މުނިފޫހިފިލުވުން

ސަންޖޭގެ "ޕްރަސްތަނަމް" ކާމިޔާބު ފިލްމަކަށްވެދާނެބާ؟


ބޮލީވުޑްގެ އެންމެ ނުފޫޒްގަދަ ތަރިންގެ ލިސްޓުގައި ހިމެނޭ އެއް ފަންނާނަކީ ސަންޖޭ ދަތެވެ.

އިންޑިއާގެ ބޮމްބޭ ސްޓޭޓަށް އުފަން އުމުރުން 60 އަހަރުގެ ސަންޖޭގެ ޚަބަރުތަކަކީ އިންޑިއާގެ މީޑިއާތަކުގައި ވަކިން ޙާއްސަކޮށް ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ފަރާތްތަކުގެ މެދުގައި ބޮޑު ސަމާލުކަމެއް ހޯދާ ޚަބަރުތަކެކެވެ. އެގޮތުން ސަންޖޭގެ ކުރިއަށް އޮތް ފިލްމް "ޕްރަސްތަނަމް"އާއެކު ސަންޖޭ މިވަނީ އަނެއްކާވެސް އިންޑިއާގެ މީޑިއާތަކުގެ ސަމާލުކަން ހޯދާފައެވެ.

އަންނަމަހުގެ 20 ވަނަ ދުވަހު ރިލީޒްކުރުމަށް ތައްޔާރުވަމުންދާ "ޕްރަސްތަނަމް"އަކީ ހަމައެނަމުގައި 2010 ވަނަ އަހަރު ނެރުން ތަމަޅަ ފިލްމެއްގެ ހިންދީ ރީމޭކެކެވެ. އިންޑިއާގެ ސިޔާސީ މަޝްހަރުގައި ހިނގާ ތަފާތު ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މި ފިލްމުގެ ލީޑު ރޯލްތަކުން ސަންޖޭ ދަތުގެ އިތުރުން، ޖެކީ ޝްރޮފާއި، މަނީޝާ ކޮއިރަލާއާއި، ޢަލީ ޒަފަރު އަދި ޗަންކީ ޕާންޑޭ ފެނިގެންދެއެވެ.

ޕޮލިޓިކަލް އެކްޝަން ފިލްމް ޖޯންރާގެ ޕްރަސްތަނާމްގެ ވާހަކަލިޔެ، މި ފިލްމް ޑައިރެކްޓްކޮށްފައިވަނީވެސް އަސްލު ފިލްމު ޑައިރެކްޓްކުރި ފަރާތްކަމަށްވާ ދޭވާ ކައްތާއެވެ. ސަންޖޭގެ 60 ވަނަ އުފަންދުވަހާ ދިމާކޮށް މި ފިލްމުގެ އޮފިޝަލް ޓްރެއިލަރ އާއްމުކޮށްފައިވާއިރު، ތަފާތު ފާޑުކިޔުންތަކެއް މި ފިލްމަށް ވަނީ އަމާޒުވާން ފަށާފައެވެ. އެއްބަޔަކު މިއީ ބޮޑު ފްލޮޕަކަށް ވެގެންދާނެކަމަށް ލަފާކޮށްފައިވާއިރު، ތަމަޅަ ފިލްމުގައި ދައްކުވައިދިންފަދަ އަސަރުގަދަ ވާހަކައަކާއެކު، ހަމަ އެ ޕްލޮޓަށް ހިންދީ ފިލްމް ނެރޭނަމަ، މިއީ ސަންޖޭގެ ހަޔާތުގައި މިހާތަނަށް ނުކުންނާނެ އެންމެ ކާމިޔާބު ފިލްމަށްވުން ގާތްކަމަށްވެސް އެއްބަޔަކު ދަނީ ބުނަމުންނެވެ.

"ޕްރަސްތަނަމް"ގެ ތަމަޅަ ފިލްމް ރިލީޒްކުރިތަނާހެން، މި ފިލްމުގެ ހިންދީ ރީމޭކެއް ހެދުމުގެ ޝަޢުގުވެރިކަން ސަންޖޭ ދަތާއި، އޭނާގެ އަންހެނުން މާނަޔާތާ ދަތު ފާޅުކޮށްފައިވާކަމަށް ފިލްމުގެ ޑައިރެކްޓަރ ދޭވާ ކައްތާވަނީ އިންޑިއާގެ ބައެއް މީޑިއާތަކަށް މަޢުލޫމާތުދީފައެވެ. ސަންޖޭގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް "ސަންޖޭ އެސް ދަތު ޕްރޮޑަކްޝަން" އިން ނެރޭ މި ފިލްމުގައި ތަމަޅަ ފިލްމާއި ދާދިއެއްގޮތް ކަންތައްތަކެއް ފެނިގެންދާއިރު، މިއީ ދޭވާ ޑައިރެކްޓްކޮށް ނެރޭ ފުރަތަމަ ހިންދީ ފިލްމުވެސްމެއެވެ.

ކޮންމެއަކަސް ފިލްމްގެ އޮފިޝަލް ޓްރެއިލަރއާއެކު، ޕްރަސްތަނަމްއަށް ކުރެވޭ އިންތިޒާރު މިހާރު ބޮޑުވެފައިވާއިރު، މިއީ ތަފާތު ގެނުވާނެ އަދި ކާމިޔާބު ފިލްމަކަށްވެގެންދާނެކަމަށް ޚުދު ސަންޖޭ ދަތުވެސް ބުނެފައިވެއެވެ. ސަންޖޭ އެންމެފަހުން ފެނިފައިވަނީ ކަރަން ޖޯހަރުގެ "ކަލަންކް"އިންނެވެ. ބޮޑު ސްޓަރ-ކާސްޓަކާއެކު ރިލީޒްކުރި އެ ފިލްމަށް ބޮލީވުޑް ބޮކްސް އޮފީހުގައި ހީކުރިވަރުގެ ކާމިޔާބީއެއް ނުލިބުންކަމުގައިވިޔަސް، ފިލްމުގައި ސަންޖޭ ދައްކުވައިދިން ރޯލަށް ގިނަ ބަޔަކު ތަޢުރީފުކޮށްފައިވެއެވެ.