ވިޔަފާރި

ބްރިޓިޝް އެއަރވޭސްގެ ޕައިލެޓުން ހަޅުތާލުކުރަނީ


އިނގިރޭސިވިލާތުގެ ބްރިޓިޝް އެއަރވޭސްގެ ޕައިލެޓުން މަސައްކަތަށް ނުނިކުމެ، ހަޅުތާލުކުރަން ނިންމައިފިއެވެ.

އިނގިރޭސިވިލާތުގެ ޕައިލެޓުންގެ ޖަމުޢިއްޔާ، ބްރިޓިޝް އެއަރލައިން ޕައިލެޓްސް އެސޯސިއޭޝަން، ބަލްޕާއިން ބުނީ އަންނަމަހުގެ 9 ވަނަ ދުވަހާއި 10 ވަނަ ދުވަހުގެ އިތުރުން 27 ވަނަ ދުވަހު ބްރިޓިޝް އެއަރވޭސްގެ ޕައިލެޓުން ހަޅުތާލުކުރަން ނިންމާފައިވާކަމަށެވެ. ޕައިލެޓުން ހަޅުތާލުކުރާނެކަން އިޢުލާންކޮށްފައި މިވަނީ އިނގިރޭސިވިލާތުގެ ޤާނޫނުތަކާއި ޤަވާއިދުތައް އޮންނަ ގޮތުން ޕައިލެޓުން ހަޅުތާލެއް ކުރާނަމަ އެކަމުގެ ނޯޓިސް 2 ހަފްތާކުރިން ދޭންޖެހޭތީއެވެ.

އިނގިރޭސިވިލާތުގެ ޕައިލެޓުންގެ ގާތްގަނޑަކަށް 90 އިންސައްތައަކީ ބްރިޓިޝް އެއަރވޭސްގެ ޕައިލެޓުންނަށްވާއިރު، އެމީހުން ހަޅުތާލެއް ކުރާނަމަ އެކަމުގެ ސަބަބުން ފްލައިޓްތަކަށް ވަރަށް ބޮޑަށް އަސަރުކުރާނެކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ބަލްޕާއިން ބުނީ ޕައިލެޓުން ހަޅުތާލުކުރަން ނިންމީ މުސާރައިގައި މައްސަލައިގައި ހައްލެއް ނުލިބި، ދިގުލައިގެން ދިއުމުންކަމަށެވެ. ނަމަވެސް ބްރިޓިޝް އެއަރވޭސްއިން ބުނީ ޕައިލެޓުންގެ ހަޅުތާލަކީ އެއްވެސް ސަބަބެއް އޮވެގެން ކުރާ ކަމެއް ނޫންކަމަށާއި އެއީ ކުންފުންޏަށް ގެއްލުން ދިނުމުގެ ގޮތުން ކުރާކަމެއްކަމަށެވެ. މުސާރައިގެ މައްސަލައިގައި ބްރިޓިޝް އެއަރވޭސްއިން ޕައިލެޓުންނަށް ހުށަހެޅި ޕެކޭޖްތަކަށްވެސް ޕައިލެޓުން ވަނީ ނޫނެކޭ ބުނެފައެވެ.

ޕައިލެޓުން ހަޅުތާލުކުރަން ނިންމުމުން ބްރިޓިޝް އެއަރވޭސްއިން ދަނީ އެކަމަށް ތައްޔާރުވަމުންނެވެ. އެގޮތުން ފްލައިޓްތަކުގެ ޝެޑިއުލަށް އަންނަ ލޮޅުން ވީހާވެސް ކުޑަކުރުމަށް އެއަރލައިނުން ދަނީ މަސައްކަތްކުރަމުންނެވެ. ނަމަވެސް ބައެއް ކަސްޓަމަރުންނަށް މިކަމުގެ ސަބަބުން ތަކްލީފްތަކެއް ކުރިމަތިވާނޭކަމަށް ބްރިޓިޝް އެއަރވޭސްއިން ބުނެއެވެ. ހަޅުތާލު ހުއްޓުވުމަށް ބްރިޓިޝް އެއަރވޭސްއިން ކޯޓަށްވެސް ދިޔައެވެ. ނަމަވެސް އެމައްސަލަ ކާމިޔާބުވާ ގޮތެއް ނުވިއެވެ.