ޚަބަރު

ބަޖެޓް ހުށަހެޅުމުގެ ކުރިން މުއައްސަސާތަކާއި، ފިނޭންސް މިނިސްޓްރީއާއެކު ބައްދަލުވުމެއް ބާއްވަނީ


ދައުލަތުން ހުށަހަޅާ ސަޕްލިމެންޓަރީ ބަޖެޓް ހުށަހެޅުމުގެ ކުރިން މިނިވަން މުވައްސަސާތަކުގެ ކަންބޮޑުވުންތައް ފިނޭންސް މިނިސްޓަރާއި ހިއްސާކުރެވޭގޮތަށް މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގެ ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފިއެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުޤައްރިރު ރޮޒޭނާ އާދަމް ވިދާޅުވީ، ކޮމިޓީން މިހާތަނަށް މިނިވަން މުވައްސަސާތަކާއެކު ބޭއްވުނު ބައްދަލުވުންތަކުގައި ބަޖެޓްގެ ދަތިކަން ހުރިކަން އެ މުވައްސަސާތަކުން ފާހަގަކޮށްފައިވާކަމަށެވެ. އަދި ކޮންމެ ކޮމިޝަނަކީވެސް ވަކި ޒިންމާތަކަކާއި މަސްއޫލިއްޔަކުތަކެއް އަދާކުރަންޖެހޭ ބަޔަކަށްވާއިރު އެބޭފުޅުންގެ ހުރި ކަންބޮޑުވުންތައް 2020 ވަނަ އަހަރުގެ ބަޖެޓް ހުށަހެޅުމުގެ ކުރިން ފިނޭންސް މިނިސްޓަރާއި ހިއްސާކުރުމުގެ ފުރުޞަތު ލިބިމަކީ މުހިންމު ކަމެއްކަމުގައި ދެކޭކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވަނީ ކޮމިޓީގައި ހިމެނޭ މެމްބަރުންވެސް މިބައްދަލުވުން ބޭއްވުމަށް ތާއީދުކޮށްފައިވާކަމަށް ވިދާޅުވެފައެވެ. މިބައްދަލުވުން މިމަހުގެ 28 ވާ ބުދަދުވަހު ބޭއްވުމަށް ކޮމިޓީން ވަނީ ނިންމާފައެވެ. ދައުލަތުން ހުށަހަޅާ ސަޕްލިމެންޓަރީ ބަޖެޓް ހުށަހެޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 31ގައެވެ. ނަމަވެސް އަންނަ މަހުން ފެށިގެން މަޖިލިސް ޗުއްޓީއަށް ދިއުމަށް ހަމަޖެހިފައިވާތީ މިބައްދަލުވުމަކީ ޗުއްޓީއަށް ދިއުމުގެ ކުރިން ބޭއްވޭ މުހިންމު ބައްދަލުވުމެއްގެ ގޮތުގައި މެމްބަރުންވެސްވަނީ ފާހަގަކުރައްވާފައެވެ.