ޕެންޝަން ސްކީމުގައި އެއްލައްކަ ފަންސާސް ހާހަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާއިރު 90 މިލިޔަންރުފިޔާ ކޮންމެ މަހަކު ޕެންޝަން ފަންޑަށް ލިބެމުންދާ ކަމަށް ޕެންޝަން އޮފީހުން ބުނެފިއެވެ.
ޕެންޝަން އޮފީހުގެ މަސައްކަތްތަކާއި ގުޅޭގޮތުން މިނިވަން މުވައްސަސާތަކުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ޕެންޝަން އޮފީހުގެ ސީއީއޯ މުޙައްމަދު ޙުސައިން މަނިކު ވިދާޅުވީ، ޕެންޝަން ސްކީމުގައި ގިނަ އަދަދެއްގެ ފަރާތްތަކުން ބައިވެރި ވެފައިވީނަމަވެސް އަދިވެސް ބައެއް އަމިއްލަ ފަރާތްތަކުގެ ވަޒީފާގައި އުޅޭފަރާތްތައް ސްކީމްގައި ބައިވެރި ނުކުރާ މައްސަލަ ކުރިމަތިވެފައިވާކަމަށެވެ.
ޕެންޝަން ފަންޑަށް ކޮންމެ މަހަކުވެސް 90 މިިލިޔަން ރުފިޔާ ލިބެމުންދާކަން ފާހަގަކުރައްވާ މަނިކު ވިދާޅުވީ، މިއީ ޕެންޝަން ފަންޑު ހަރުދަނާ ގޮތެއްގައި ދެމެހެއްޓުމަށް ލިބެމުންދާ މުހިންމު އަދަދެއްގެ ފައިސާކަމަށެވެ. އަދި ޕެންޝަން އޮފީހުން ކުރިއަށް އޮތް ތަނުގައި ތަފާތުއެކި ސްކީމުތައް ތަޢާރަފްކޮށް ރައްޔިތުންނާއި ގުޅުންހުރި ކަންކަމުގައި އިންވެސްޓް ކުރުމަށް ތައްޔާރު ވެފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ކޮމިޓީގައި ބައިވެރިވި މަޖިލިސް މެމްބަރުންވަނީ ޕެންޝަން ފަންޑުން ރައްޔިތުންގެ ބޯހިޔާވަކިހަމާއި އެނޫންވެސް ބޮޑެތި ކަންކަމާއި ގުޅުންހުރި ކަންތައްތަކުގައި ލުއި ގޮތްތަތަކެއް ލިބޭނެ އިންތިޒާމް ހަމަޖެސުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.