ޚަބަރު

ބަޖެޓާމެދު މަޝްވަރާކުރުމަށް ފިނޭންސް މިނިސްޓަރާއި މުވައްސަސާތަކުގެ ވެރިން ބައްދަލުކުރަނީ!


2020ވަނަ އަހަރުގެ ބަޖެޓް ހުށަހެޅުމުގެ ކުރިން ފިނޭންސް މިނިސްޓަރާއި، މުއައްސަސާތަކުގެ ރައީސުންނާއެކު ހޯމަދުވަހު ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިސްނަގައިގެން ބޭއްވުމަށް ނިންމާފައިވާ މިބައްދަލުވުމަކީ އެކޮމިޓީން ދައުލަތުގެ އެކި މުއައްސަސާތަކާއެކު ބާއްވާ ބައްދަލުވުންތަކުގައި ބަޖެޓްގެ ދަތިކަމާ ގުޅޭގޮތުން ހުށަހެޅި ކަންބޮޑުވުންތައް ފިނޭންސް މިނިސްޓަރާ ޙިއްސާކުުރުމަށް ބާއްވާ ބައްދަލުވުމެކެވެ.

މިބައްދަލުވުމުގެ އެންމެ ބޮޑު މަޤުސަދަކީ އަންނަ އަހަރަށް ދައުލަތުން ބަޖެޓް އެކުލަވާލާއިރު މިނިވަން މުއައްސަސާތަކަށް ބަޖެޓްގެ ދަތިކަން ހުރި މިންވަރާއި، ބަޖެޓް ބޭނުންވާވަރު ފިނޭންސް މިނިސްޓަރާ، އެމިނިސްޓްރީގެ ބޭފުޅުންނާ ޙިއްސާކުރުންކަމަށް ކޮމިޓގެ މުޤައްރިރު ވިދާޅުވެފައިވެއެވެ.

މިބައްދަލުވުމުގައި ދައުވަތުއަރުވަން ހަމަޖެހިފައިވަނީ މިނިވަން މުއައްސަސާތަކުގެ ވެރިންނަށް އެކަންޏެވެ. ކޮންމެ އަހަރަކުވެސް، ކުރިއަށް އޮންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހަޅަނީ ޢާންމުކޮށް ސެޕްޓެމްބަރު ނޫނީ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. 2020ވަނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް ހުށަހެޅުމުގެކުރިން މިފަދަ މަޝްވަރާތަކެއް ކުރުމަށް ހަމަޖެހިފައިވާއިރު، ސަޕްލިމަންޓްރީ ބަޖެޓް މިހާރުވަނީ މަޖިލީހަށް ހުށަހަޅާފައެވެ.