ޚަބަރު

ނެއްލައިދޫ ކައުންސިލް ކަޕުގައި ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން އަދަބު ދީފި


ނެއްލައިދޫ ކައުންސިލް ކަޕް 2019ގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި އާދިއްތަ ދުވަހު އެފްސީ ދުންމާރިއާއި އެފްސީ ފްރެންޑްސް ބައްދަލުކުރި މެޗުގައި ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން ބައެއް ކުޅުންތެރިންނާއި ޓީމުތައް ޖޫރިމަނާކޮށް ސަސްޕެންޑްކޮށްފިއެވެ.

އާދިއްތަ ދުވަހު ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން އެފްސީ ދުންމާރިވަނީ 5000ރ އިން ޖޫރިމަނާކޮށްފައެވެ. އަދި އެފްސީ ފްރެންޑްސްވަނީ 2000ރ އިން ޖޫރިމަނާކޮށްފައެވެ. މީގެ އިތުރުން، އެފްސީ ދުންމާރީގެ އަލީ ޝާމިލާއި އަހުމަދު ރަޝީދަށްވަނީ 500ރ އިން ޖޫރިމަނާއަކާއެކު 3 އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދީފައެވެ.

ހަމަނުޖެހުން ހިނގަން މެދުވެރިވީ ދެ ޓީމު އެއްވަރުވެފައިވަނިކޮށް އެފްސީ ފްރެންޑްސަށް ލިބުނު ހިލޭ ޖެހުމެއް ކީޕަރު ދިފާޢު ކުރަން އުޅުމުގެ ތެރޭގައި ބޯޅަ ވެއްޓުނު ވަގުތު ކައިރީގައި ހުރި ކުޅުންތެރިޔާ ފައިން ޖަހާ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލުމުން އެއީ އޮފްސައިޑް ގޯލެއްކަމަށް ދުންމާރީގެ ކުޅުންތެރިން ބުނުމުންނެވެ. ނަމަވެސް އެއީ ގޯލެއް ކަމަށް ރެފްރީ ނިންމިއެވެ. އޭގެ ފަހުން، އަލުން ކުޅުން ފަށައިގެން ކުރިއަށްދަނިކޮށް ކުރި ފައުލަކާ ގުޅިގެން އަނެއްކާ ހަމަނުޖެހުމަކަށް ދިޔައެވެ. އަދި ހަމަނުޖެހުން މައިތިރި ކުރުމަށް މެޗު ސެކިއުރިޓީންނާއި ދަނޑު ބޭރުން ގިނަ ޢަދަދެއްގެ ބަޔަކު ދަނޑަށް އެރިއެވެ. ހަމަނުޖެހުން ބޮޑުވެ، މެޗުގެ ކުޅުން ހުއްޓާލީ އިތުރު ވަގުތަށް ދެއްކި 5 މިނެޓުގެ ތެރެއިން ފަހު ދެ މިނެޓު ނުކުޅެއެވެ.

2011ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ނެއްލައިދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ މި މުބާރާތުގައި މީގެ ކުރިންވެސް މިފަދަ ހާދިސާއެއްވަނީ ހިނގާފައެވެ.