ޚަބަރު

މަރުވާ މީހުންގެ ތަފާސް ހިސާބު ނުލިބޭތީ ޕެންޝަން ފަންޑަށް ލިބެންޖެހޭ 7.5 މިލިޔަން ރުފިޔާ ނުލިބި އެބަހުރި


މަރުވާ މީހުންގެ ތަފާސް ހިސާބު ނުލިބުމުގެ ސަބަބުން ޕެންޝަން ފަންޑަށް ލިބެންޖެހޭ 7.5 މިލިޔަން ރުފިޔާ މިހާތަނަށް ނުލިބިވާކަމަށް ޕެންޝަން އޮފީހުން ބުނެފިއެވެ.

ރާއްޖޭގައި މަރުވާ މީހުންގެ ތަފާސް ހިސާބު ބެލެހެއްޓުމަށް ޕެންޝަން އޮފީހަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ގުޅޭގޮތުން ޕެންޝަން އޮފީހުގެ ޗީފް ޓެކްނޮލޮޖީ އޮފިސަރ އަޙްމަދު ޝަފީޒް ވިދާޅުވީ މިމަސައްކަތް އެއްކުރުމަށް މިހާތަނަށް އެ އޮފީހުން ކުރިމަސައްކަތަށް މާބޮޑު ކުރިއެރުމެއް ލިބިފައިނުވާކަމަށެވެ. އަދި މިކަމުގައި ދައުލަތުގެ ކަމާއިބެހޭ ވުޒާރަތަކާއި، އޮފީސްތަކަށް އެކި ފަހަރުމަތިން މިކަން ހައްލުކޮށް ދިނުމަށް އެދިފައިވާނެކަމަށާއި ނަމަވެސް މިކަން މިހާތަނަށް ހައްލު ވެފައިނުވާކަމަށެވެ.

ޝަފީޒް ވިދާޅުވީ މިކަން ހައްލުކުރުމަށް އެންސީއައިޓީ މިހާރު މަސައްކަތްތަކެއް ކުރަމުންދާކަމަށާއި، ނަމަވެސް މި މަސައްކަތުންވެސް އެންމެ އެދެވޭ ނަތީޖާއެއް ނުލިބޭކަމަށެވެ. އެ އޮފީހުން ބުނީ މިކަން ހައްލުކުރުމަށް ސިސްޓަމެއް ތައްޔާރުކުރުމަށް ހުށަހެޅި ކަމަށާއި، ނަމަވެސް އެކަންވެސް ކަމާއިބެހޭ ފަރާތްތަކުން ބަލައި ގަނެފައިނުވާކަމަށެވެ. މިކަމުގެ ސަބަބުން ކޮންމެ އަހަރަކުވެސް މަރުވާ ފަރާތްތަކަކީ ކޮބައިކަންނޭގި އެފަރާތްތަކަށްވެސް ޕެންޝަން ދެވިފައި އެބަހުރި ކަމަށާއި، މިއީ ހައްލުކުރެވެން ޖެހޭ ކަމެއްކަމަށް ޕެންޝަން އޮފީހުގެ ޗީފް ޓެކްނޮލޮޖީ އޮފިސަރ އަޙްމަދު ޝަފީޒް ވިދާޅުވިއެވެ.

ރާއްޖޭގައި މަރުވާ މީހުންގެ ތަފާސް ހިސާބްތަކުގެ މައްސަލަޔަކީ މިހާތަނަށްވެސް ވަރަށްބޮޑަށް ދިމާވެފައިވާ މައްސަލައެކެވެ. މަރުވާ މީހުންނާއި އުފަންވާ މީހުންގެ ތަފާސް ހިސާބު ބަލަހައްޓަނީ ޑީއެންއާރުންނެވެ.