށް ބަލައިގެން ރާއްޖެ އެކި ސަރަޙައްދުތަކަކަށް ބަހާލައިގެންނެވެ.

އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސްގައި، ކައުންސިލަރުންނާއި ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަން ވިދާޅުވީ ރާއްޖެ ތަރައްޤީކުރާ 5 ރީޖަނަލް އަރބަން ސެންޓަރާއި، 9 ސަބް ރީޖަނަލް އަރބަން ސެންޓަރުތަކާއި، 6 ސެންޓްރަލް ކްލަސްޓަރއަށް ހަމަޖައްސާ ރަށްތައް މިހާރު ކަނޑައަލާފައިވާކަމަށެވެ.

ސަރުކާރުން ރާއްޖެ ތަރައްޤީކުރަން ނިންމާފައިވާ 5 ސަރަޙައްދުގެ މައި ރަށްތަކަކީ، ހދ.ކުޅުދުއްފުއްޓާއި، ޅ.ނައިފަރާއި، ލ.ގަމާއި، ގދ.ތިނަދުއާއި ސ.ހިތަދޫއެވެ. މި ރަށްތަކުން ފެށިގެން 20 މޭލުގައި ހުންނަ ރަށްތަކަކީ ސަބް ރީޖަންގެ ތެރޭއި ހިމެނޭ ރަށްތަކެވެ.

ސަބްރީޖަންގައި ހިމަނާ މައި 9 ރަށުގެ ތެރެއިން 8 ރަށް މިހާރުވަނީ ކަނޑައަޅާފައެވެ. އެއީ ށ.ފުނަދުއާއި، ނ.މަނަދުއާއި، ރ.ދުވާފަރާއި، ބ.އޭދަފުއްޓާއި، ދ.ކުޑަހުވަދުއާއި، ތ.ތިމަރަފުއްޓާއި، ގއ.ވިލިނގިއްޔާއި ޏ ފުވައްމުލަކެވެ. އިހަވަންދިއްޕޮޅުން ރަށެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ޕްލޭންގައި ދެން ހިމެނެނީ މި ރީޖަނާއި ތަންކޮޅެއް ދުރުގައި ހުންނަ ރަށްތަކެވެ. އެގޮތުން ކްލަސްޓަރ ރީޖަންގެ ގޮތުގައި ހިމެނޭ ރަށްތަކަކީ އދ.މާމިގިލި، ފ.ނިލަންދޫ، މ.މުލި، މ.ކޮޅުފުށި، ގދ.ފަރެސްމާތޮޑާ އަދި ގދ.ދާންދޫއެވެ. މާލެ ހިމެނޭ ސެންޓްރަލް އައިލެންޑްގެ ސަބް ރަށްތަކަކީ އއ.ރަސްދުއާއި، އދ.މަހިބަދުއާއި ވ.ފެލިދޫއެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ ރަށްތަށް ކަނޑައަޅާފައިވަނީ ކަމާއި ގުޅޭ މިނިސްޓްރީތަކާއި، ކެބިނެޓުގެވެސް މަޝްވަރާއާއެކުގއި ގިނަ ބެލުންތަކެއް ބެލުމަށް ފަހުކަމަށެވެ.

"ރަށްތައް ކަނޑައަލާފައިވާނީ އެ ރަށެއްގެ އިޤްތިސާދީ ފުދުންތެރިކަން ހުރި މިންވަރާއި، އާބާދީއާއި، އަދި އިތުރު ޚިދުމަތްތައް ގެނެވޭނެ މިންވަރާއި، ދަތުރު ފަތުރުގެ ފަސޭހަކަމަށްވެސް ބަލާފައިވާނެ" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ޚިދުމަތްތައް ހޯދުމަށް މައި ރަށްތަކަށް ދެވޭނެ ފަސޭހަ ދަތުރުފަތުރުގެ ނިޒާމެއްވެސް ހަމަޖައްސާނެކަމަށެވެ.

ސަރުކާރުން ތަރައްޤީކުރާ ސަރަޙައްދުތަކުގައި ތަޢުލީމާއި، ސިއްޙީ ނިޒާމާއި، ކުޅިވަރާއި، ދަތުރުފަތުރުގެ ނިޒާމާއި ގެދޮރިވެރިކަމާއި އެކި ކަހަލަ އާމްދަނީ ހޯދޭނެ މަގުތައް ފަހިކޮށްދިނުމަށް ހަމަޖެހިފައިވެއެވެ. ސަރުކާރުން މަސައްކަތް ކުރަމުންދަނީ ޕްލޭންގެ މަސައްކަތް މިއަހަރަށް ނިންމައި އަންނަ އަހަރު ޕްލޭންގެ ޢަމަލީ މަސައްކަތް ފެށުމަށެވެ. އަދި މި ދަޢުރު ނިމުމުގެ ކުރިން މި ބަދަލުތަކުގެ ފަސޭހަ ޢާއްމުންނަށް ލިބޭނެ މަގު ފަހިކޮށްދިނުމަށްދަނީ މަސައްކަތް ކުރަމުންނެވެ.