ސިޔާސީ

ކޯޓުން ބޭރުގައި މައްސަލަތައް ހައްލުކުރުމުގެ ނިސްބަތް ދަނީ އިތުރުވަމުން - އުއްތަމަ ފަނޑިޔާރު


ކޯޓުތަކުގެ ބޭރުން މައްސަލަތައް ޙައްލުކުރުމުގެ ނިސްބަތް ރާއްޖޭގައި ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށާ، އޭގެ ފައިދާ ފެންނަމުން އަންނަކަމަށް އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

އުއްތަމަ ފަނޑިޔާރު މިހެން ވިދާލުވީ، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ އެހީގައި މޯލްޑިވްސް އިންޓަރނޭޝަނަލް އާރބިޓްރޭޝަން ސެންޓަރާއި ސްރީލަންކާގެ ސިލޯން ޗެމްބަރ އޮފް ކޮމާސް ގުޅިގެން "ޖުޑީޝަލް އެކްސްޗޭންޖް އޮން އޯލްޓަރނޭޓިވް ޑިސްޕިއުޓް ރިސޮލިއުޝަން"ގެ ނަމުގައި ކުރިއަށްގެންދާ މަސައްކަތު ބައްދަލުވުން ފަށްޓަވާދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މި މަސައްކަތު ބައްދަލުވުން ފަށްޓަވާދެއްވާ ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ކޯޓްތަކުގެ ބޭރުން މައްސަލަތައް ހައްލުކުރުމުގެ ނިޒާމް ނުވަތަ "ޑިސްޕިއުޓް ރިސޮލިއުޝަން" ނިޒާމަކީ ރާއްޖެއަށް ވަރަށް މުހިންމު ނިޒާމެއްކަމަމަށެވެ. އެގޮތުން ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި ކޯޓުން ބޭރުން މައްސަލަތައް ހައްލުކުރުމުގެ ނިސްބަތް ވަރަށް ބޮޑުތަން އިތުރުވެފައިވާކަމަށެވެ. އެގޮތުން 2015ވަނަ އަހަރުން ފެށިގެން 2018ވަނަ އަހަރާ ދެމެދު ސިވިލް ކޯޓުން އެކަނިވެސް ޑިސްޕިއުޓް ރިސޮލިއުޝަން މަރުހަލާއަށް ހުށައެޅި މައްސަލަތަކުގެ ނިސްބަތް 63 އިންސައްތައަށް އަރާކަމަށާއި، އޭގެ ތެރެއިން ފަންސާސް އިންސައްތަ މައްސަލަ ކާމިޔާބުވެފައިވާކަމަށެވެ.

"ޑިސްޕިއުޓް ރިސޮލިއުޝަން" ނުވަތަ ކޯޓުން ބޭރުން މައްސަލަތައް ހައްލުކުރުމުގެ ފައިދާގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ކޯޓްތަކުގައި މައްސަލަތައް ނުނިމިހުންނަ ހުރުން އަވަސްވެ، އެކަމަށް ޚަރަދުވާ ފައިސާއާއި، އެ މައްސަލަތަކާއި ގުޅިގެން ޢާންމު ފަރާތްތަކުން ކުރަންޖެހޭ ޚަރަދު ކުޑަވެ ދެފަރާތުން ބޭނުންވާ ހައްލުތައް ހޯދޭކަން އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވިއެވެ.

އުއްތަމަ ފަނޑިޔާރުގެ ވާހަކަފުޅުގައި 2013 ވަނަ އަހަރު ރާއްޖޭގައި އިންޓަރނޭޝަނަލް އަރބިޓްރޭޝަން ސެންޓަރެއް ޤާއިމްވިފަހުން އިންވެސްޓްމަންޓްތަކާއި ވިޔަފާރިތަކާއި ގުޅުންހުރި މައްސަލަތައް ކޯޓަށް ހުށައެޅޭމިންވަރު އިތުރުވެފައިވާކަމަށް ވިދާޅުވިއެވެ. ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކަށް ރާއްޖޭގައި ކުރާ އިންވެސްޓްތަކަށް އިތުރުބާރު އޮތްކަން ފާހަގަކުރައްވާ އުއްތަމަ ފަނޑިޔާރު ވަނީ އިންވެސްޓްމަންޓްތަކާއި ވިޔަފާރިތަކާއި ގުޅުންހުރި މައްސަލަތައް ހައްލުކުރުމަށް ރާއްޖޭގެ އާބިޓްރޭޝަން ސެންޓަރުން ކުރާ މަސައްކަތަށް ތަޢުރީފް ކުރައްވާފައެވެ. އުއްތަމަ ފަނޑިޔާރު ވަނީ ކޯޓްތަކުގެ ފަރާތުންވެސް އާބިޓްރޭޝަން ސެންޓަރުން ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދެއްވާނެކަމަށްވެސް ވިދާޅުވެފައެވެ.

"މޯލްޑުވްސް އިންޓަރނޭޝަނަލް އާރިބިޓްރޭޝަން ސެންޓަރ ޤާއިމްކުރެވިފައިވަނީ 3 ޖުލައި 2013 ގައި. އެ ސެންޓަރ އުފެދުމުގެ ނަތީޖާއަކީ ޜާއްޖޭގައި ކުރާ ބޮޑެތި ވިޔަފާރިތަކާއި އިންވެސްޓްމަންޓްތަކާއި ގުޅުންހުރި ބޮޑެތި މައްސަލަތަކަށް ފަސޭހައިން ހައްލުތަކެއްލިބިގެން ދިއުން. އާރބިޓްރޭޝަން ސެންޓަރުގައި ތިއްބެވީ ވަރަށް ޤާބިލް ފެންވަރު ރަނގަޅު ބޭފުޅުންކަން މި ފުރުޞަތުގައި ފާހަގަކޮށްލަން." އުއްތަަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ބޭރުގެ ބައެއް ފަނޑިޔާރުންނާއި ރާއްޖޭގެ ފަނޑިޔާރުންގެ ތަޖުރިބާ ހިއްސާކުރުމަށް ބާއްވާ މި ބައްދަލުވުމުގައި ރާއްޖޭގެ 15 ފަނޑިޔާރުން ބައިވެރިވެވަޑައިގަންނަވައެވެ. އަދި އަދި ސްރީލަންކާގެ 6 ފަނޑިޔާރަކުވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވައެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މައްސަލަތު ބައްދަލުވުމުގައި މަޢުލޫމާތު ދެއްވަނީ އެމެރިކާގެ ސަދަން ޑިސްޓްރިކްޓް އޮފް ނިއުޔޯކްގްގެ ތަޖުރިބާކާރު ފަނޑިޔާރުންނާއި، ސިންގަޕޫރުގެ އިންޓަރނޭޝަނަލް ކޮމާޝަލް ކޯޓްގެ ފަނޑިޔާރުންނެވެ.