ކުޅިވަރު

ނޭމާގެ ބަދަލުގައި ކުޅުންތެރިއަކު ނުގަންނަނީސް ޕީއެސްޖީން އޭނާ ނުވިއްކާނެ - ކޯޗު ޓުޝެލް


ނޭމާގެ ބަދަލުގައި ކުޅުންތެރިއަކު ނުގަންނަނީސް ޕީއެސްޖީން އޭނާ ނުވިއްކާނެކަމަށް ކޯޗު ތޯމަސް ޓުޝެލް ބުނެފިއެވެ. ޕީއެސްޖީ ދޫކޮށްލަން ނޭމާ ބޭނުންވެފައި ހުރިއިރު ސްޕެއިންގެ ވާދަވެރި ދެ ޓީމްކަމަށްވާ ބާސެލޯނާއާއި ރެއާލް މެޑްރިޑުން އަންނަނީ އޭނާ ހޯދުމަށް މަސައްކަތްކުރަމުންނެވެ. އެހެންނަމަވެސް މިހާތަނަށް ދެ ކުލަބުން ހުށަހެޅި ބިޑުތަކަށް ޕީއެސްޖީންވަނީ ނޫނެކޭ ބުނެފައެވެ.

ލީގުގައި ޕީއެސްޖީ ބަލިވި މެޗަށްފަހު ކޯޗު ޓުޝެލް ބުނީ ފޯވާޑް ނޭމާ ވިއްކާލުމުގެ ވިސްނުމެއް ނެތްކަމަށާއި، ނޭމާއަކީ ޕީއެސްޖީއަށް މުހިންމު ކުޅުންތެރިއެއްކަމަށެވެ.

އޭނާ ބުނީ ނޭމާގެ ބަދަލުގައި އެ މަގާމަށް ކުޅޭނެ އިތުރު ކުޅުންތެރިއަކު ނުލިބެނީސް އެކުލަބުން އޭނާ ވިއްކާނުލާނެކަމަށެވެ. ރެނޭސް އަތުން ލީގުގައި ޕީއެސްޖީ ބަލިވި މެޗުގައިވެސް ނޭމާގެ މުހިންމުކަން ފެނުނުކަމަށާއި، އަނިޔާއިން ރަނގަޅުވެ ވީހާވެސް އަވަހަށް ނޭމާ ކުލަބާއި ގުޅޭނެކަމަށް އުއްމީދުކުރާކަމަށް ކޯޗު ޓުޝެލް ބުނިއެވެ.

ޓުޝެލް ބުނީ ނޭމާ ވިއްކާލަފާނެތީ ނުވަތަ ކުޅުންތެރިއަކު ނުލިބިދާނެތީ ހާސްނުވާކަމަށައި، އަދި އެކަށީގެންވާވަރަށް ދުވަސް އެބައޮތްކަމަށެވެ. އިނގިރޭސި ކުލަބުތަކަށް ޓްރާންސްފަރ ބާޒާރު ބަންދުވިޔަސް ޔޫރަޕްގެ ޓްރާންސްފަރ ބާޒާރު ބަންދުވަނީ ސެޕްޓެމްބަރ ދެވަނަ ދުވަހުއެވެ.