ޚަބަރު

ރައީސް ޔާމިނާއި އަދީބުގެ ކޯޓުރޫމް ބައްދަލުވުން


2013ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެންޕެއިން ދުވަސްވަރުން ފެށިގެން 2015ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާއި ހަމައަށް ސިޔާސީ މަސްރަހުގައި އެންމެ ގާތް ދެއެކުވެރިންގެ ގޮތުގައި ފެނިގެން ގޮސްފައިވަނީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އަޙްމަދު އަދީބު ޢަބްދުލްޣަފޫރެވެ.

2013ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު އަދީބު ފާހަގަކުރެވިގެންދިޔައީ ރައީސް ޔާމީންގެ ކެމްޕެއިންގައި އިސްކޮށް ޙަރަކާތްތެރިވި އެއްބޭފުޅެއްގެ ގޮތުގައެވެ. 2013ވަނަ އަހަރު ވެރިކަމުގައި ހުންނެވި ރައީސް ވަހީދުގެ ވެރިކަމުގައި ޓްއަރިޒަމް މިނިސްޓަރުގެ މަޤާމް ފުރުއްވަމުން ގޮސްފައިވާ އަދީބް ވެފައިވަނީ އޭރުގެ ސިޔާސީ މައިދާނުގައި އަރަމުންދިޔަ އެންމެ މަގުބޫލު އެއްބޭފުޅެއްގެ ގޮތުގައެވެ.

ސިޔާސީ ބާރުވެރިކަމާއި، ޕާޓީގެ ބާރުވެރިކަންވެސް އަދީބަށް އޮތުމާއެކު އޭރު ރިޔާސީ ރޭހަށް ނުކުންނެވި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް އަދީބަކީ ވަރަށް މުހިންމު އަދި އެހާމެ ބޭނުންތެރި ބޭފުޅެއްކަމުގައި ވެގެންދިޔަތަން ސިޔާސީ މަސްރަހުން ފެނިގެންދިޔައެވެ.

ރައީސް ޔާމީނާއި އަދީބުގެ ގުޅުން އިތުރަށް ފުޅާވެ ބަދަހިވެގެން ގޮސްފައިވަނީ 2013ގެ އިންތިޚާބް ކާމިޔާބްކޮށް ދައުލަތުގެ އެންމެ ބާރުވެރި އެއް މަޤާމްކަމުގައިވާ ޓުވަރިޒަމް މިނިސްޓަރުގެ މަޤާމަށް އަދީބު ޢައްޔަންކުރި ހިސާބުންނެވެ. އެއާއެކު އަދީބު ސިފަކުރެވެމުންދިޔައީ ރައީސް ޔާމީންގެ ވެރިކަން ދަމަހައްޓައި، ޕީޕީއެމްގެ ހަރަކާތްތައް ހިންގައި އިންތިޚާބުތައް ކާމިޔާބުކުރުމަށް އެންމެބޮޑެތި ހޭދަތައް ކުރައްވަމުންދިޔަ ބޭފުޅާގެ ގޮތުގައެވެ. 2013ގެ ފަހުން ކުރިމަތިވި މަޖިލިސް އިންތިޚާބާއި، ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުކުރުމަށް ޕީޕީއެމަށް ކާމިޔާބުވުމުގެ އެންމެ މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅަކީވެސް އަދީބުކަމަށް ސިފަކުރާ ފަރާތްތައް މަދެއްނޫނެވެ.

އިންތިޚާބުތަކަށްފަހު އަދީބުގެ މިސްރާބް ހުރީ ޤައުމުގެ ނާއިބް ރައީސް މަޤާމަށް ވަޑައިގެންނެވުމަށެވެ. އޭރު ނާއިބް ރައީސްގެ މަޤާމުގައި ހުންނެވި ޑރ.މުހައްމަދު ޖަމީލް އަޙުމަދުގެ އިތުބާރު ނެތްކަމަށް މަޖިލީހުގައި 2015ވަނަ އަހަރު ޖޫންމަހު ނެގި ވޯޓަކީ ސީދާ އަދީބު ނާއިބް ރައީސްގެ މަޤާމަށް ވަޑައިގަތުމަށް ނެގި ވޯޓެއްކަމުގައި އޭރުގެ ސިޔާސީ މަސްރަހު އޮތްގޮތުން ސާފުވެއެވެ. ޑރ.ޖަމީލުގެ އެއްވެސް ބަޔާނެއް އަދި އެމަނިކުފާނުގެ އެއްވެސް ބަހެއްނެތި މަޤާމުން ވަކިކުރިކުރުމަކީ ރައީސް ޔާމީނާއި، އަހުމަދު އަދީބާ ދެމެދު އޮތް ވަރުގަދަ ގުޅުން ހާމަވާ ކަމެއްކަމުގައި ގިނަ ބަޔަކުދެކެއެވެ.

ނާއިބް ރައީސްކަމުގެ މަޤާމުގައި ގިނަ ދުވަސްތަކެއް ނުވެ 2015ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28ވަނަ ދުވަހު ރައީސްގެ ދެކަނބަލުން ދަތުރު ކުރައްވަނިކޮށް ރިޔާސީ ލޯންޗުކޮޅު ފިނިފެންމާގައި އެއްޗެއް ގޮއްވާލި މައްސަލައާ ގުޅިގެން އަދީބާއި ޔާމީނާ ދެބޭފުޅުންގެ ދެމެދުގައި އޮތް ގުޅުންވަނީ މުޅިން ކެޑިފައެވެ. ރިޔާސީ ލޯންޗު ގޮއްވާލުމުގެ ތުހުމަތު އަދީބަށްކޮށް އަދީބްވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ޖަލަށްލާފައެވެ.

އެހިސާބުން ފެށިގެން މިއަދާއި ހަމަޔަށް އަދީބާއި ރައީސް އަބްދުﷲ ޔާމީން އެއްތަނަކުން ފެނިފައިނުވެއެވެ. ދެބޭފުޅުންގެ ދެމެދުގައި ބަހުގެ ހޫނު ހަމަލާތައް ބަޔާންތަކާއި މެސެޖްތަކުގެ ޒަރީޢާއިން ހާމަކުރަމުންގޮސްފައިވާއިރު، މިދެބޭފުޅުން އެއްތަނަކުން ބައްދަލުވެ ވާހަކަދައްކި މަންޒަރު މިއަދު މިވަނީ ފެނިގެންގޮސްފަ. ޝަރީއަތުގެ ކޯޓްރޫމެއްގައި ނަމަވެސް ދެބޭފުޅުންގެ ފަރާތުން ފާއިތުވެދިޔަ 4 އަހަރުގެ ތެރޭގައި އުފެދިފައިވާ ރުޅިވެރިކަމާއި، ހިތްނުތަވަސްކަން ވަނީ ފެނިގެންގޮސްފައެވެ. ދެބޭފުޅުންސް އެއްބޭފުޅަކު އަނެއްބޭފުޅަކަށް ދޫނުދެއްވައި ހޫނު ހަމަލާތައް ރައްދު ކުރައްވަމުންދިޔަ މަންޒަރުވަނީ ފެނިގެންގޮސްފައެވެ. އަދީބް ރައީސް ޔާމީނަށް މަޢާމް ކޮށްފައިވާއިރު، ރައީސް ޔާމީންގެ ފަރާތްޕުޅުން ފެނިގެން ގޮސްފައިވަނީ ހިތްނުނަވަސްކަމާއި، ކަންބޮޑުވުންކަން ފާހަގަކޮށްލެވެއެވެ.

ރައީސް ޢަބްދުﷲ ޔާމީނާއި، އެމަނިކުފާނުގެ ނައިބް ރައީސް އަދީބުގެ މިފެނިލުމަކީ ހޫނު އަދި ޖަޒުބާތީ ފެނިލުމެއްކަމުގައި އެއްބަޔަކު ސިފަކުރާއިރު، މިއީ އެއް އިރެއްގައި ސިޔާސީ ދެ މިތުރުންގެ ހަތުރުވެރިކަން ސާފްކޮށް ފެނިގެންދިޔަ ފެނިލުމެއްކަމުގައި ބައެއް ފަރާތްތަކުންދެކެއެވެ.