ސިޔާސީ

އައު ސިޔާސަތުގެ ދަށުން ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް އިތުރު ވަސީލަތްތައް ޤާއިމްކުރަންޖެހޭ - ސަލާމަތީ ބާރުތައް


މަސްވެރިކަމުގެ އައު ސިޔާސަތުގެ ދަށުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ އެތެރެއާއި ބޭރުން މަސްވެރިކަންކުރާ އުޅަނދުތައް މޮޓިރަކުރުމަށް އިތުރު ވަސީލަތްތައް ޤާއިމްކުރަންޖެހޭކަމަށް ސަލާމަތީ ބާރުތަކުން ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީގައި މަސްވެރިކަމާބެހޭ ބިލާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ސަލާމަތީ ބާރުތަކުން ވަނީ އެއީ ނުކުރެވޭނެކަމެއް ނޫންކަމަށާ ނަމަވެސް އެކަން ކުރުމަށްޓަކައި އިތުރު ވަސީލަތްތައް ބޭނުންވާކަމަށެވެ.

މަސްވެރިކަމާބެހޭ ޤާނޫނުގެދަށުން ކުރާ މަސްވެރިކަން މޮނިޓަރކޮށް ކޮންޓްރޯލްކުރުމަށްޓަކައި، މޮނިޓަރިން ކޮންޓްރޯލް އާއި ސަރވޭލަންސްއާބެހޭ ނިޒާމެއް ސިފައިންގެ ކޯސްޓްގާރޑާއި، ފުލުހުންނާއި ޓްރާންސްޕޯޓް އޮތޯރިޓީއާ ގުޅިގެން ތަންފީޒްކުރަންޖެހޭނެކަމަށް އަލަށް އެކުލަވާލާ ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އަދި ސިފައިންގެ ކޯސްޓްގާރޑާއި ފުލުހުންގެ ކޮންމެ އޮފިސަރަކީ އެ މަސްއޫލިއްޔަތު އަދާކުރުމަށް ޢައްޔަންކުރެވިފައިވާ ތަންފީޒީ އޮފިސަރެއްކަމަށްވެސް ބަޔާންކޮށްފައިވާއިރު، ކޯޓް ޢަމުރަކާ ނުލާ ބޯޓްފަހަރު ބަލާ ފާސްކުރުމާއި ހިފެހެއްޓުމުގެ ބާރުވެސް ވަނީ ދީފައެވެ.

މަސްވެރިކަމުގެ ބިލްގައި ހިމެނޭ ސަލާމަތީ ބާރުތަކާއި ގުޅޭ ކަންކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން އެމްއެންޑީއެފްގެ ޕްރިންސިޕަލް ޑައިރެކްޓަރ ކޯސްޓްގާޑް ކާނަލް މުޙައްމަދު ސަލީމް ވިދާޅުވީ، ރާއްޖެއިން ބޭރަށް މަސްވެރި އުޅަނދުތައް ގޮސްއުޅުމާއި، ރާއްޖެއިން ބޭރުގެ މަސްބޯޓްފަހަރު ރާއްޖެ އައިސް މަސްގަތުމަށް ހިނގާ ހަރރަކާތްތައް މޮނިޓަރކުރުމުގެ ކެޕޭސިޓީ ކޯސްޓްގާޑުގައި މިވަގުތު ނެތްކަމަށެވެ. ނަމަވެސް އެއީ ނުކުރެވެންވީކަމެއް ނޫންކަން ފާހަގަކުރައްވާ ސަލީމް ވިދާޅުވީ، ޤާނޫނާއި ގުޅިގެން ހެދޭ ޤަވާއިދުތަކުގެ ތެރެއިން ވަރަށް ހަރުދަނާ ކަންތައްތަކެއް ހިމަނައިފިނަމަ އެއީ ކުރެވޭނެކަމެއްކަމަށެވެ.

"މިހާރުހުރި ކެޕޭސިޓީއަށް ބަލާއިރު މިވަރުގެ އޮޕަރޭޝަނެއް ހިންގާނެ ކެޕޭސިޓީއެއް ކޯސްޓްގާޑަކު ޤާއިމްކުރެވިފައެއްނެތް. މިހާރުން މިހާރަނަށް މިކަން ކުރާކަމަށްވާނަމަ އިތުރަށް ކެޕޭސިޓީ ބިލްޑުކޮށްގެން އެކަން ކުރެވިދާނެކަމަށް ފާހަގަކުރެވެނީ" ސަލީމް ވިދާޅުވިއެވެ.

އެމްއެންޑީއެފް ކޯސްޑްގާޑްގެ ފަރާތުން ވާހަކަ ދައްކަވަމުން މޭޖަރ ޙަސަން ސިނާން ވިދާޅުވީ، މަސްވެރި އުޅަނދުތަކުގައި ޚާއްޞަ ޑިވައިސްއެއް ޤާއިމްކޮށްފިނަމަ މޮނިޓަރކުރަން ފަސޭހަވާނެކަމަށެވެ. އަދި މިހާރުން މިހާރަށް މިކަން ކުރަން ބޭނުންނަމަ މޮނިޓަރިންގ ސަވައިލަންސް ނިޒާމް ވަރަށް ބޮޑަށް ހަރުދަނާވެގެންނޫނީ ރަނގަޅުގޮތުގައި އެކަން ނުކުރެވޭނެކަން ސިނާން ވިދާޅުވިއެވެ.

"ފިޝިންގ އިންސްޕެކްޝަންގެ ތެރެއިން ވަރަށް ގިނަ ކުށްތައް ފެނިފައިވޭ ފާއިތުވި ތަނުގައި. އެއީ ލޭނުގެ މަސްވެރިކަންކުރުމަށް 100 މޭލު ބޭރުން ހުއްދަދެވިގެން ޚާއްޞަ ޑިވައިސްއެއާއެކު މޮނިޓަރކުރިކުރުމުގަ. އެއިން ބޯޓް އޮންނަ ތަން އެކަނި ފާހަގަކުރެވެނީ. ނަމަވެސް މިހާރު އެ ލައިސަންސް ވަނީ ބާޠިލްކޮށްފައި." ސިނާން ވިދާޅުވިއެވެ.

ފުލުހުންގެ ފަރާތުން ވާހަކަ ދައްކަވަމުން ޗީފް ސްޕްރިންޓެންޑެންޓް މުޙައްމަދު ބަޝީރު ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން 12 މޭލު އެތެރޭގެ ސަރަޙައްދަކީ ފުލުހުންގެ ދައުރު އޮތް ސަރަޙައްދުތަކެއްކަމަށެވެ. ނަމަވެސް މަސްވެރި އުޅަނދުތަކަށް މަސްވެރިކަންކުރުމަށް ރާއްޖޭގެ ބޭރު ސަރަހައްދު ހުޅުވާލައިފިނަމަ އެކަން ބެލޭނެ ވަސީލަތްތައް ފުލުހުންގެވެސް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

"12 މޭލު އެތެރެ ސަރަހައްދު މޮނިޓަރކޮށް މި މަސައްކަތްކުރާއިރު އަޅުގަނޑުމެންގެ އެ ކެޕޭސިޓީ އިތުރުކުރުމަކީ ހަމަ ކުރަންޖެހޭކަމެއް މި ހުއްދަތައް ދެވިގެންދާއިރު. މަސްވެރިންގެ މަސައްކަތް ފުޅާވެގެންދާނެ." ބަޝީރު ވިދާޅުވިއެވެ.

މި ބިލަށް ކޮމިޓީގައި ޚިޔާލު ހުށައަޅާއަމުން މޯލްޑިވްސް ކަސްޓަމްސް ސަރރވިސްގެ ފަރާތުން ސްޕްރިންޓެންޑެންޓް އާދަމް ޝަފީޤް ވިދާޅުވީ، މަސްވެރިކަމުގެ އައު ބިލްގައި ކަސްޓަމްސްއަށް އެއްވެސް މެންޑޭޓެއް ހިމަނާފައި ނުވުމަކީ ކަންބޮޑުވާކަމެއްކަމަށެވެ. ސަބަބެއްކަމަށް އާދަމް ޝަފީޤް ފާހަގަކުރެއްވީ ބޭރުގެ ހުރިހާ ޤައުމެއްގައިވެސް ބޯޑަރ ކޮންޓްރޯލް އެޖެންސީއަކީ ކަސްޓަމްސްކަމަށެވެ. ނަމަވެސް މި ބިލްގައި އިމްޕޯޓް އެކްސްޕޯޓް އަދި އޯފްޝޯ ޕްލެޓްފޯމްގެ މަސައްކަތްތައް ފުޅާކުރުމުގެ ވާހަކަ ފާހަގަކޮށްފައި ވީނަމަވެސް ކަސްޓަމްސްގެ މެންޑޭޓާއި އިމިގްރޭޝަންގެ ބާރު ހިމެނިފައިނުވުމަކީ ބިލްގެ އުނި ސިފައެއްކަމަށް އޭނާ ވިދާޅުވިއެވެ. ޝަފީޤް ވަނީ ކަސްޓަމްސްއާއި މޯލްޑިވްސް އިމިގްރޭޝަންގެ ދައުރު ބިލްގައި ހިމެނުމަށް އެދިވަޑައިގެންފައެވެ.

"ބޭރުން އުޅަނދެއް އަންނައިރު އެންމެ ފުރަތަމަ ކޯލް ކުރަންޖެހެނީ ކަސްޓަމްސްއަށް. އަދި ކަސްޓަމްސްއިން ހުއްދަ ދިނުމުގެ ކުރިން އެއްވެސް މުއައްސަސާއަކަށް އެރުންވެސް ކަސްޓަމްސްގެ ޤާނޫނު މަނާކުރޭ. މި ހެން އޮންނަކަމެއްގައި މިހާތަނަށް ބިލަށް ބަލާއިރު މައިގަނޑުގޮތެއްގައި ވިސްނާފައިހުރީ އިކޮނޮމިކް ވިސްނުމެއްގައި. ނަމަވެސް އެންފޯސްމަންޓް ވިސްނުމެއް އޮތުން މުހިންމު. އެއީ ވަރަށް ބޮޑެތި ކްރައިމްތައް ހިނގާފަ އެބަހުރި މާކަނޑުގަ. މީހުން ސްމަގްލް ކުރުމާ ޑްރަގް ސްމަގުލް ކުރުމާ، މަނީލޯންޑަރިންގެ ހަރަކާތްތަކާ ތެޔޮ ޓްރާންސްފާކުރުމުގެ ހަރަކާތްތައްވެސް. އެހެންކަމުން ކަސްޓަމްސްއާއި އިމިގްރޭޝަންގެ މެންޑޭޓް ހިމެނުން ވަރަށް މުހިންމު." ޝަފީޤު ވިދާޅުވިއެވެ.

މަސްވެރިކަމުގެ އައު ބިލްގައި މަސްވެރިކަމާގުޅޭ އުޅަނދުތަކާއި މަސް ބޭނުމަށްފަހު އެއްތަނުން އަނެއްތަނަށް ގެންދިއުމާއި ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރުމުގެ މަސައްކަތަކުގެ ތެރެއިން ފުލުހުން ބަލަން ބޭނުންވާ ކަންކަން ބަލައިފާސްކުރުމުގެ ބާރު ލިބިދީފައިވެއެވެ. އަދި ތަންފީޒީ އޮފިސަރަށް ކޯޓު އަމުރަކާ ނުލައި މަސްދޯނިފަހަރަށާއި މަސް ފެކްޓްރީތަކަށާއި އައިސް ޕްލާންޓްތައްފަދަ ތަންތަނަށް ވަދެ ބަލައިފާސްކުރުމުގެ ބާރުވެސް ޤާނޫނުގެ ދަށުން ލިބިދީފައިވެއެ. އަދި އެ އުޅަނދުތަކަކީ މަސްވެރިކަމަށް އެކަށީގެންވާ އުޅަނދެއްތޯ ބެލުމާއި ދިވެހި މަސްވެރި އުޅަނދުތަކަށް އެއްވެސް ބާވަތެއްގެ މަސް ބާނަން ބޭނުންކުރާ ދާ ނުވަތަ އެފަދަ އެނޫންވެސް އާލާތެއް ދެއްކުމަށް އަންގައި ބަލައި ފާސްކުރެވޭނެކަމަށްވެސް ބުނެފައިވެއެވެ. މިއީ ރާއްޖޭގައި މިހާރު އަމަލުކުރަމުން އަންނަ 32 އަހަރުވީ މަސްވެރިކަމުގެ ޤާނޫނު ޒަމާނަށް ނުފެތޭތީ އެކުލަވާލާ ޤާނޫނެއްކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.