ޚަބަރު

ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވޭ، ރައްކާތެރިވުން މުހިއްމު


ރާއްޖޭގެ ބައެއް ރަށްތަކަށް މިދުވަސްވަރު އުދައިގެ އަސަރު ކުރުން އެކަށީގެންވާތީ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކޮށްފިއެވެ.

ކުރިއަށްއޮތް 24 ގަޑިއިރު ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާގޮތަށް ބަލާއިރު، ރާއްޖޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެކަމަށާއި، ދިޔަވަރު ބޮޑުވާ ގަޑީގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާކަމެއްކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

އުދައިގެ އަސަރުކޮށްގެން މިއަދުވެސް ދެ ރަށަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އެގޮތުން އދ. ދިއްދޫއާއި ޅ. ކުރެންދޫއަށް އުދައިގެ އަސަރުކޮށްފައިވާތީ، ރަށު ތެރެއަށް ފެން ނުވަންނާނެހެން ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކައުންސިލާގުޅިގެން ކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

އުދައިގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކާ ފަރުދީ ފެންވަރުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި، ވަކިން ޙާއްސަކޮށް ގޮނޑުދޮށާ ކައިރީގައި ދިރިއުޅޭ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.