ޚަބަރު

އަންހެން ކްރިކެޓު ކުރިއެރުވުމަށް އައިސީސީން މަސައްކަތް ކުރަމުންދޭ - އަފްލާހް


ދިވެހި ރާއްޖޭގައި އަންހެން ކްރިކެޓު ކުރިއެރުވުމަށް އިންޓަރނޭޝަނަލް ކްރިކެޓް ކައުންސިލް، އައިސީސީން މަސައްކަތް ކުރަމުންދާކަމަށް ކްރިކެޓު ބޯޑް އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު އަފްލާޙު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި އަންހެން ކްރިކެޓް ކުރިއެރުވުމަށް ގިނަ މުބާރާތްތަކެއް މިހާރު ކްރިކެޓު ބޯޑް އޮފް މޯލްޑިވްސުން ކުރިއަށްގެންދެއެވެ. އެގޮތުން، މާލެއާއި ފުވައްމުލަށް އަދި ލ.އަތޮޅު ކުނަހަންދޫގައިވެސް އަންހެން ކްރިކެޓު މުބާރާތްތައް ކުރިއަށްގެންދެއެވެ. އަންނަ މަހުގެ 1ން 5ވަނަ ދުވަހަށް ފުވައްމުލަކުގައި އަންހެން ކްރިކެޓު މުބާރާތްތަކެއް ބާއްވަންވަނީ ހަމަޖެހިފައެވެ. މިއީ ފުވައްމުލަކުގައި ކުރިއަށްގެންދާ ތިންވަނަ މުބާރާތެވެ.

ކްރިކެޓު ބޯޑް އޮފް މޯލްޑިވްސްގެ ރައީސް އަފްލާޙު ވިދާޅުވީ މިހާރު މުޅި ދުނިޔޭގައި އަންހެން ކްރިކެޓު ވޯލްޑްކަޕްއާއި ޓީ ޓުވެންޓީ އަދި ވަން ޑޭ ކަޕްތައްވެސް ކުޅެމުންދަނީ އަންހެން ކްރިކެޓު ކުރިއެރުވުމަށްކަމަށެވެ. ރާއްޖޭގައި އަންހެން ކްރިކެޓު ކުރިއެރުވުމަށް ކްރިކެޓު ބޯޑް އޮފް މޯލްޑިވްސުން ކުރަމުންދާ މަސައްކަތްތަށް އައިސީސީން ވަރަށް ކައިރިން ބަލަމުންދާކަމަށާއި އަންނަ މަހު ފުވައްމުލަކުގައި އަންހެން ކްރިކެޓް މުބާރާތް ބޭއްވުމަށްވެސް އައިސީސީން އެހީތެރިކަން ފޯރިކޮށްދޭކަމަށް އަފްލާޙު ވިދާޅުވިއެވެ.

ރާއްޖޭގެ އަންހެން ކްރިކެޓް ކުޅުންތެރިންނަށް ބައިނަލައަޤްވާމީ މުބާރާތްތަކުންވެސް މިހާރު ފުރުޞަތު ލިބޭކަމަށްވެސް އަފްލާޙު ވިދާޅުވިއެވެ.