ވިޔަފާރި

ތުޅާދޫ އައިސްޕްލާންޓުން އައިސް ފޯރުކޮށްދޭން ފަށައިފި


ބ. ތުޅާދޫގައި ޤާއިމްކުރި އައިސްޕްލާންޓުން މަސްވެރިންނަށް އައިސް ފޯރުކޮށްދޭން ފަށައިފިއެވެ.

މި އައިސް ޕްލާންޓުން އައިސްފޯރުކޮށްދޭން ފަށާފައިވަނީ ހުކުރު ދުވަހުއެވެ. ތުޅާދޫގައި ޤާއިމްކުރި އައިސްޕްލާންޓަކީ މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގެ 3 ސަރަޙައްދެއްގައި ޤާއިމްކުރާ 7 އައިސް ޕްލާންޓްގެ ތެރެއިން 1 ޕްލާންޓެވެ. މި އައިސްޕްލާންޓަކީ މިނިސްޓްރީގެ ލޯނު ޕްރޮގުރާމްގެ ދަށުން މިފްކޯއިން ޤައިމްކުރި އައިސްޕްލާންޓެކެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މިއީ ސަރުކާރުގެ ބަޖެޓުން 2.7 މިލިއަން ރުފިޔާ ހަރަދުކޮށްގެން އަޅާފައިވާ އައިސްޕްލާންޓެއްކަމަށެވެ. މި އައިސްޕްލާންޓް އޮފަރޭޓްކުރަން ފެށުމުން ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އައިސްޕްލާންޓެއް ހުޅުވިގެންދިޔައީކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

މި އައިސް ޕްލާންޓަކީ ދުވާލަކު 25 ޓަނުގެ އައިސް އުފެއްދުމުގެ ޤާބިލްކަން ލިބިފައިވާ އައިސް ޕްލާންޓެކެވެ. މި އައިސްޕްލާންޓުގެ މަސައްކަތް ފަށާފައިވަނީ 2017 ވަނަ އަހަރުއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ތުޅާދޫ ކައުންސިލްގެ ރައީސް އަޙްމަދު ރަޝީދު ވިދާޅުވެފައިވަނީ މި އައިސް ޕްލާންޓުގެ ސަބަބުން ތުޅާދޫއަށް ގިނަ ފައިދާތަކެއް ލިބިގެންދާނެކަމަށެވެ. ތުޅާދޫގެ ހުޅަނގު ކަނޑަކީ ގިނަ އަދަދެއްގެ މަސްދޯނި ފަހަރު ކަންނެލީގެ މަސްވެރިކަންކުރަން އަންނަ ސަރަހައްދަކަށް ވުމުގެ ސަބަބުން މި އައިސްޕްލާންޓުން އައިސް ފޯރުކޮށްދޭން ފެށުމުގެ ސަބަބުން ހަފްތާއަކު 25 އާއި 30 ދެމެދުގެ މަސްދޯނި އެރަށަށް އަންނާނެކަމަށް ބެލެވޭކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ 3 ސަރަޙައްދެއްގައި އައިސް ޕްލާންޓް ޤާއިމްކުރެއްވުމުގެ މަސައްކަތް ސަރުކާރުން މިފްކޯއާ ޙަވާލު ކޮށްފައިވަނީ 2016 ވަނަ އަހަރުގެ ކުރީކޮޅުއެވެ. މި 7 ރަށުގެ ތެރޭގައި ހިމެނެނީ ގއ. ކޮލަމާފުށީ ގއ. ދާންދޫގައި ގއ. ދެއްވަދޫ ރ. އަލިފުށި ނ. ޅޮހީ ބ. ތުޅާދޫ އަދި ތ. ހިރިލަންދޫއެވެ.