ޚަބަރު

ބްރޯޑްކާސްޓިންގ ކޮމިޝަނުން ހުސްވެފައިވާ 2 މަޤާމަށް، މަޖިލިސް ޗުއްޓީއަށް ދިއުމުގެކުރިން ނަން ހުށަހަޅާނަން - ރައީސް އޮފީސް


މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ހުސްވެފައިވާ 2 މެމްބަރުންގެ މަޤާމަށް ބޭފުޅުން ކަނޑައަޅެމަށް ރައީސުލް ޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ނަންފުޅުތައް ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން ފޮނުއްވާނެކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވީ ބްރޯޑްކާސްޓިން ކޮމިޝަނުން ހުސްވެފައިވާ 2 މެމްބަރުންގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ހުށަހެޅި ނަންނަތައް އެއޮފީހުން ދިރާސާ ކުރަމުންދާކަމަށެވެ. އެއޮފީހުން މަސައްކަތް ކުރަމުންދަނީ މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން ނަންފުޅުތައް ފޮނުވުމަށްކަމަށް ހޫދު ވިދާޅުވިއެވެ. ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ނާއިބް ރައީސް އިސްމާއިލް ޞަފްވާނާއި، މެމްބަރު ހަސަން ނަބާހު ވަނީ އެ ކޮމިޝަންގެ މެމްބަރުކަމުން އިސްތިއުފާ ދެއްވާފައެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަން އެ ދެބޭފުޅުން އިސްތިއުފާ ދެއްވާފައިވާތާ 2 މަސްދުވަސް ވެފައިވާއިރު އެކޮމިޝަނަށް މެމްބަރުން ޢައްޔަން ނުކުރާ މައްސަލާގައި މަޖިލީހުގެ މިނިވަން މުވައްސާތަކާބެހޭ ކޮމިޓީގައި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފްވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އަދި ބައެއް މެމްބަރުންވަނީ ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެމްބަރުކަމުން ވަކިކުރަން މީގެކުރިން ކޮމިޓީން ނިންމާފައިވާ އެކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބާއި ނާއިބުރައީސް ފާޠިމަތު ޒައިނާ މަޤާމުން ވަކިނުކުރާ މައްސަލާގައިވެސް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ކޮމިޓީގެ މުޤައްރިރު ރޮޒައިނާ އާދަމް ވިދާޅުވީ މިމައްސަލަ މަޖިލީހުގެ ރިޔާސަތުގެ މޭޒުކޮޅަށް އެދުވަހު ފޮނުވާފައިވާނެކަމަށާއި، އެޖެންޑާ ނުކުރައްވާ ވަކިސަބަބެއް އެގިވަޑައި ނުގަންނަވާކަމަށެވެ.