ޚަބަރު

ހުޅުމާލޭ ގޮނޑުދޮށް ތަރައްގީކުރަނީ ޖަޒީރާ ކޮންސެޕްޓަކަށް - ނިޔާޒް


ހުޅުމާލޭ ގޮނޑުދޮށް ސަރަޙައްދުގައި ކުރިން ކެފޭތައް ހަދާފައިހުރި ސަރަހައްދު އަލުން ތަރަށްޤީކުރަން ހަމަޖެހިފައިވަނީ ޖަޒީރާ ކޮންސެޕްޓަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު ޢަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށްދެއްވި އިންޓަރވިއުއެއްގައި ނިޔާޒް ވިދާޅުވީ، އެ ސަރަހައްދު ތަރައްގީ ކުރަން ހަމަޖެހިފައިވަނީ ޖަޒީރާ ރާއްޖެ ކޮންސެޕްޓަށްކަމަށާއި އިތުރު އެހެން ގޮތަކަށް މިސަރުކާރުން ޑިޒައިނެއް ނުކުރާނެކަމަށެވެ.

އެސަރަހައްދަކީ އަބަދުވެސް ޢާންމުންނަށް ހުޅުވާލާފައިވާ ސަރަހައްދެއްކަން ފާހަގަކުރައްވައި ނިޔާޒު ވިދާޅުވީ އެކަން އެއްވެސް އުސޫލަކާ ނުލައި ދޫކޮށްލާފައިވަނީ ކުރީގެ ސަރުކާރުން ކަމަށެވެ. އެހެންނަމަވެސް މިިސަރުކާރުން މިހާރު ނިންމާފައިވަނީ ޖަޒީރާ ދިރިއުޅުމަށް މަގުފަހިވާ ޑިޒައިނަކަށް ބީޗު ތަރައްގީކުރަން ކަމަށް ނިޔާޒު ފާހަގަކުރެއްވިއެވެ.

އެޗްޑީސީގެ ޚާއްސަ ހުއްދައަކާ ނުލައި ހުޅުމާލޭ ހޭޅިފަށު ސަރަަޙައްދުގައި ކެފޭތަކާއި ރެސްޓޯރަންޓާއި، ގާޑިއަލާއި، އަދި ވޯޓަރ ސްޕޯޓްސްގެ ވިޔަފާރިތައް ކުރަމުން ގޮސްފައިވެއެވެ. އެޗްޑީސީން އެތަންތަން ނެގުމަށް އަންގާފައިވަނީ ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ފެނާއި ނަރުދަމާ ހޮޅިތައް ގުޅާލުމުގެ މަސައްކަތް ކުރުމަށެވެ.