މުނިފޫހިފިލުވުން

"ލާލް ކަޕްތާން"އިން ސައިފްގެ ތަފާތު ފެނިލުމެއް


މިފަހަރު މިއޮތީ ބޮލީވުޑްގައި ހުރި އެންމެ ފާހަގަކޮށްލެވޭ އެއް އެކްޓަރ ކަމަށްވާ ސައިފް އަލީ ޚާންގެ ފޭނުންނަށް އުފާވެރި ޚަބަރެކެވެ.

ދުވަސްތަކަކަށްފަހު ސައިފްގެ ފިލްމެއް ބޮލީވުޑް ބޮޑު ސްކްރީނުގައި އެޅުވުމަށް ތައްޔާރު ވަމުންދާއިރު، އެ ފިލްމްގެ ޓީޒާ ޓްރެއިލަރ މިހާރު ވަނީ އާއްމުންނަށް ދޫކޮށްލާފައެވެ.

"ލާލް ކަޕްތާން"ގެ ނަން ދީފައިވާ މި ފިލްމަކީ އޮޅުވާލުމާއި، މަކަރު ހެދުމާއި ބަދަލު ހިފުމުގެ ކަންތައްތަކެއް ދައްކުވައިދޭ އެކްޝަން ޑްރާމާ ފިލްމެކެވެ.

49 ސިކުތުންތުގެ ޓީޒާ އިން ފެނިގެން ދަނީ މި ފިލްމުގެ ލީޑް އެކްޓަރ ސައިފް ޢަލިޚާން، އަލިފާންގަޑެއްގެ ކައިރީގައި އިށީނދެ އިނދެގެން މޫނުގައި ވެލި ހާކާތަނެވެ. އަދި އަސަރުގަދަ ރާގެއްގައި "ކޮންމެ ވިލެން އަކަށްވެސް ދުވަހެއް އަންނާނެ" މިފަދައިން އޭނާ ހިންދީ ބަހުން ބުނާތަން ފެނެއެވެ. ފިލްމުގެ ފަސްޓް ލުކް އިންވެސް މި ފިލްމުގެ ތަފާތުކަން ދައްކުވައިދޭއިރު، ސައިފްގެ އެޕިއަރެންސްއަށް ގިނަ ބަޔަކު މިހާރުވެސް ވަނީ ތަޢުރީފުކުރަން ފަށާފައެވެ.


އަންނަ އޮކްޓޯބަރ މަހުގެ 11 ވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ މި ފިލްމް ޑައިރެކްޓްކޮށް ފިލްމުގެ ސްކްރީންޕްލޭ ލިޔެފައިވަނީ ނަވްދީބް ސިންގްއެވެ. މި ފިލްމުގައި ސައިފްގެ އިތުރުން، ޒޯޔާ ޙުސެއިންނާއި، މަނާވް ވިޖާއި، ދީޕަކް ދޮބްރިޔާލް ފަދަ ފަންނާނުންވެސް މެއިން ކާސްޓުންގެ ގޮތުގައި ފެނިގެންދެއެވެ.