ޚަބަރު

ވީއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީ ސައްޙަ ކަމަށް އެމްއޯސީން ނިންމައިފި


ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް ވީއޭއެމްގެ ނޯމަލައިސޭޝަން ކޮމިޓީ ސައްޙަކަމަށް ނިންމާ މޯލްޑިވްސް އޮލީމްޕިކް ކޮމިޓީ، އެމްއޯސީން އެކަން އިންޓަނޭޝަނަލް ވޮލީބޯލް ފެޑެރޭޝަން، އެފްއައިވީބީއަށް އަންގައިފިއެވެ.

ދުނިޔޭގެ ވޮލީބޯޅައާއިބެހޭ މައި އިދާރާ، އެފްއައިވީބީގެ ރަޢީސް ޑ.އަރީ ގްރާސާއަށް އެމްއޯސީއިން ފޮނުވި ސިޓީގައި ބުނެފައިވަނީ ކޮމިޝަނަރ އޮފް ސްޕޯޓްސުން ވީއޭއެމްގެ ހިންގުން ނޯމަލައިސޭޝަން ކޮމިޓީއަކާއި ހަވާލުކުރަން ނިންމި ނިންމުން ސައްޙަކަމަށާއި އެ އެސޯސިއޭޝަނުން އިންޓަރިމް ކޮމިޓީ ބަލައިގަންނަކަމަށެވެ. އަދި ވޮލީބޯޅަ އިންޓަރިމް ކޮމިޓީން ރާއްޖޭގެ ވޮލީބޯޅަ ކުރިއަރުވާ ވޮލީބޯޅައަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކޮށް އަލުން ހަމަ މަގަށް އަޅުވަން ކުރާ މަސައްކަތްތަކަށް އެމްއޯސީގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދޭނެކަންވެސް އެމްއޯސީގެ ޖެނެރަލް ސެކެޓްރީ އަޙްމަދު މަރްޒޫގް ސޮއިކުރައްވާ އެފްއައިވީބީއަށް ފޮނުވި ސިޓީގައި ފާހަގަކުރިއެވެ.

މީގެ އިތުރުން، އެފްވައިވީބީން ބާއްވާ ރީޖަނަލް ހުރިހާ ބައްދަލުވުންތަކާއި ސެމިނާތަކާއި ފޯރަމްތަކުގައި ނޯމަލައިސޭޝަން ކޮމިޓީގެ މެމްބަރުންނަށް ވީއޭއެމް ތަމްސީލުކުރެވޭނެ އިންތިޒާމުތައް ހަމަޖައްސާ އެފްއައިވީބީން ނޯމަލައިޒޭޝަން ކޮމިޓީއަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދެއްވުމަށްވެސް އެމްއޯސީންވަނީ އެދިފައެވެ. އެގޮތުން، މި މަހުގެ 13ވަނަ ދުވަހު ނޭޕާލްގެ ކަތަމަންޑޫގައި އޮންނަ އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން، އޭވީސީގެ އަހަރީ ޢާންމު ޖަލްސާގައި ބައިވެރިވުމުގެ ހުއްދަ، ނޯމަލައިޒޭޝަން ކޮމިޓީގެ ނާޢިބު ރައީސް، އަދި ޔޫތް މިނިސްޓްރީގެ ނާޢިބު އަޙްމަދު އިބްރާހީމަށް ދެއްވުމަވެސް އެމްއޯސީން ވަނީ އެދިފައެވެ. މި ޖަލްސާގައި އަންނަ އަހަރުގެ ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕުގެ އަންހެން އަދި ފިރިހެން މުބާރާތްވެސް ބާއްވަން ރާއްޖެއިން ހުށަހެޅުމަށް ސްޕޯޓްސް މިނިސްޓްރީން ވަނީ ނިންމާވާފައެވެ.

ވޮލީބޯޅަ އެސޯސިއޭޝަންގެ ކުރީގެ ރަޢީސް މުޙައްމަދު ލަޠީފުގެ މައްސަލަތަކެއް ބަލާ ކޮމިޝަނާ އޮފް ސްޕޯޓްސުން ވޮލީބޯޅަ އެސޯސިއޭޝަންގެ ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއަކާއި ހަވާލުކޮށްފައިވަނީ މި އަހަރުގެ ޖޫން މަހުގެ 10ވަނަ ދުވަހުއެވެ. އެ ކޮމިޓީގެ ޒިންމާއަކީ ތިންމަސް ދުވަހުގެ މުއްދަތަކަށް އެސޯސިއޭޝަންގެ ހިންގުމާ ހަވާލުވެ، މައްސަލަތައް ޙައްލުކޮށް އިންތިޚާބެއް ބޭއްވުމެވެ.

އޭގެ ފަހުން، މިދިޔަ ޖުލައި މަހު އެފްއައިވީބީންވަނީ އެސޯސިއޭޝަންގެ އިންޓަރިމް މަރުޚަލާއާއި ބެހޭ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށާއި އެކަން އޮޅުން ފިލުވައިދިނުމަށް އެދި އެމްއޯސީގެ ރަޢީސް އަޙްމަދު ޝަވީދަށް ސިޓީއެއް ފޮނުވާފައެވެ.

ވީއޭއެމްގެ މައްސަލާގައި އެ އިދާރާގެ ކުރީގެ ރަޢީސް މުޙައްމަދު ލަޠީފްވަނީ ވީއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓިއެއް އެކުލަވާލަން ކޮމިޝަނަރ އޮފް ސްޕޯޓްސުން ނިންމި ނިންމުމަކީ ދިވެހި ރާއްޖޭގެ ކުޅިވަރުގެ ޤަނޫނާއި ކުޅިވަރު ޖަމްޢިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާއި ބެހޭ ޤަވާއިދާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ކަނޑައަޅާ، ވަގުތީ އަމުރެއް ނެރެދިނުމަށްއެދި ސިވިލް ކޯޓުގައި އެދިފައެވެ. ނަމަވެސް ސިވިލްކޯޓުން ލަޠީފު އެދުނު ގޮތަށް، ސްޕޯޓްސް މިނިސްޓްރީއާ ދެކޮޅަށް، އަމުރު ނެރެދީފައެއް ނުވެއެވެ.