ރިޕޯޓް

ޒުވާނުން ދުންފަތާ ދުރުކޮށް އުފެއްދުންތެރި ބަޔަކަށް ހަދަން ޖެހޭ


ދުންފަތުން ލިބޭ ގެއްލުމުން ރާއްޖޭގެ ޒުވާނުންގެ އާބާދީ  ސަލާމަތްކޮށް، ޒުވާނުންގެ އުފެއްދުންތެރިކަން އިތުރުކޮށް، ޒުވާނުންގެ މަސައްކަތް ބަލައިގަތުމަކީ ދުނިޔޭގައި ހާސިލްކުރެވޭނެ ވަރަށް ބޮޑު ކާމިޔާބީއެއްކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.މިނިސްޓަރ މިހެން ވިދާޅުވީ، ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލް ނުކުރާ ދުވަސް ފާހަގަކުރުމަށް ރޭ ނޭޝަނަލް އާޓް ގެލަރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލްކުރާ ޒުވާނުންގެ ނިސްބަތަކީ 40 އިންސައްތައެވެ. އަދި ޅައުމުރުގައި ދުންފަތުގެ އިސްތިއުމާލް ކުރާ ނިސްބަތަކީ 17 އިންސައްތަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލް ނުކުރާ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދުންފަތް ހުއްޓުވުމަށް ގައުމީފެންވަރުގައި ފަށާ ކެމްޕެއިން " އައި ޗޫޒް ލައިފް، ބޭނުމީ ދިރިއުޅެން" މި ކެމްޕޭން އިފްތިތާހް ކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރ މުހައްދު ސައީދުއެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވީ، މި ގައުމީ ކެމްޕޭނަކީ ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރާ ކެމްޕޭނަކަށް ވުމާއެކު، މީ ޒުވާނުންނަށް ދުންފަތާ ގުޅޭ މެސެޖުތައް ލިބުމަށް ފަސޭހަ ކާމިޔާބު ކެމްޕޭނަކަށް ވެގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.މިނިސްޓަރ ވިދާޅުވީ، ޒުވާނުންނަކީ ދުޅަހެޔޮ ، ފައިދާހުރި މަސައްކަތްތަކުގައި އަހުލުވެރިބަޔަކަށް ހެދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ.އިޖްތިމާއީ، އިޤްތިޞާދީ އަދި ގައުމަށް ފައިދާހުރި އުފެއްދުންތެރިކަން އިތުރުކުރުމަށް ހުރިހާ ދާއިރާއެއްގައި ޒުވާނުން އަހުލުވެރިކުރުމަށް ސަރުކާރުން ގިނަ މަސައްކަތަކެއް ކުރައްވަމުން ގެންދަވާކަންވެސް މިނިސްޓަރ ސައީދު ފާހަގަކުރެއްވިއެވެ.މިރަސްމިއްޔާތުގައި ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމް ދެއްކެވި ވާހަކަފުޅުގައި، ދުންފަތުގެ އިސްތިއުމާލްކުރާ ޒުވާނުން އެކަމުން ދުރާލާ ދުރުހެލި ކުރުމަށް މަސައްކަތްކުރުމަށް އިލްތިމާސްކުރެއްވިއެވެ. އަދި މިދުވަހަކީ ދުންފަތުން ދުރުހެލިވުމަށް އަޒުމްކަނޑައެޅުމަށް އެންމެ އެކަށޭނަ ދުވަސްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.މިރަސްމިއްޔާތުގައި ދުންފަތް ކޮންޓްރޯލްކުރުމަށް ކުރުމަށް ކުރަމުން ގެންދާ މަސައްކަތަކާއި ގުޅޭގޮތުން އެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑެޕިއުޓީ ޑިރެކްޓަރ ވާހަކަ ދެއްކެވިއެވެ.ދުންފަތުގެ އިސްތިއުމާލް ނުކުރާ ދުވަސް ފާހަގަކުރުމަށް ބޭއްވި މި ރަސްމިއްޔާތުގައި، ދުންފަތާއި ބެހޭ މައުލޫމާތު އާންމުނަށް ދިނުމާއި، ދުންފަތާ ދެކޮޅަށް ކުރާ މަސައްކަތް ފާހަގަކޮށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއު އެޗް އޯއިން ދޭ 2014 ވަނަ އަހަރުގެ އެވޯޑް ށ. އަތޮޅު ހޮސްޕިޓަލްގެ ކޮމިއުނިޓީ ހެލްތު އޮފިސަރ އަހުމަދު ނާޒިމަށް ވަނީ  ދީފައެވެ. އަދި ދުންފަތުގެ ވިޔަފާރި ހުއްޓުވުމާއި، ގަވާއި ޚިލާފަށް ދުންފަތް އެތެރެކުރުން ހުއްޓުވުމަށް ކުރާ މަސައްކަތް ފާހަގަކޮށް 2015 ވަނަ އަހަރުގެ އެވޯޑް މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ވަނީ ދީފައެވެ. ރާއްޖޭއަށް 2014 ވަނަ އަހަރު 48 މިލިއަން ސިގިރެޓް އެތެރެކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުންދައްކައެވެ. ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް މޭ މަހުގެ 31 ވަނަ ދުވަހުގައެވެ.