ޚަބަރު

ކަނދޮޅުދޫ ރައްޔިތުންނަށް ދުވާފަރުގައި ރަށްވެހިވުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ޙާއްސަ އުޞޫލެއް އެކުލަވާލައިފި


ސުނާމީ ކާރިސާއާއި ގުޅިގެން ރ. ކަނދޮޅުދޫއިން ރ. ދުވާފަރަށް ބަދަލުކޮށްފައިވާ ރައްޔިތުންނަށް ދުވާފަރުގައި ރަށްވެހިވުމުގެ ފުރުޞަތު ފަހިކޮށްދީ، ގޯތިގެދޮރު ރަޖިސްޓްރީކޮށްދިނުމުގެ މަސައްކަތް އަލުން ފަށައިފިއެވެ.

ކަނދޮޅުދޫ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކާ 676 ގެ އިމާރާތްކޮށް، އެތަންތަނުގައި މީހުން އާބާދުވާން ފެށިތާ 15 އަހަރުވީއިރުވެސް އެ ގެތަކުގެ އިމާރާތާއި ގޯތީގެ ރަޖިސްޓްރީއާއި ރަށްވެހިންގެ ރަޖިސްޓްރީގެ މައްސަލައަށް އެކަށީގެންވާވަރުގެ ހައްލެއް ގެނެވިފައެއްނުވެއެވެ. މި މައްސަލައަށް ހައްލެއް ގެނެސްދިނުމުގެ ގޮތުން ރައީސުލްޖޫމްހޫރިއްޔާގެ އޮފީހުގެ ލަފާފުޅާއެކު މިނިސްޓްރީ އޮފް ހައުންސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން މިހާރު ވަނީ މިކަމުގައި ޢަމަލުކުރާނެގޮތުގެ ޙާއްސަ އުޞޫލެއް އެކުލަވާލާ ގެޒެޓުކޮށްފައެވެ.

މި އުޞޫލުގައި ދުވާފަރުގައި ރަޖިސްޓަރީ ނުކޮށްހުރި ގެތަކުގެ ޢިމާރާތާއި، ގޯތީގެ ރަޖިސްޓަރީ ހަދައިދިނުމުގައި ޢަމަލު ކުރާނެ ޢިޖުރާއަތުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ދުވާފަރުން ދޫކޮށްފައިވާ ގެތަކުގެ ޢިމާރާތާއި، ގޯތީގެ ރަޖިސްޓްރީ ހަދައިދިނުމުގައި އަސްލަކަށް ބަލާނީ، ރ. ދުވާފަރުގެ ގެތަކުގެ
ވަގުތީ ރަޖިސްޓަރީގެ ގޮތުގައި ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ކަނޑައަޅާފައިވާ ލިސްޓުގެ މައްޗަށް އެކުލަވާލައި ދައުލަތުގެ ކަމާގުޅޭ އީދާރާއިން ދޫކޮށްފައިވާ ވަގުތީ ރަޖިސްޓަރީއަށްކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ. އަދި ރަޖިސްޓްރީ ހަދައިދޭއިރު، އެ ރަޖިސްޓަރީގައި ހިމެނިފައިވާ ފަރާތްތަކާއި ކައުންސިލާއެކު މަޝްވަރާކޮށް، ރަޖިސްޓްރީ ކުރާނެ ފަރާތެއް ނުވަތަ ފަރާތްތަކެއް ކަނޑައަޅައި، އެ ނިންމުމުގެ މައްޗަށް އިޤްރާރުވެ، ޤަރާރެއްގައި ސޮއިކުރުމަށްވެސް ވަނީ ލާޒިމުކޮށްފައެވެ.

މި އުސޫލުގެ ދަށުން ގެތަކުގެ ރަށްވެހިންގެ ރަޖިސްޓަރީ ހަދައިދިނުމުގެ އަސްލަކަށް ބަލާ ވަގުތީ ރަޖިސްޓަރީގައި ހިމެނޭ ރ. ކަނދޮޅުދޫގެ އެންމެހައި ފަރާތްތައް ރަށްވެހިންގެ ރަޖިސްޓަރީގައި ހިމަނަންވާނެކަމަށް ބުނެފައިވެއެވެ. އަދި އެއް ގެއަށްވުރެ ގިނަ ގޭގެ ވަގުތީ ރަޖިސްޓަރީގައި ހިމެނިފައިވާ ފަރާތްތައް ރަށްވެހިންގެ ރަޖިސްޓަރީގައި ހިމަނަންވާނީ އެ ފަރާތްތަކުން ކަނޑައަޅާ އެއް ގެއެއްގައިކަމަށްވެސް ވަނީ ބުނެފައެވެ.

ހައުސިންގ މިނިސްޓްރީން ވިދާޅުވީ ދުވާފަރުގެ ގެތަކުގެ ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީއާއި، ރަށްވެހިންގެ ރަޖިސްޓަރީ ހެދުމަށް އެދޭ ފަރާތްތަކުން، އެ މިނިސްޓްރީޏް އަލަށް އެކުލަވާލި އުސޫލަށް ޢަމަލުކުރަން ފަށާތާ މީލާދީން އެއް އަހަރުދުވަހުގެ ތެރޭގައި ރަޖިސްޓަރީ ހެދުމަށް ރ. ދުވާފަރު ކައުންސިލަށް ހުށަހަޅަން ޖެހޭނެކަމަށެވެ.

ދުވާފަރުގައި ރަށްވެހިވުމުގެ ފުރުޞަތު ފަހިކޮށްދީ، ގޯތިގެދޮރު ރަޖިސްޓްރީކޮށްދިނުމުގެ ކަންކަން ހަރުދަނާ އުޞޫލެއްގެ ދަށުން ކުރިއަށްގެންދެވޭނެ މަގު ފަހިކޮށްދީފައިވާއިރު، މިކަމަށް އަވަސް ހައްލެއް ހޯއްދަވައިދެއްވާނެކަން ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް މިދިޔަ ޑިސެމްބަރުމަހު ދުވާފަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ވިދާޅުވެފައެވެ.