ވިޔަފާރި

ރިސޯޓް ހަދަން ދޫކުރި 21 ރަށެއްގެ މުއްދަތު އިތުރުކޮށްދޭން އެދެފި


ރިސޯޓް ތަރައްޤީކުރުމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން 21 ރަށެއްގެ މުއްދަތު އިތުރުކުރުމަށް އެދިފައިވާކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، ރިސޯޓު ހަދަން ދޫކުރުމުން ނުހެދި ހުރި 70 ރަށެއްގެ ތެރެއިން 21 ރަށެއްގެ މުއްދަތު އިތުރުކޮށް ދޭން އެދިފައިވާކަމަށެވެ. އަދި މިކަމުގެ މަސައްކަތްތައް މިހާރު ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން އެއްވެސް މަސައްކަތެއް ނުފެށި 10 އަހަރު ވެފައިވާ ރަށްތައްވެސް ހުރިކަމަށް މިނިސްޓަރ އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.

ރިސޯޓް ތަރައްޤީކުރަން ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން ރިސޯޓް ނުހެދި ހުއްޓިފައިވާ ރަށްތައް ތަރައްގީކުރަން ގާނޫނީ ގޮތުން ކުރަން ހުރި ކަންކަން ސަރުކާރުން ކުރާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ޓުއަރިޒަމް މިނިސްޓަރ އަލީ ވަޙީދު މީގެކުރިން ވިދާޅުވެފައިވަނީ އެމިނިސްޓްރީން ހަދާފައިވާ ދިރާސާތަކުން ދައްކާގޮތުން ކުރިއަށް އޮތް 3 އަހަރު ތެރޭގައި 45 ރިސޯޓެއް މާކެޓެއް ނެރެވޭނެކަމަށެވެ.