ވިޔަފާރި

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފި


މިއަހަރުގެ މިހާތަނަށް ރާއްޖެ 1 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ މަސައްކަތްތަކާއި ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ މިމަހުގެ 2 ވަނަ ދުވަހު 1 މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ ޒިޔާރަތްކޮށްފައިވާކަމަށެވެ. މިއަހަރު ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން ގެނައުމަށް މި ސަރުކާރުން އަމާޒުހިފާފައިވާކަމަށާއި، މިސަރުކާރަށް 1 އަހަރު ވާދުވަސްކަމަށްވާ ނޮވެމްބަރ 17 ގެ ކުރިން މި އަމާޒު ހާސިލްކުރެވޭތޯ ޓޫރިޒަމް މިނިސްޓްރީން މަސައްކަތްކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިއަހަރުގެ ޖުލައިމަހު ރާއްޖެއަށް 1 ލައްކަ ބައްތިރީސްހާސް އެއްސަތޭކަ ސާޅީސް ހަތަރު ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ 2018 ވަނަ އަހަރުގެ ޖުލައިމަހާއި އަޅާބަލާއިރު 8 އިންސައްތަ ކުރިއެރުމެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ޖުލައިމަހުގެ ނިޔަލަށް 9 ލައްކަ ނުވަދިހަ ހަތަރުހާސް ހަތްސަތޭކަ ތެއްތިރީސް ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު 17.2 އިންސައްތައިގެ ކުރިއެރުމެކެވެ. ޖުލައިމަހު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި މާކެޓްތަކުގެ ތެރޭގައި ޗައިނާ، އިންޑިއާ، އިނގިރޭސިވިލާތް އަދި ޖަރުމަނުވިލާތް ހިމެނެއެވެ.