ތަޢުލީމު

ދަރިވަރުންގެ ރައްކާތެރިކަމަށް ސްކޫލުތަކުން ތައްޔާރުވުން މުހިންމު


ގުދުރަތީ ކާރިސާތަކާއި ކުއްލިއަކަށް ދިމާވާ ހާދިސާތަކުން ދަރިވަރުން ސަލާމަތް ކުރުމަށް ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ޓީޗަރުން ތަމްރީނުވެފައި ތިބުން މުހިންމުކަމަށް ޑިފެންސް މިނިސްޓަރ މޭޖަރ ޖެނަރަލް ރިޓަޔަޑް މޫސާ އަލީ ޖަލީލު ވިދާޅުވެއްޖެއެވެ.މިނިސްޓަރ މިހެން ވިދާޅުވީ، ސްކޫލް ފަންނުވެރިންގެ ކާރިސީ ހިރާސް ބެލެހެއްޓުމުގެ ސެމިނާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އިސްނަގައިގެން ތައްޔާރުކޮށްފައިވާ، ރާއްޖޭގެ ސްކޫލްތަކުން އިމަޖެންސީ ހާލަތުގައި  ހަރަކާތްތެރިވާންވީ ގޮތުގެ ޕްލޭން ތަންފީޒުކުރުމަށް ސްކޫލްތަކުން ކުރާމަސައްކަތްތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރުމަށް ޝީ ބިލްޑިންގްގައި މިއަދު ފެށި ސެމިނާގައި ވާހަކަފުޅުދައްކަވަމުން، ޑިފެންސް މިނިސްޓަރ މޭޖަރ ޖެނަރަލް ރިޓަޔަޑް މޫސާ އަލީ ޖަލީލު ވިދާޅުވީ، ފަސްޓް އެއިޑް އަދި ކަމާ ގުޅުން ހުރި ދާއިރާގެ ތަމްރީނުލިބިފައިވާ ޕްރިންސިޕަލުންނާއި ޓީޗަރުން ތިބެން ޖެހޭކަމަށާއި،  ކުއްލި ހާލަތުގައި ދަރިވަރުން ހިމާޔަތް ކުރުމަކީ އެންމެ މުހިންމުކަމަށްވާއިރު، ވަކި މީހަކަށް ބަރޯސާވުން ނުވަތަ އެސްކޫލަކަށް ބޭރުން ބަޔަކުއައިސް އެހީތެރިވުމުގެ ކުރީން، ޕްރިންސިޕަލުންނާއި ޓީޗަރުން އަދި އެހެނިހެން މުވައްޒަފުން އެކަމުގައި ހަރަކާތްތެރިވާން ޖެހޭކަމަށެވެ. އަދި އެކަމުގެ ސަބަބުން ލިބޭ ގެއްލުން ކުޑަވެގެންދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.ޑިފެންސް މިނިސްޓަރ ވިދާޅުވީ، މިފަދަ ޕްލޭންތަށް ތަންފީޒުކުރާއިރު، ބޭރު ގައުމުތަކުގައި ކަންކަން ކުރާ ގޮތަށް ބެލުމުގެ ބަދަލްގައި  ރާއްޖޭގެ ރަށްރަށް އުފެދިފައިވާ ގޮތަތަކަށް ބަލައި، މާހައުލާ ގުޅޭ ގޮތަށް ކަންކަން ރޭވުން މުހިންމުކަމަށެވެ.މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ، އައިޝަތު ޝިހާމް ވިދާޅުވީ، ސުނާމީއަށްފަހު ރާއްޖޭގައި ގުދުރަތީ ކާރިސާތަކުންސަލާމަތްވެ ތިބުމަށް ލޯހުޅުވިފައިވާކަމަށާއި، ރާއްޖެއަށް ބޮޑެތި ގުދުރަތީ ކާރިސާތަށް ކުރިމަތިނުވިނަމަވެސް އަލިފާނުގެ ހާދިސާފަދަ ކަންކަމުން ސަލާމްތްވެ ތިބުމަށް މަސައްކަތްކުރުމަށް ތަމްރީނުވެފައި ތިބުން މުހިންމުކަމަށެވެ.އެޑިއުކޭޝަން މިނިސްޓްރީ އާއި އެމް.އެން.ޑީ.އެފް، ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ  އަދި ފުލުހުން ބައިވެރިވެގެން އެއްދުވަހުގެ މުއްދަތަށް ކުރިތަށްގެންދާ ސެމިނާގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދު ވިދާޅުވީ، މި ސެމިނާ ނިމިގެންދާއިރު، ބައިވެރިވާ ކޮންމެ މުއައްސަސާތަކުންވެސް  އިމަޖެންސީ ކަމެއް ދިމާވާ ހާލަތުގައި ކުރަންޖެހޭކަންކަން އެނިގައިފައިވުން މުހިންމުކަމަށެވެ.މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދިވެހި ރެޑްކުރެސެންޓުގެ ސްކެޓްރީ ޖެނަރަލް އަބްދުއްރައްޒާގް އިބްރާހީމް ވިދާޅުވީ، ގުދުރަތީ ކާރިސާތަކުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް އެ ޖަމާއަތުގެ ސްޓްރެޓީޖިކް ޕްލޭންގައި ހިމަނައި އެކަމަށް އިސްކަންދޭކަމަށާއި، އެޑިއުކޭޝަން މިނިސްޓްރީގެ މި އިސްނެންގެވުމަށް އެޖަމާއަތުން އެހީތެރިވެދެއްވާނެކަމަށެވެ.ކުރިއަށް އޮތް ދެ އަހަރަށް ބޭނުން ކުރެވޭ ގޮތަށް ހަދާ މި ޕްލޭނުގެ ސަބަބުން ރާއްޖޭގެ 214 ސްކޫލެއްގައި  ތައުލީމް ހާސިލް ކުރަމުންދާ ފަސްދޮޅަސް ހަތަރުހާހެއްހާ ދަރިވަރުންނާއި، ދިހަ ހާހެއްހާ ތައުލީމީ ދާއިރާގެ މުވްއްޒަފުންގެ އިތިރުން މުޅި ކޮމިއުނިޓީ އަށް ރައްކާތެރިކަން ލިބިގެންދާނެކަމަށް އެޑިއުކޭޝަން މނިސްޓްރީން މައުލޫމާތުދެއެވެ.