މީރާގެ ބޯޑަށް ސަރުކާރުން ގެންނަ ބަދަލުތަކަކީ ވަކިމީހަކަށް ޓާގެޓްކޮށް، ވަކިމީހަކު ބޭރުކުރުމަށް ހުށަހަޅާ އިސްލާޙްތަކެއް ނޫންކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާޙްތަކާއި ގުޅިގެން މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީގެ މެމްބަރުންނަށް މަޢުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓްރީގެ ޓެކްސް ޕޮލިސީ ކޮންސަލްޓަންޓް އަރުޝަދު ޖަމީލް ވިދާޅުވީ ޤަނޫނަށް ހުށަހެޅިފައިވާ އިސްލާހަކީ މީރާގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ހުށަހަޅާފައިވާ އިސްލާހުތަކެއްކަމަށެވެ. މި ޤާނޫނަށް ބަދަލު ގެނައުމަކުން މީރާގެ ބޯޑާއި، މެނޭޖްމަންޓް ބަދަލުވެގެން ނުދާނެކަމަށާއި، އެކަން ކުރަން ޤާނޫނުގައި ވަކި ގޮތްތަކެއް ކަޑައަޅާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖެއަކީ މިސަރަހައްދުގެ އެންމެ ހަރުދަނާ ޓެކްސްގެ ނިޒާމު އޮތް އެއް ޤައުމަށްވާއިރު ބައިނަލް އަޤުވާމީ ޓެކްސްގެ ނިޒާމުތަކާއި ހިންގާ ގޮތްތަކަށް ބެލުމަށްފަހު ބަދަލު ގެނައުމަކީ މައްސަލައެއް ނޫންކަމަށް އަރުޝަދު ވިދާޅުވިއެވެ.
ކޮމިޓީގެ މެމްބަރުންނަށް މަޢުލޫމާތު ދެއްވަމުން އިކޮނޮމިކް މިނިސްޓްރީގެ ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވީ، މީރާ މެދުވެރިކޮށް ޢާމްދަނީ ހޯދަނީ ކޮންމެ ދައުލަތަކުންވެސް ޢާންމު ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ޙިދުމަތްތަކާއި، ތަރައްޤީއާ ގުޅިގެން ހިންގަންޖެހޭ އެކިއެކި މަޝްރޫޢުތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށްކަމަށެވެ. މިނިޒާމުގެ އެންމެ މުހިންމު ބަޔަކީ ކަލެކްޝަން އޮތޯރިޓީކަމަށްވާއިރު، އެކި ޙާލަތުގައި ސިޔާސަތަށް ގެންނަ ބަދަލުތަކާ ގުޅިގެން ގެނެވޭ ބަދަލުތަކުން ވިޔަފާރިތަކަށް އޭގެ ފައިދާއާއި ގެއްލުން ކުރާ ފަހަރުވެސް ވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. މިފަދަ ސަބަބުތަކާހެދި ސަރުކާރުން މިނިޒާމު ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް މިގެނައި ބަދަލަކީ މިކަންކަމަށް ހައްލުތަކެއް އަންނާނެ ބަދަލުތަކެއްގެ ގޮތުގައި ވިސާމް ފާހަގަކުރެއްވިއެވެ.
ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހޅާފައިވާ އިސްލާހުތަކުގެ ތެރެއިން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ޢައްޔަންކުރެވޭ މީހެއްގެ މަޤާމުގެ މުއްދަތަކީ، 5 އަހަރެވެ. މި ދެމަޤާމަށް ބޭފުޅުން ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ. އަދި މީރާގެ ބޯޑަށް އައްޔަން ކުރައްވާ މެންބަރުން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވަން ޖެހޭނީ މިނިސްޓަރުގެ ލަފާގެ މަތިން ކަމަށާ، މީރާގެ ބޯޑަށް އައްޔަންކުރައްވާ މެންބަރުންގެ ނަންތައް މަޖިލީހަށް ފޮނުވާއިރު ބޯޑަށް މެންބަރުން ބޭނުންވާ ޢަދަދަށްވުރެ އިތުރަށް ނަން ފޮނުވަން ޖެހޭނެ ކަމަށް އިސްލާހުގައި ބުނެފައިވެއެވެ.