ޚަބަރު

ޖަލްސާ އޮންނަ ކޮންމެ ދުވަހަކު މެންބަރެއްގެ ކޮއްތަށް 159 ރުފިޔާ


ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އޮންނަ ކޮންމެ ދުވަހަކު މަޖިލީހުގެ ކޮންމެ މެންބަރެއްގެ ކޮއްތަށް 159 ރުފިޔާ 88 ލާރި ޚަރަދުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލިސް ރައީސް މިކަން ހާމަކުރެއްވީ މެންބަރުންގެ ފަރިއްކޮޅަށް ޚަރަދުވާ މިންވަރު ދެނެގަތުމަށް މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޤާނޫނުގެ ދަށުން މީހަކު އެދިފައިވާތީ އެކަމާގުޅޭ ތަފްސީލް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހާމަކުރައްވަމުންނެވެ.

މެންބަރުންގެ ކޮއްތަށް، ދުވާލަކަށް 159 ރުފިޔާ 88 ލާރި ޚަރަދުވާކަމަށް މަޖިލީހުގެ ރައީސް ހާމަކުރައްވާއިރު، މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 87 މެންބަރުންނަށް ބަލާއިރު، މިއީ ޖަލްސާ ބާއްވާ ކޮންމެ ދުވަހަކަށް 13909.56 ލާރި އެވެ.

މަޖިލީހުގެ ޖަލްސާތައް އާންމުކޮށް ބާއްވަނީ ކޮންމެ ހަފްތާއެއްގެވެސް ހޯމަ، އަންގާރަ އަދި ބުދަ މިތިންދުވަހު ކަމަށްވާއިރު، ހަފްތާއަކަށް ބަލާނަމަ މެންބަރުންގެ ކޮއްތަށް 41728.68 ރުފިޔާ ޚަރަދުވާނެއެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ ޖަލްސާ ބާއްވާ ދުވަސްތަކުގައި މަޖިލީހުގެ އިދާރާގެ މުވައްޒަފުންގެ ކޮއްތުވެސް ހަމަަޖައްސަނީ މެންބަރުންނަށް ޚަރަދުކުރާ މިންވަރުގެ ތެރެއިންކަމަށްވުމުން ސީދާ، 159 ރުފިޔާ 88 ލާރި މެންބަރުންގެ ކޮއްތަށް ޚަރަދު ނުވާކަމަށެވެ.

"މިތަނުގެ ކޮއްތައް ދުވާލަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް މިޖެހެނީ 159.99 ލާރި. މިތާ ބައްދަލުވުން ހިނގާ ކޮންމެ ދުވަހަކަށް ކޮންމެ މެންބަރަކަށް. ދެން އަޅުގަނޑު ހިތުން ތިބޭފުޅުންގެ ކޮންމެވެސް އެތިކޮޅެއް އެބައަރުވަންކަންނޭގެ މިތަނުގެ މުވައްޒަފުންނަށްވެސް. އެހެންވީމަ ތިބޭފުޅުންގެ 159 ރުފިޔާ 88 ލާރީގެ މިންވަރަކަށް ތިބޭފުޅުންނަށް ހަޤީގަތުގައި ކޮއްތެއްލިބިވަޑައިނުގަންނަވާ" މަޖިލިސް ރައީސް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ކޮންމެ މެންބަރަކަށް ކޮއްތަށް ޚަރަދުވާ މިންވަރު އިތުރުކަމަށް މެންބަރުންނަށް ނުވަތަ ރައްޔިތުންނަށް ޤަބޫލުކުރެއްވޭނަމަ އެއަދަދު ބަދަލުވެސް ކުރެވިދާނެކަމަށާއި، ނަމަވެސް މަޖިލީހުިގެ ތާރީޚަށްބަލާއިރު މެންބަރުން ސައިފޮދުހިއްޕެވުމަކީ ކުރައްވަމުންއައި ކަމެއްކަމަށެވެ.

އެގޮތުން 1932 ވަނަ އަހަރުން ފެށިގެން ސައިފޮދުގެ ކަންކަން މަޖިލިސްތެރޭގައި އޮންނަކަމަށާއި، ޖަލްސާތަކާއި ޚާއްސަ ހަފްލާތަކުގައި ކެއުމާއި ސައި މަޖިލީހުން ދެމުންގެންދަވާކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އޮންނަ ކޮންމެ ދުވަހަކު މަޖިލީހުގެ ކޮންމެ މެންބަރެއްގެ ކޮއްތަށް 159 ރުފިޔާ 88 ލާރި ޚަރަދުވާކަން މަޖިލިސް ރައީސް ހާމަކުރައްވާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައަކީ ހުރިހާ އެލަވަސްތަކާއެކު، 82500 ރުފިޔާއެވެ.