ޚަބަރު

މަސްވެރިންނަށް ޕެންޝަން ސްކީމެއް ތަޢާރަފްކުރުމުގެ ޤާބިލްކަން ފަންޑުގައި އެބަހުރި - ޕެންޝަން އޮފީސް


ސަރުކާރުން ކަނޑައަޅާ ސިޔާސަތުތަކާ އެއްގޮތަށް މަސްވެރިންނަށް ޕެންޝަން ސްކީމެއް ތަޢާރަފްކުރުމުގެ ޤާބިލްކަން ޕެންޝަން ފަންޑުގައި ހުރިކަމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ހާމަކުރައްވައިފިއެވެ. އެ އޮފީހުން މިހެން ހާމަކުރީ މަސްވެރިކަމުގެ ބިލް ދިރާސާކުރާ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މަސްވެރިކަމުގެ އައު ސިޔާސަތުތައް ކަނޑައެޅުމަށް ސަރުކާރުން ވަނީ މަސްވެރިކަމާ ބެހޭ އައު ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައެވެ. އެ ބިލް ދިރާސާކުރަމުން އަންނަނީ ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީންނެވެ. މަސްވެރިނަށް ފައިދާވާނެ ސިޔާސަތުތަކެއް ކަނޑައެޅުމަށް ލަފާހޯދުމަށް ވަނީ ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި، އިކޮނިމިކް މިނިސްޓްރީއާއި ބޭންކް އޮފް މޯލްޑިވްސްގެ ވެރިން އެ ކޮމިޓީއަށް ޙާޒިރުކޮށްފައެވެ.

ކޮމިޓީގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ސީއީއޯ މުޙައްމަދު ޙުސައިން މަނިކު ވިދާޅުވީ، ޕެންޝަން ސްކީމްގައި މިހާތަނަށް ބައިވެރިވެފައިވަނީ ވަޒީފާ ދޭފަތާތްތަކުންނާއި ވަޒީފާ އަދާކުރާ ފަރާތްތަކުންކަމަށެވެ. ނަމަވެސް އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށްވެސް ޕެންޝަން ސްކީމްގައި ބައިވެރި ނުވާކަން ފާހަގަކުރައްވާ މަނިކު ވިދާޅުވީ އަމިއްލަ މަސައްކަތްކުރާ ފަރާތްތައް ޕެންޝަން ސްކީމްގައި ބައިވެރިވުން ޤާނުނު ލާޒިމް ނުކުރާކަމަށެވެ. އެގޮތުން މަސްވެރިންނާއި ދަނޑުވެރިންނާއި އެނޫންވެސް އަމިއްލަ މަސައްކަތް ކުރާ އެއްވެސް ފަރާތަކުން މިހާތަނަށް އެ ސްކީމްގައި ބައިވެރިވެފައިނުވާކަން ފާހަގަކުރައްވާ ޕެންޝަން ބޯޑްގެ ސީއީއޯ މުޙައްމަދު ޙުސައިން މަނިކު ވިދާޅުވީ، އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ޕެންޝަން ސްކީމްގައި ބައިވެރިވުން ލާޒިމް ނުކުރުމަކީ ގޮންޖެހުމެއްކަމަށެވެ.

މިވަގުތުވެސް ޕެންޝަން ސްކީމްގެ ބައިވެރިންގެ ޢަދަދު އެއްލައްކަ ފަންސާސް ހާހަށްވުރެ އިތުރުކަން ފާހަގަކުރައްވާ މަނިކު ވިދާޅުވީ، ސަރުކާރުން މަސްވެރިންނަށް ތަފާތު ވިސްނުމެއް ގެންގުޅޭކަމަށްވާނަމަ ޕެންޝަން ސްކީމްގައި ބައިވެރިކޮށް ޕެންޝަން ފައިސާ ލިބޭނެ ގޮތް ހެދުމަކީ ކުރެވިދާނެކަމެއްކަމަށެވެ. އެއީ ބަޖެޓަށްވެސް ބަދަލުތަކެއް އަންނާނެކަމެއްކަން ފާހަގަކުރައްވާ ސީއީއޯ ވިދާޅުވީ، އެކަން ކުރެވޭނީ ސަރުކާރުން ކަނޑައަޅާ ވަކި ސިޔާސަތުތަކެއްގެ މައްޗަށް ބިނާކޮށްކަމަށެވެ.

"މަސްވެރިގެ ޢުމުރާއި މަސްވެރިކަން ކުރާ ދުވަސްވަރަށް ބަލާމިއީ ކުރެވިދާނެކަމެއް. އެއީ ދައުލަތުން ކަނޑައަޅަންޖެހޭ މިންގަނޑުތަކެއް. އެ މިންގަނޑުތައް ކަނޑައެޅިއްޖެނަމަ އަޅުގަނޑުމެން ޓެކްނިކަލް ލެވެލްގައި ދެވެންހުރި އެހީއެއް ދޭން މިތިބީ ތައްޔާރަށް." މަނިކު ވިދާޅުވިއެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ބިލްގައި ވަނީ މަސްވެރިކަމުގެ ސިނާއަތް ފުޅާކުރެވި މަސްވެރިކަމުގެ އައު އުފެއްދުންތަކާއި ބާވަތްތައް އުފައްދާ އޭގެ މަންފާ އިޤްތިޞާދަށް ކުރާނެކަމަށް ބަޔާންކޮށްފައެވެ. އެގޮތުން މަސް ފެކްޓްރީތަކާއި، އޮފްޝޯ ޕްލެޓް ފޯމްތައް މި ބިލް ޤާނޫނަކަށް ވުމުން އުފައްދަން ލާޒިމްކުރާނެއެވެ.

މި ކޮމިޓީގައި ވާހަކަ ދައްކަވަމުން ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތުގައި އިތުރު މަސައްކަތްތަކެއް އުފެދިގެން އައުމުގެ ނަތީޖާއަކީ އިޤްތިޞާދަށް ވަރަށް ގިނަ ފައިދާތަކެއް ކުރާނެކަމެއްކަމަށެވެ. މިހާރު ބިލްގައި ބަޔާންކޮށްފައިވާގޮތަށް މަސްވެރިކަމުގެ ސިނާއަތުން އިތުރު އުފެއްދުންތަކެއް އުފައްދާ އިޤްތިޞާދުގައި ދައުރުވާނަމަ އޭގެ ފައިދާ އިތުރުވާނެކަން ވިސާމް ފާހަގަކުރެއްވިއެވެ.

"ޖުމްލަ ގޮތެއްގައި މި ބިލްގައި ގެންގުޅެފަހުރި ވިސްބުމުގެ ނަތީޖާއެއްގެ ގޮތުން އައު އަދި އިތުރަށް ފުޅާކުރެވިދާނެ އިޤްތިޞާދީ ހަރަކާތްތައް. އިޤްތިޞާދީ ވުޒާރާހެ ނަޒަރުން ބަލާނަމަ އެ އައު މަސައްކަތްތައް އުފަންވެގެން އައުމުން އިޤްތިޞާދަށް ބޮޑެތި ފައިދާތަކެއްކުރާނެ." ވިސާމް ވިދާޅުވިއެވެ.

މަސްވެރިކަމުގެ ބިލަކީ މަޖިލީހުގެ މިދައުރުގައި ކުރާނެ އެންމެ ބޮޑު މަސައްކަތްކަމަށް މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. މަސްވެރިކަމުގެ ބިލަށް މަޖިލީހުގެ ތަޅުމުގައި ބަހުސްކުރެއްވިއިރު ގިނަ މެންބަރުން ވަނީ މަސްވެރިންނަށް ޕެންޝަން ސްކީމެއް ތަޢާރަފްކުރުމަށް ތާޢީދުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. އަދި އެ އިޞްލާޙު ކޮމިޓީ މަރުހަލާގައި ގެނައުމަށް މަޖިލީހުގެ ގިނަ މެންބަރުން ގޮވާލައްވާފައިވެއެވެ.