ސިޔާސީ

ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޖޭއެސްސީގެ ދަށަށް ބަދަލުކުރުމަށް ފާސްކޮށްފި


ޖުޑީޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ)ގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލެވޭ ޢުމުރު މަތިކޮށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޖޭއެސްސީގެ ދަށަށް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. ޖޭއެސްސީގެ ޤާނޫނަށް ހުށައެޅުއްވި މި އިޞްލާހު ފާސްވީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 63 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.

ސަރުކާރުގެ ފަރާތުން ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީގެ ޤާނޫނަށް ހުށައަޅުއްވާ މަޖިލީހުން ފާސްކުރި އިޞްލާޙުގައިވަނީ ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލާ މީހަކީ ޢުމުރުން 30 އަހަރުވެފައިވާ މީހަކަށް ވާންޖެހޭނެކަމަށެވެ. މިހާރު އަމަލުކުރަމުންދާ ޤާނޫނު ބުނާގޮތުން ޖޭއެސްސީގެ މެންބަރަކަށް ވެވޭނީ އުމުރުން 25 އަހަރުވެފައިވާ މީހަކަށެވެ.

ޤާނޫނު އަސާސީގެ ނުވަތަ ޤާނޫނެއްގެދަށުން ސިޔާސީ މަގާމަކަށް އިންތިޚާބުވެއްޖެނަމަ ޖޭއެސްސީގެ މެމްބަރެއްގެ މަޤާމު ހުސްވާނެކަމަށް ކަނޑައަޅަން ބިލްގައި އޮތް ނަމަވެސް ކޮމެޓީ މަރުހަލާގައި އެންމެ ފަހުން ނިންމާފައި އޮތީ މިހާރުވެސް އޮންނަ ގޮތައް ސިޔާސީ މަޤާމަކަށް ކުރިމަތިލާ ހިސާބުން މަގާމު ގެއްލޭނެ ގޮތަށް ކަނޑައެޅުމަށެވެ.

މީގެ އިތުރުން މިހާރު ސުޕްރީމް ކޯޓުގެ ދަށުން ހިނގަމުން އަންނަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އުވި ޖޭއެސްސީގެ ދަށަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ބަދަލުކުރުމަށްވެސް ފާސްކުރި އިޞްލާހުގައިވެއެވެ. އަދި އެޑިޕާޓްމަންޓުގެ އިދާރީ އެންމެ އިސް މީހަކީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ކަމަށާއި އެ މަގާމަށް މީހަކު އައްޔަން ކުރާނީ ޖޭއެސްސީ އިން ކަމަށްވެސް ބަޔާންކޮށްފައިވެއެވެ. އެހެންކަމުން މި އިސްލާޙް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤް ކުރެއްވުމުން މިހާރު ހިނގަމުން އަންނަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ އެންމެ އިސްކޮން ހުންނެވި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަޤާމު ގެއްލޭނެއެވެ. މިހާރު އެ މަޤާމުގައި ހުންނެވީ ޑރ.ޢަބްދުﷲ ނަޒީރެވެ.

ޖޭއެސްސީން މިހާރު ފަނޑިޔާރުންގެ މައްސަލަތައް ބެލުމުގައި ކުރިއަށްގެންދާ އިޖްރާއަތްތައްވެސް ބަދަލުކުރުމަށް ޖޭއެސްސީގެ ޤާނޫނަށް ހުށައެޅި އިޞްލާހުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން ޖޭއެސްސީން ބަލާ މައްސަލައެއް ރައްދުވާ ފަނޑިޔާރަކަށް ވަކީލަކު އައްޔަންކުރަން 3 ދުވަހުގެ ފުރުސަތެއް ދޭންވާނެކަމަށް ބުނެފައިވާމައްދާ ވަނީ މަދުވެގެން 24 ގަޑިއިރު ދޭންވާނެކަމަށް ކަނޑައަޅަން ފާސްކޮށްފައެވެ. އަދި ޖޭއެސްސީން މައްސަލައެއް ބެލުމަށްފަހު ފަނޑިޔާރަކާމެދު އެޅިދާނެ ފިޔަވަޅުތައް ބަޔާންކޮށް މި ބިލްގައި ހިމަނާފައިވާ ބައެއް ކަންކަމަށް ބިލް ދިރާސާކުރެއްވި ކޮމިޓީން ވަނީ ބަދަލުތަކެއް ގެންނަވާފައެވެ. އެގޮތުން އެފަނޑިޔާރަކަށް އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި ނަސޭހަތް ދިނުމާއި އިންޒާރު ދިނުން ނުހިމެނޭ ގޮތައް އިސްލާހްކޮށްފައިވާއިރު މުސާރައާއި ޢިނާޔަތް ލިބޭގޮތައް ނުވަތަ ނުލިބޭ ގޮތައް ކަނޑައެޅޭ ވަކި މުއްދަތަކަށް ވަޒީފާއަށް ނިކުމެވިދާނެކަމަށް އޮންނަ އޮތުންވަނީ ތިން މަސްދުވަހަށް ބަދަލުކޮށްފައެވެ.

މީގެ އިތުރުން ފަނޑިޔާރަކު ވަޒީފާއިން ވަކިކުރުމަށް ނިންމާ ނިންމުން ފިޔަވައި އެހެން ނިންމުންތައް އިސްތިއުނާފު ކުރުމަށް 30 ދުވަސް ލިބޭނެކަމަށް ބިލްގައި އޮތްއޮތުން މިހާރުވަނީ ބަދަލުކޮށް 10 ދުވަހަށް ބަދަލު ކުރުަމށްވެސް ފާސްކޮށްފައެވެ. އަދި މިއާއެކު ފަނޑިޔާރަކު ވަކިކުރަން ނިންމާ ނިންމުން އެއްވެސް ތާކު އިސްތިއުނާފެއް ނުކުރެވޭނެކަމަށް ސާފުކޮށް ބަޔާންކޮށްފައިވެއެވެ.