ޚަބަރު

ކައުންސިލްތައް ހިންގުމަށް ކަނޑައަޅާ %5 ފައިސާއިން ނަތީޖާ ނެރެވޭނެ - ރައީސް ނަޝީދު


ދައުލަތުގެ ބަޖެޓުން ކައުންސިލްތައް ހިންގުމަށް ކަނޑައަޅާ 5 އިންސައްތަ ފައިސާއިން ނަތީޖާ ނެރެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ވެރިކަން ކުރާ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީން އިންތިޒާމްކޮށްގެން ބާއްވާ ކައުންސިލަރުންގެ މަހާސިންތާ ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ ރާއްޖޭގެ ރަށްތަކާއި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ތަރައްޤީއާއި ކުރިއެރުމަށް ޤާއިމްކުރެވުނު ނިޒާމެއްކަަމަށެވެ. ލާމަރުކަޒީ ޤާނޫނުގަައި ވަރަށް ސާފުކޮށް ރަށްރަށާއި ރަށާއި ގުޅިފައިވާ ރަށްތަކާއި ފަޅުތަކާއި ބިންތަކަކީ ކައުންސިލްގެ އިޚްތިޞާސްގެ ތެރޭގައި ހިމެނޭ ތަންތަން ކަމުގައިވާއިރު މި ތަންތަން ކައުންސިލްތަކަށް ނުލިބި އޮތް އޮތުމަކީ އެމްޑީޕީގެ ކަންބޮޑުވުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ކައުންސިލަރުންނާއި ކައުންސިލްތަކަކީ ޤާބިލް އަދި ޒިންމާދާރު ބައެއްކަން ފާއިތުވެދިޔަ 9 އަހަރުގެ ތެރޭގައި ސާބިތު ކޮށްދީފައިކަމަށާއި އެމްޑީޕީ އަދި ސަރުކާރުގެ ފުރިހަމަ އިތުބާރު ކައުންސިލަރުންނަށް އެބައޮތް ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެެވެ.

"އަޅުގަނޑުމެން މި ހަވާލުކުރަނީ 5 ޕަސެންޓްގެ ބަޖެޓެއް ކައުންސިލްތައް ހިންގުމަށް. މި ފައިސާއަކީ ކައުންސިލްތަކުގެ 5 ޕަސެންޓް މަސައްކަތް. ކައުންސިލްތަކުގެ މަސައްކަތްތަކުގެ ފަހަތުން މި ފައިސާ ދާނީ. ކައުންސިލަރުންނަކީ ޤާބިލް ހަރުދަނާ ބައެއް. ކަންކަން ކުރެވޭނެ ހިއްވަރާއި ފަންވަރު ކައުންސިލަރުންގެ ކިބާގައި އެބަހުރި،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސް ބާރުތައް ކައުންސިލްތަކަށް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރެވެމުންދާ މަސައްކަތުގެ މަޢުލޫމާތު ކައުންސިލަރުންނާއި ހިއްސާ ކުރައްވަމުން ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވީ އެމްޑީޕީން ވެރިކަމަށް އައުމަށް ވެފައިވާ ވަޢުދުތަކުގެ ތެރެއިން މެނިފެސްޓޯގެ 4.1ގައި ބުނެފައިވާ ވަޢުދަކީ ލާމަރުކަޒީ ނިޒާމުގެ ބާރުތައް ކައުންސިލަތަކަށް ދޫކޮށްލުމުގެ ވަޢުދުކަމަށެވެ. ލާމަރުކަޒީ ޤާނޫނަކީ އެމްޑީޕީގެ ތަސައްވުރެއްކަން ފާހަގަކުރައްވަމުން އަލީ ނިޔާޒް ވިދާޅުވީ ފާއިތުވެދިޔަ ވެރިކަންތަކުގައި މި ނިޒާމު ވަރަށް ބޮޑަށް ހުއްޓުވާފައިވާކަަމަށެވެ. މީހުން ދިރިއުޅޭ ރަށްރަށުގެ މަޝްރޫއުތަކާއި ބިންތަކާއި ފަޅުތަކާއި ރަށާއި ގުޅިފައިވާ ފަޅުރަށްތަކާއި މަގު ހެދުމާއި ބަދަރު ހެދުންމާއި މިސްކިތްތައް ބެލެހެއްޓުންފަދަ ކަންތައްތަކަކީ ކައުންސިލްތަކުން ކުރަންޖެހޭ ކަމެއްކަމަށްވާއިރު، މި ކަންކަންވެސް ސަރުކާރުތަކުން ހިފަހައްޓާފައިވާކަމަށް ނިޔާޒް ވިދާޅުވިއެވެ. ސަރުކާރުން ލާމަރުކަޒީ ޤާނުނަށް ގެންނަ ބަދަލުތަކުގެ ތެރޭގައި މި ކަންކަމުގެ ބާރު ކައުންސިލްތަކަށް ދޫކޮށް، މި ކަންކަން ކުރެވޭނެ ބަޖެޓަކާއިއެކު ކައުންސިލްތައް ބާރުވެރި ކުރުމަކީ ސަރުކާރުގެ އަމާޒުކަމަށް އޭނާ ވިދާޅުވިއެވެ.

"ލާމަރުކަޒީ ޤާނޫނަކީ އެމްޑީޕީގެ އިސްނެގުމުގެ މަތިން ތަޢާރަފްކުރެވުނު ޤާނޫނެއް. ނިމިދިޔަ ސަރުކާރުތަކުން ވަނީ ކައުންސިތްތަކުގެ ބާރު ކެޑޭގޮތަށް ގިނަ ކަންތައްތަކެއްކޮށްފަ. ސަރުކާރުން އިރާދަކުރެއްވިއްޔާ ލާމަޒުކަޒީ ޤާނޫނަށް މި ގެންނަ އިސްލާޙްތަކާއިއެކު ކައުންސިލްތަކަށް ލާމަރުކަޒީ ޤާނޫނުގެ ހަޤީޤީ ފޮނިމީރުކަން ލިބިގެންދާނެ،" އަލީ ނިޔާޒު ވިދާޅުވިއެވެ.

ކައުންސިލަރުންގެ މަހާސިންތާ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ގޮތާއި ގުޅޭގޮތުން މަލެ ސިޓީ ކައުންސިލްގެ ފުރަތަމަ މޭޔަރު މުހައްމަދު ޝީހާބް ވިދާޅުވީ މިރޭ ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނާއި ސުވާލުކުރުމުގެ ފުރުސަތު ކައުންސިލަރުންނަށް ލިބިގެންދާނެކަމަށެވެ. މިއަދާއި މާދަމާގެ ނިޔަލަށް އެމްޑީޕީން އިސްނަގައިގެން ކުރިއަަށް ގެންދާ މި މަހާސިންތާއަކީ ލާމަޒުރަޒީ ނިޒާމު ހިންގުމަށް ލިބިގެންދާ މުހިންމު މަސައްކަތެއްކަމުގައި ޝިހާބް ވިދާޅުވިއެވެ. އެމްޑީޕީގެ އަމާޒަކީ ލާމަރުކަޒީ ނިޒާމުގެ ބާރުތައް ރައްޔިތުންގެ އަތް މައްޗަށް ލިބުން ކަމަށާއި އެކަން ސަރުކާރުން ފަހި ކޮށްދެއްވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ލާމަރުކަޒީ ނިޒާމު އުފެއްދުމުގެ އެންމެބޮޑު ބޭނުމަކީ ރައްޔިތުންގެ އަތްމައްޗަށް ބާރުތައް ދޫކޮށްލުން. ނަމަވެސް ފާއިތުވެދިޔަ ތަނުގައި އެކަން އެގޮތަށް ހިނގަމުންނުދޭ. ނަމަވެސް އަދުގެ ސަރުކާރުން ކައުންސިލަރުންނަށް މި ބާރުތައް ދޫކޮށްލުމަށް ބޭނުންވާ މިންވަރު މި ބައްދަލުވުމުން ހާމަވޭ،" ޝީހާބް ވިދާޅުވިއެވެ.

އެމްޑީޕީން އިސްނަގައިގެން ބާއްވާ ކައުންސިލަރުންގެ މަހާސިންތާއަކީ ލާމަރުކަޒީ ޤާނޫނަށް ސަރުކާރުން ގެންނަ ބަދަލުތަކާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވޭ ހާއްސަ ބައްދަލުވުމެކެވެ. މި މަހާސިންތާގައި ކައުންސިލަރުންނަށް އެ ރަށެއްގެ ތަރައްޤީގެ މަޝްރޫޢުތަކާއި ކުރިއަށް ރޭވިފައިވާ ކަންކަންމާއި ގުޅޭގޮތުން މަޢުލޫމާތު ސާފު ކުރުމުގެ ފުރުޞަތު ލިިބިގެންދާނެކަމަށް އެމްޑީޕީން ބުނެއެވެ.