ޚަބަރު

ފޮނަދޫގައި އިމާރާތްކޮށްފައިވާ 27 ހައުސިންގ ޔުނިޓަށް ހޮވުނު މީހުންގެ ވަގުތީ ލިސްޓް އާންމުކޮށްފި


ލ.ފޮނަދޫގައި އިމާރާތްކޮށްފައިވާ 50 ހައުސިންގ ޔުނިޓްގެ ތެރެއިން 27 ހައުސިންގ ޔުނިޓަށް ހޮވުނު މީހުންގެ ވަގުތީ ލިސްޓް އިޢުލާންކޮށްފިއެވެ.

މި ހައުސިންގ ޔުނިޓްތަކަށް ކުރިމަތިލި މީހުންނަށް ޕޮއިންޓް ދިން ގޮތުގެ ލިސްޓް އިޢުލާންކޮށްފައިވާއިރު، މިހާރުވަނީ ޕޮއިންޓް ދީފައިވާ ގޮތާމެދު ޝަކުވާ ހުށައެޅުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ. ޝަކުވާ ހުށައަޅަންޖެހެނީ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހުގެ ކުރިން ފޮނަދޫ ކައުންސިލް އިދާރާއަށެވެ. ހައުސިންގ ޔުނިތްތަކަށް ހޮވުނު މީހުންގެ ދާއިމީ ލިސްޓް އިޢުލާންކުރާނީ ޝަކުވާތަކަށް ބެލުމަށްފަހުގައެވެ.

މި ހައުސިންގ ޔުނިޓްތަކަކީ ލ.ގާދޫއިން ފޮނަދުއަށް މީހުން ބަދަލުކުރުމަށްޓަކައި ހެދި ހައުސިން ޔުނިޓްތަކެވެ. އެގޮތުން އެޅި 50 ހައުސިންގ ޔުނިޓްގެ ތެރެއިން 23 ޔުނިޓް ދީފައިވަނީ ގާދޫއިން ފޮނަދުއަށް ބަދަލުވި ރައްޔިތުންނަށެވެ. އަދި ބާކީ 27 ހައުސިންގ ޔުނިޓް ދިނުމަށް ނިންމީ ފޮނަދޫގެ ރައްޔިތުންނަށެވެ.

ފޮނަދޫ ކައުންސިލްގެ ރައީސް ވިދާޅުވީ ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް އަދިވެސް މީހުންނަށް ދިރިއުޅެވޭވަރަށް ނިމިފައި ނުވާކަމަށެވެ. އެގޮތުން ފެނާއި ނަރުދަމާއާއި ކަރަންޓުގެ މަސައްކަތް ނުކުރެވި ގިނަ ދުވަސްތަކަކަށް ހުއްޓިފައިވީނަމަވެސް ނަރުދަމާގެ މަސައްކަތް މިހާރު ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެން ކުރިއަށްދާކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މި ހައުސިންގ ޔުނިޓްތަކީ 3 ކޮޓަރީގެ ގެތަކެކެވެ.

ހައުސިންގ ޔުނިޓްތަކަށް ޑައުން ޕޭވްމަންޓްގެ ގޮތުގައި ދައްކަން ޖެހެނީ 19000 ރުފިޔާއެވެ. މަހަކު 2500 ރުފިޔާ ދައްކަންޖެހޭގޮތަށް 20 އަހަރަށް ބަހާލައިގެން، ހައުސިންގ ޔުނިޓަކަށް ޖުމްލަ 6 ލައްކަ ރުފިޔާ ދައްކަން ޖެހެއެވެ.

ފޮނަދޫއަކީ 2800 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. ހައުސިންގ ޔުނިޓްތަކަށް އެދި 400އަށްވުރެ ގިނަ ފަރާތުންވަނީ ފޯމް ހުށައަޅާފައެވެ.