ޚަބަރު

"ހީމޮފީލިއާ" ބައްޔާއި ގުޅޭ މަސައްކަތު ބައްދަލުވުމެއް އައިޖީއެމްއެޗުން ފަށައިފި


ލޭމަނާކުރުމަށް ދަތިވާ "ހީމޮފީލިއާ" ބައްޔާގުޅޭ މަޢުލޫމާތުދީ އެކަމަށް ހޭލުންތެރިކުރުމަށް އައިޖީއެމް ހޮސްޕިޓަލްގެ ލެބޯޓްރީ މުވައްޒަފުންނަށް މަަސައްކަތު ބައްދަލުވުމެއް ފަށައިފިއެވެ.

މި ބައްދަލުވުމުގައި ލެބޯޓްރީގެ މުވައްޒަފުންނަށް މިބައްޔާ ގުޅުންހުރި ކަންތައްތައް ދިރާސާކުރާނެގޮތް އުންގަންނައިދިނުމާއި އައިޖީއެމްއެޗްގައި ހީމޮފީލިއާއަށް ޓެކްސްޓްކުރަން ފެށުމުގެގޮތުން، ކަމާއިގުޅޭ ތަމްރީން މުވައްޒަފުންނަށް ދިނުން ކުރިއަށްދާނެއެވެ.

މީގެއިތުރުން ބަލިމީހާގެ ލޭގެ ސާމްޕަލް ނުވަތަ ބަލިމީހާ ރާއްޖެއިން ބޭރަށް ނުފޮނުވައި، ދުރާލައި ބަލި ދެނެގަނެ އަވަހަށް ފަރުވާދޭނެ ނިޒާމެއް ޤާއިމުކުރުންވެސް މިވޯކްޝޮޕްގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

އައިޖީއެމްއެޗްގައި މިއަދު ފެށި މިމަސައްކަތު ބައްދަލުވުން ކުރިއަށްދާނީ 2 ދުވަހަށެވެ.
ވޯކްޝޮޕް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އައިޖީއެމްއެޗްގެ ސީއީއޯއާއި، ހީމޮފީލިއާ ސޮސައިޓީ އޮފް މޯލްޑިވްސްއާއި، ވޯލްޑް ފެޑެރޭޝަން އޮފް ހީމޮފީލިއާގެ އިސް ފަރާތްތަކުން ބައިވެރި ވެފައިވެއެވެ.