ވިޔަފާރި

ޔޫރަޕްގެ ޤައުމުތަކަށް ޒިޔާރަތްކުރާ ޗައިނާ ފަތުރުވެރިންގެ އަދަދު އިތުރުވަނީ


މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ޗައިނާ ފަތުރުވެރިން ޔޫރަޕަށްކޮށްފައިވާ ދަތުރުތަކުގެ އަދަދު ތިން މިލިއަނަށް އަރާކަމަށް ރިޕޯޓަކުން ދައްކައިފިއެވެ.

ޗައިނާ ޓޫރިޒަމް އެކަޑަމީން ނެރުނު ރިޕޯޓެއްގައިވާގޮތުން ޔޫރަޕަށް ދަތުރުކުރާ ޗައިނާ ފަތުރުވެރިންގެ އަދަދުވަނީ 7.4 އިންސައްތަ އިތުރުވެފައެވެ. ޗައިނާގެ އެޗް.ސީ.ޖީ ޓްރެވަލް ގުރޫޕުން ހާމަކުރާގޮތުގައި ޔޫރަޕްގެ ޤައުމުތަކުގައި ޗުއްޓީ ހޭދަކުުރުމަށް ރިޒަވޭޝަން ހަދާ ފަރާތްތަކުގެ އަދަދު ހުސްވި އަހަރުގެ ފުރަތަމަ 6 މަސްދުވަހާއި އަޅާ ބަލާއިރު މިއަހަރުގެ އެމުއްދަތުގައި ވަނީ 12.3 އިންސައްތަ އިތުރުވެފައެވެ. މީގެއިތުރުން ޝަންގްހާއީގެ ޓްރެވަލް އެޖެންސީއެއް ކަމަށްވާ ސީޓްރިޕުންވެސް ހާމަކުރާގޮތުގައި މިއަހަރުގެ މިހާތަނަށް އެންމެ ޑިމާންޑު ބޮޑީ ޔޫރަޕު ޤައުމުތަކަށެވެ.

ޗައިނާ ޓޫރިޒަމް އެކަޑަމީން ނެރުނު ރިޕޯޓުގައިވާގޮތުން ޔޫރަޕްގެ ޤައުމުތަކުގެ ތެރެއިން ޗައިނާ ފަތުރުވެރިންގެ މެދުގައި އެންމެ މަޤްބޫލް 10 މަންޒިލަކީ ރަޝިއާ، އިޓަލީ، ފްރާންސް، އިނގިރޭސިވިލާތް، ޖަރމަނީ، ސްޕެއިން، ގްރީސް، ޗެކް ރިޕަބްލިކް، ސްވިޒަލޭންޑް އަދި ޕޯޗުގަލްއެވެ.

ޗައިނާ ފަތުރުވެރިންނަށް ބޮޑަށް ކަމުދަނީ ގުރޫޕްކޮށް ޓުއަރތައް ހެދުން ކަމަށްވެސް އެ ރިޕޯޓުގައިވެއެވެ.