ވިޔަފާރި

ބައިނަލްއަޤްވާމީ ކެއްކުމުގެ މުބާރާތެއްގައި ވާދަކޮށް ރާއްޖެއިން ބްރޮންޒް މެޑަލް ހޯދައިފި


"އިންޓަނޭޝަނަލް ޗައިނީޒް ކުޒީން ވޯލްޑް ޗެމްޕިއަންޝިޕް" ގައި ވާދަކޮށް ރާއްޖެއިން ބްރޮންޒް މެޑަލް ހޯދައިފިއެވެ.

މިމަހުގެ 21 އިން 24 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާގެ ޝެންޔަންގގައި ކުރިއަށް މި މުބާރާތަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ބާއްވާ މުބާރާތެކެވެ. އެގޮތުން މިއަހަރުގެ މުބާރާތުގައި 24 ޓީމަކުން ބައިވެރިވެފައިވާއިރު، ޖުމްލަ 300 ޝެފުން ހިމެނެއެވެ.

މި މުބާރާތުގައި ދިވެހި 6 ޝެފުން ބައިވެރިވެފައިވާއިރު، ދިވެހި ޝެފުން ބައިވެރިވެފައިވަނީ ޝެފް ގިލްޑް އޮފް މޯލްޑިވްސްގެ ފަރާތުންނެވެ.

މި މުބާރާތުގައި ބައިވެރިވެފައިވާ ދިވެހި ޝެފުންނަކީ ފާރަފުށި މޯލްޑިވްސްގައި މަސައްކަތްކުރާ މުޙައްމަދު އާދިލްއާއި، ފޯރ ސީޒަންސް މޯލްޑިވްސް އެޓް ލަނޑާ ގިރާވަރުގައި މަސައްކަތްކުރާ އަޙްމަދު މާޒިމްއާއި، މަލަހިނި ކުޑަ ބަނޑޮސްގައި މަސައްކަތްކުރާ ރިއްފަތު މުޙައްމަދާއި، ބަރޮސް މޯލްޑިވްސްގެ އިބްރާހިމް ނާތިފްއާއި، އޮއިޝީގެ އޯނަރު އަޙްމަދު ފަތީންގެ އިތުރުން ކަލިނަރީ ކޮންސަލްޓެންޓެއްކަމަށްވާ އިބްރާހިމް ނައީމްއެވެ.

ޗައިނީޒް ކުއިޒީން ވޯލްޑް ޗެމްޕިއަންޝިޕްއަކީ 2015 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. މި މުބާރާތް އިންތިޒާމްކުރަނީ ޗައިނާ ކުއިޒީން އެސޯސިއޭޝަންގެ ފަރާތުންނެވެ. މި މުބާރާތަކީ ޗައިނާގެ ރަހަތަކަށް ޙާއްސަކޮށްގެން ދުނިޔޭގެ ފެންވަރުގައި ބާއްވާ މުބާރާތްތަކުގެ ތެރެއިން ވޯލްޑް އެސޯސިއޭޝަން އޮފް ޝެފް ސޮސައިޓީން ޤަބޫލްކުރާ ހަމައެކަނި މުބާރާތެކެވެ.

2014 ވަނަ އަހަރުގެ ފަހުކޮޅު ޝެފުންގެ ކުރިއެރުމަށް މަސައްކަތްކުރާ ޖަމިއްޔާއެއްކަމަށްވާ ޝެފްސް ގިލްޑް އޮފް މޯލްޑިވްސް އިން ވަނީ މީގެ ކުރިންގެ ބައިނަލްއަޤްވާމީ ކެއްކުމުގެ ގިނަ މުބާރާތްތަކެއްގައި ދިވެހި ޝެފުން ބައިވެރިކޮށް، ފަހުރުވެރި ކާމިޔާބީތަކެއްވެސް ޙާސިލްކޮށްފައެވެ.