ތަޢުލީމު

އައިޔޫއެމްގެ އައު ޗާންސެލަރއާއި ވައިސް ޗާންސެލަރއާ އިސްލާމިކް މިނިސްޓަރ ބައްދަލުކުރައްވައިފި


ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ، އައި.ޔޫ.އެމްއަށް ރައީސުލްޖުމްހޫރިއްޔާ އަލަށް އައްޔަނުކުރެއްވި ޗާންސެލަރއާއި ވައިސް ޗާންސެލަރއާ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ ބައްދަލުކުރައްވައިފިއެވެ.

އައި.ޔޫ.އެމްގެ ޗާންސެލަރ ޑރ. މުޙައްމަދު ޒާޙިރު ޙުސެއިން އާއި ވައިސް ޗާންސެލަރ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާއާއެކު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި އައި.ޔޫ.އެމްގެ ކަންކަން މިހާރަށްވުރެ ހަރުދަނާކޮށް، އެ ޔުނިވަރސިޓީއާއި އިސްލާމިކް މިނިސްޓްރީން ގުޅިގެން ކުރިއަށްގެންދެވިދާނެ ޕްރޮގްރާމްތަކާގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރކަމަށް ޑރ. މުޙައްމަދު ޒާހިރު ޙުސައިން އަދި ވައިސް ޗާންސެލަރކަމުގެ މަޤާމަށް ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ އައްޔަން ކުރައްވައި، އެބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު އަރުވާފައިވަނީ އަންގާރަ ދުވަހުއެވެ.

އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރކަމަށް އަލަށް އައްޔަނު ކުރެއްވި ޑރ. މުޙައްމަދު ޒާހިރު ޙުސައިނަކީ، މީގެ ކުރިންވެސް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރކަމާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރކަމުގެ މަޤާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.