ސިއްހަތު

ރާއްޖޭގެ ޞިއްޙީދާއިރާގެ ކަންކަން ހަރުދަނާކުރުމާބެހޭ ސެމިނަރއެއް ޗައިނާގައި ފަށައިފި


ރާއްޖޭގެ ޞިއްޙީ ދާއިރާގެ ހިންގުމުގެ ކަންކަން ހަރުދަނާކުރުމާބެހޭ ޙާއްސަ ސެމިނަރއެއް ޗައިނާގައި ފަށައިފިއެވެ.

"ސެމިނަރ އޮން ހެލްތް މެނޭޖްމަންޓް އެބިލިޓީ ފޯރ މޯލްޑިވިއަން އޮފިޝަލްސް"ގެ ނަމުގައި ބާއްވާ މި ސެމިނަރގައި ހެލްތް މިނިސްޓްރީގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި 5 ބޭފުޅަކާއި، އެ މިނިސްޓްރީގެ ސިވިލް ސަރވަންޓުންގެ 9 މުވައްޒަފުންނާއި، އަތޮޅުތެރޭގެ ރީޖަނަލް ޕޯސްޓްތަކުގައި މަސައްކަތްކުރާ 5 މުވައްޒަފުން ހިމެނޭހެން ޖުމްލަ 19 އޮފިޝަލުން ބައިވެރިވާކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.

މި ސެމިނަރގައި ރާއްޖޭގެ ޞިއްޙީ ދާއިރާއި ގުޅުންހުރި ސިޔާސަތުތަކާއި ޤާނޫނުތައް ތަންފީޒުކުރުމުގައި ހުރި މައްސަލަތައް ހައްލުކުރުމުގައި ކުރެވިދާނެ މަސައްކަތްތަކާއި، މެނޭޖްމަންޓާއި ޓެކްނިކަލް ފެންވަރުގައި ފޯރުކޮށްދެވޭ ޚިދުމަތްތައް މިހާރަށްވުރެ ފުޅާކުރެވިދާނެގޮތްތަކާ ގުޅޭގޮތުން ޗައިނާގެ ފަންނީ ތަޖުރިބާކާރުންގެ ޚިޔާލާ މަޝްވަރާ ބައިވެރިންނާއި ހިއްސާކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ޞިއްޙީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ބޭނުންވާ ތަފާތު ޕްރޮފެޝަނަލް ސްކިލްސްތަކާއި، ހިންގުމުގެ ދާއިރާ ހަރުދަނާކޮށް، ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން ޞިއްޙީ ދާއިރާއަށް އަންނަމުންދާ ޒަމާނީ ބަދަލުތަކާއެކު ބައިނަލްއަޤްވާމީގޮތުން ޢަމަލުކުރަމުންދާ ތަފާތު ފްރޭމްވޯކްތަކާ ގުޅޭގޮތުން މަޝްވަރާކުރުމާއި، ޢާއިލާ ރޭވުމާއި، ދަރިމައިވުމުގެ ޞިއްޙަތުގެ ކަންކަން ޕްރޮމޯޓްކޮށް ހަރުދަނާކުރުމަށް ޗައިނާގައި އެކުލަވާލެވިފައިވާ ސިޔާސަތުތަކާއި ޢަމަލުކުރަމުންދާ ޤަވާއިދުތަކާއި ޤާނޫނުތަކާއި ގުޅޭގޮތުން މި ސެމިނަރގެ ތެރޭގައި ބައިވެރިންނަށް މަޢުލޫމާތުދެވިގެންދާނެކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.

މީގެ އިތުރުން ޗައިނާގެ ޕަބްލިކް ހެލްތް ސިސްޓަމްގެ ކަންކަން ކުރިއަށްދާގޮތް ޢަމަލީގޮތުން ތަޖުރިބާކޮށްލުމަށް ޙާއްސަ ސްޓަޑީ ޓުއަރއެއްވެސް މި ސެމިނަރގެ ތެރެއިން ކުރިއަށްދާނެކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.