މުނިފޫހިފިލުވުން

"ބަވަތި"ގެ ޓިކެޓް ވިއްކަން ފަށައިފި


އޮލިމްޕަހުގެ ބޮޑު ސްކްރީނުގައި އެޅުވުމަށް ތައްޔާރުވަމުންދާ ފިލްމް "ބަވަތި"ގެ ޓިކެޓް މިއަދު ވިއްކަން ފަށައިފިއެވެ.

މި ފިލްމުގެ ޓިކެޓް މިއަދުން ފެށިގެން އޮލިމްޕަހުގައި ވިއްކަން ފަށާފައިވާއިރު، ޓިކެޓަށް ޕްރީ-ބުކް ކުރުމުގެ ފުރުޞަތު "އައި ފިލްމްސް"އިން މީގެކުރިން ހުޅުވާލާފައެވެ. އަންނަމަހުގެ 2 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ "ބަވަތި"ގެ ޖުމްލަ 21 ޝޯވ އޮލިމްޕަހުގައި އެޅުވުމަށް ވަނީ ހަމަޖެހިފައެވެ.

ބިރުވެރި ކަންތައްތަކެއް ދައްކުވައިދޭ މި ފިލްމުގެ މައިގަނޑު ވާހަކަ ބިނާކޮށްފައިވަނީ ޢާއިލީ މައްސަލަތަކެއްގެ ތެރެއިން ބޮޑުވެގެން އަންނަ އަންހެން ކުއްޖަކު، އުފާވެރި މުސްތަޤުބަލަކަށް އެދި ކުރާ އުއްމީދުތައް، ރޫޙާނީ ބާރެއްގެ ސަބަބުން ވިއްސި ވިހާލިވެގެންދާގޮތުގެ މައްޗަށެވެ. މިއީ "އައި ފިލްމްސް"ގެ ފުރަތަމަ ފީޗަރ ފިލްމުކަމަށްވާއިރު، ފިލްމުގެ ވާހަކަ ލިޔެ، ޑައިރެކްޓްކޮށްފައިވަނީވެސް މި ދާއިރާއަށް އައު ފަރާތެއްކަމަށްވާ އިލްޔާސް ވަހީދެވެ.

"ބަވަތި"ގެ ލީޑުރޯލުން ފެނިގެންދަނީ ނުޒުހަތު ޝުޢައިބާއި ފިލްމީ ދާއިރާއަށް މުޅިން އަލަށް ތަޢާރަފުވާ އިފްނާޒް އަޙްމަދު ފިރާޤެވެ. މި ފިލްމްގެ ޓީޒަރ ޓްރެއިލަރތަކާއި އޮފިޝަލް ޓްރެއިލަރ އާއްމުކުރުމާއެކު، މި ފިލްމަށް ކުރެވޭ އިންތިޒާރު އެތައް ގުނައެއް އިތުރުވެ، މުޅި ސޯޝަލް މީޑިއާގައި މި ފިލްމުގެ ވާހަކަވަނީ ވައިގައި ހިފާފައެވެ. މި ފިލްމްގެ ފޯރި އިތުރަށް ގަދަކުރުމުގެ ގޮތުން ފިލްމުގެ ޓައިޓަލް ނަމާއި ގުޅުވައިގެން ޕްރޮމޯޝަނަލް ލަވައެއްވެސް ނެރެފައިވާއިރު، އެ ލަވައަށްވެސް އާއްމުންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ލިބިގެންދިޔައެވެ.

މި ފިލްމަށް ކުރެވޭ އުއްމީދު ވަރަށްވެސް ބޮޑުކަމަށް ފިލްމްގެ ޕްރޮޑަކްޝަން ޓީމުން ބުނެފައިވާއިރު، މިއީ ދިވެހި ސިނަމާތަކަށް މިއަހަރު އަންނާނެ އެންމެ ތަފާތު އެއް ފިލްމަށް ވެގެންދާނެކަމަށްވެސް އައި ފިލްމްސްއިން ބުނެއެވެ.