ސިޔާސީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އަޒްމިރާލްޑާއާއި ޝުޖޫން ޢައްޔަންކުރުމަށް ޖޭއެސްސީގެ ލަފައަށް އެދިއްޖެ


ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޑރ.އަޒްމިރާލްދާ ޒާހިރާއި، އަލްއުސްތާޛާ އައިޝާ ޝުޖޫން މުޙައްމދު ޢައްޔަނުކުރެއްވުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަނުގެ ލަފާފުޅަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހުށައަޅުއްވައިފިއެވެ.

ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު 7 ފަނޑިޔާރުންނަށް ބަދަލުކުރުމަށް ކޯޓުތަކުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިޞްލާޙު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ 23 ވަނަ ދުވަހުއެވެ.

ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވަނީ 5 ފަނޑިޔާރުންނެވެ. ސުޕްރީމް ކޯޓަށް ފަނޑިޔާރުންގެ ގޮތުގައި އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޖޭއެސްސީގެ ލަފައަކަށް އެދިވަޑައިގެން ފޮނުއްވާފައިވަނީ ސ.ސީނާ ޑރ.އަޒްމިރާލްދާ ޒާހިރާއި، މ.ކޮކާހަނދުވަރު އަލްއުސްތާޛާއައިޝާ ޝުޖޫންގެ ނަންފުޅެވެ.

މި ދެބޭފުޅުން ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް ޢައްޔަންކުރައްވައިފިނަމަ، ޝަރުއީ ދާއިރާގެ ބެލެނިވެރި ފަރާތުގެ ފަނޑިޔާރުންގެ ބެންޗު ފެނިގެންދާނީ ތާރީޚީ ބަދަލެއްގެ ގޮތުގައެވެ. އެ ދެބޭފުޅުން ވެގެންދާނީ ރާއްޖޭގައި ޢަމަލުކުރަމުން އަންނަ ޤާނޫނު އަސާސީގެ ދަށުން އުފެދުނު ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ ގޮތުގައި ޢައްޔަންކުރައްވާ ފުރަތަމަ ދެ އަންހެން ފަނޑިޔާރުންނަށެވެ.
ޤާނޫނު އަސާސީގައި ބަޔާންކުރާގޮތުންގައި ސުޕްރީމް ކޯޓަށް ފަނޑިޔާރަކު ޢައްޔަންކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފެންނަ ނަންތަކެއް ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވުމަށްފަހު، އެލަފާފުޅުގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެ ނަންފުޅުތައް ރައްޔިތުންގެ މަޖިލީހަށް ފޮނުވާނެވެ. އަދި އެ ނަންފުޅުތަކަށް ރުހުންދޭނީ ރައްޔިތުންގެ މަޖިލީހުންނެވެ.

ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ލަފާފުޅަކަށް ފޮނުއްވާފައިވާ ޑރ.އަޒްމިރާލްޑާ ޒާހިރު މީގެ ކުރިން ވަނީ ހައިކޯޓްގެ ފަނޑިޔާރުކަންވެސް ކުރައްވާފައެވެ. ހައިކޯޓުގައި މަަސައްކަތް ކުރައްވަމުން ގެންދެވި ހަމައެކަނި އަންހެން ފަނޑިޔާރު އަޒްމިރަލްޑާ، ކުއްލި ގޮތަކަށް ދެކުނު ގޮފި ހަދައި ވަކި މުއްދަތެއް ނެތްގޮތަށް އައްޑޫ ސިޓީ ގޮތްޕަށް ބަދަލުކުރެއްވުމުން އެކަމަނާ ވަނީ މަޤާމުން އިސްތިއުފާދެއްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަޙްމަދު ޒާހިރުގެ ދަރިކަނބަލުން އަޒްމިރަލްޑާއަކީ ޤާނޫނީ ދާއިރާއިން މަތީ ތަޢުލީމް ހާސިލްކުރައްވާފައިވާ މަދު ކަނބަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، އެތައް ބައެއްގެ އިޙްތިރާމް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އަޒްމިރާލްޑާ ވަނީ އިނގިރޭސިވިލާތުން ގާނޫނީ ދާއިރާއިން ޕީއެޗްޑީ ހާސިލް ކުރައްވާފައެވެ. މީގެ އިތުރުން އެކަމަނާ ވަނީ ފަނޑިޔާރުކަމަށް ޢައްޔަންކުރެއްވުމުގެ ކުރިން ބަންޑާރަ ނައިބު އޮފީހުގައިވެސް މަސައްކަތްކުރައްވާފައެވެ.

ޖޭއެސްސީގެ ލަފާފުޅަކަށް އެދިވަޑައިގެން ރައީސް ނަން ފޮނުއްވެވި އައިޝާ ޝުޖޫން އަކީ ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން ދާދިފަހުން އުފެދުނު ޤާނޫނީ ވަކީލުންގެ ކަންކަން މޮނިޓަރކުރާ ބާ ކައުންސިލްގެ މެންބަރެކެވެ. މީގެ އިތުރުން އަނިޔާވެރި ޢަމަލުތަކާއި ދެކޮޅަށް މަސައްކަތްކުރާ އދ. ގެ ސަބް-ކޮމެޓީ (އެސްޕީޓީ)އަށް ދެފަރު އިންތިޚާބުވެވަޑައިގެންނެވި އައިޝާ ޝުޖޫން އަކީ ރާއްޖޭގެ އެންމެ ފުރަތަމަ އަންހެން ގާޒީވެސްމެއެވެ. އެކަމަނާ އެންމެ ފުރަތަމަ ޤާޒީއަކަށް ޢައްޔަންކުރައްވާފައިވަނީ ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި 11 ޖުލައި 2007 ވަނަ އަހަރުއެވެ.

ކޯޓްތަކައި ބެހޭ ޤާނޫނަށް ގެނައި އިޞްލާޙުގެ ދަށުން ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ ޢަދަދު 7 އަކަށް އިތުރުވާއިރު، ޝަރުޢީ ދާއިރާ އިޞްލާޙުކޮށް އަދުލުވެރި ފަނޑިޔާރުގެއެއް ޤާއިމްކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދުފުޅެކެވެ. ދިވެހި ތާރީޚުގައި ސުޕްރީމް ކޯޓެއް ފުރަތަމަ ފަހަރަށް ޤާއިމު ކުރެވުނީ 18 ސެޕްޓެމްބަރ 2008 ގައެވެ. އޭރު ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް އައްޔަނުކުރެއްވީ 5 ފަނޑިޔާރުންނެވެ. އުއްތަމަ ފަނޑިޔާރަކަށް ހުންނެވީ އަބްދުﷲ ސަޢީދުއެވެ.

ނަމަވެސް 2010 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 10 ވަނަ ދުވަހު ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ދަށުން ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް ބަދަލުކޮށް، އަލުން ފަނޑިޔާރުން އައްޔަންކުރެއްވިއެވެ. އެފަހަރު އުއްތަމަ ފަނޑިޔާރަކަށް އައްޔަންކުރެއްވީ އަހުމަދު ފާއިޒް ހުސައިންނެވެ.

އޭގެފަހުން އަނެއްކާވެސް ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 ފަނޑިޔާރުންނަށް ބަދަލުކުރުމަށް 2014 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައި ޤާނޫނު އިސްލާހުކުރިއެވެ. އެފަހަރު ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ ބެންޗު 5 އަށް ކުޑަކުރުމުން، މަޤާމު ގެއްލުނީ އޭރު އުއްތަމަ ފަނޑިޔާރަކަށް ހުންނެވި އަޙްމަދު ފާއިޒު ޙުސައިންއާއި ފަނޑިޔާރު މުޢަތަސިމް އަދުނާންއެވެ. އަދި 2014 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 14 ވަނަ ދުވަހު އުއްތަމަ ފަނޑިޔާރުގެ މަޤާމަށް އަނެއްކާވެސް އަބްދުﷲ ސަޢީދު އައްޔަނުކުރެއްވިއެވެ.

ނަމަވެސް ޖީނާޢީ ކުށެއްގެ ސާބިތުވުމާ ގުޅިގެން އުއްތަމަ ފަނޑިޔާރަަކަށް ހުންނެވި އަބްދުﷲ ސަޢީދު ފަނޑިޔާރުކަމުން ވަކިކޮށް، އުއްތަމަ ފަނޑިޔާރުގެ މަޤާމަށް މިހާރު އެމަޤާމުގައި ހުންނެވި ޑރ. އަހުމަދު އަބްދުﷲ ދީދީ އައްޔަންކުރެއްވީ 2018 ވަނަ އަހަރުގެ ޖޫންމަހުގެ 28 ވަނަ ދުވަހުއެވެ.