ކުޅިވަރު

ކިރްގިސްތާނު މެެޗުގައި ހެދުނު ގޯސްތައް ނޭޕާލް މެޗަށް ރަނގަޅު ކުރާނަން - ހުޒާމް


ނޭޕާލްގައި މިހާރު ކުރިޔަށްދާ އޭވީސީ މެންސް ސީނިއަރ ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގައި ކިރްގިސްތާނު އަތުން ބަލިވި މެޗުގައި ހެދުނު ގޯސްތައް ނޭޕާލާ ވާދަކުރާ މެޗަށް ނުކުންނައިރު ރަނގަޅު ކުރާނެކަމަށް ޤައުމީ ވޮލީބޯޅަ ޓީމުގެ ކެޕްޓަން ޢަލީ ހުޒާމް ބުނެފިއެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ވަރުގަދަ ކިރްގިސްތާނު އަތުން ބަލިވީ ސިދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ކިރްގިސްތާން ގެންދިޔައީ 15-25، 24،26 އަދި 19-25 އިންނެވެ. މި މެޗުގެ ދެވަނަ ސެޓުގައި ރާއްޖެއިންވަނީ ބޮޑު ލީޑެއްގައި ގިނަ އިރުތަކެއް ވަންދެން ހިފަހައްޓާފައެވެ. ނަމަވެސް ފަހަތުން އަރައި ކިރްގިސްތާނުވަނީ މެޗުގެ ދެވަނަ ސެޓުވެސް ކާމިޔާބުކޮށްފައެވެ.

ކިރްގިސްތާނު އަތުން ބަލިވި މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ކެޕްޓަން ހުޒާމް ބުނީ، މެޗުގެ ފުރަތަމަ ސެޓުގައި ކުޅުންތެރިން ތިބީ ޖެހިލުންވެފައި ކަމަށާއި، ފުރަތަމަ ސެޓުގައި ކުޅުންތެރިން ތިބީ ޕްރެޝަރުގައިކަމަށެވެ. ނަމަވެސް ޖެހިގެންއައި ދެވަނަ ސެޓުގައި ވަރަށް ރަނގަޅަށް ޓީމު މަސައްކަތް ކުރިމަށާއި، ނަމަވެސް ސެޓު ނިންމާލަންވީ ހިސާބުން ހެދުނު ގޯސްތަކެއްގެ ސަބަބުން ދެވަނަ ސެޓުވެސް ގެއްލިގެން ދިޔައީ ކަމަށެވެ.

މެޗުގެ ދެވަނަ ސެޓުގައި ރާއްޖެއިން ވަނީ ކިރްގިސްތާންގެ މައްޗަށް ހަތް ޕޮއިންޓެއްގެ ލީޑެއް ނަގާފައެވެ. ކެޕްޓަން ހުޒާމް ބުނީ، ދެވަނަ ސެޓުގައި އެހާ ބޮޑު ލީޑެއްގައި އޮވެގެން ކުޅެމުން ދަނިކޮށް ފަހަތުން އަރައި ކިރްގިިސްތާނު މެޗުގެ ދެވަނަ ސެޓު ކާމިޔާބުކުރުމުން ތިންވަނަ ސެޓުގެ ކުރީކޮޅު ކުޅުންތެރިންނަށް އެކަމުގެ އަސަރު ކުރިމަަށެވެ. އަދި މިމެޗުގައި ހެދުނު ގޯސްތައް މިއަދު ނޭޕާލްއާއި ދެކޮޅަށް ކުޅޭ މެޗުގައި ރަނގަޅު ކުރާނެކަމަށް ކެޕްޓަން ހުޒާމް ބުންޏެވެ.

"މެޗު ފަށޑްޓައިގެން ކޮންމެވެސް ވަރަކަށް ޖެހިލުންވެފައި ކަންނޭންގެ ކުޅުންތެރިން ތިބީ. ދެން ސެންޓްރަލް ޒޯންގައި ކިރްގިސްތާން މިފެންނަނީ ވަރަށް ވަރުގަދަކޮށް. ދެން ފުރަތަމަ ސެޓު ފެށިއިރު ފުދޭވަރަކަށް ޕްރެޝަގައި ކަންނޭންގެ ތިބީ. ދެން ދެވަނަ ސެޓު ފަށްޓައިގެން ވަރަށް ރަނގަޅަށް ޓިމު މަސައްކަތްކުރަމުން އައިސް ސެޓު ނިންމާ ހިސާބަށް ދިޔައީމަ ހެދުނު ގޯސްތަކެއްގެ ސަބަބުން ސެޓު ގެއްލިގެން ދިޔައީ." ކެޕްޓަން ހުޒާމް ބުންޏެވެ.

ހުޒާމް ބުނީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ކިރްގިސްތާން ފެންނަނީ ވަރަށް ވަރުގަދަކޮށްކަމަށެެވެ. އަދި މުބާރާތުގައި ރާއްޖެ އިތުރަށް ކުރިޔަށްދިޔުމަށް މިއަދު ނޭޕާލް ބަލިކުރުން މަޖުބޫރުކަމަށްވެސް ކެޕްޓަން ހުޒާމް ބުންޏެެވެ. އެހެންކަމުން ކިރްގިސްތާނު މެޗުގައި ހެދުނު ގޯސްތައް ރަނގަޅުކޮށް ނޭޕާލު މެޗުގައި ރަނގަޅު ކުޅުމެއް ދައްކައި މުބާރާތުގެ ސެމީ ފައިނަލަށް ދިއުމަށް ވަރަށް މަސައްކަތްކުރާނެ ކަމަށް ހުޒާމް ވަނީ ބުނެފައެވެ.

އެންމެ ފަހުން ބަންގްލަދޭޝްގައި ބޭއްވި ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ދިވެހިރާއްޖެ އާއި ނޭޕާލް ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ ނޭޕާލެވެ.

މި މުބާރާތުގައި މިއަދު ހަވީރު ނޭޕާލްއާއި ދިވެހިރާއްޖެ ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން ހަވީރު 4:15 ގައެވެ. މި މެޗުވެސް ޕީއެސްއެމްގެ ޔެސް ޓީވީން ވަގުތުން ދެއްކުމަށްވަނީ ހަމަޖެހިފައެވެ.