ކުޅިވަރު

ބައިނަލްއަޤްވާމީ ބެޑްމިންޓަން މުބާރާތް ތަކެއް ރާއްޖޭގަ


އަންނަ ސެޕްޓެމްބަރ މަހު ބައިނަލްއަޤްވާމީ ދެ މުބާރާތް ބާއްވަން ބެޑްމިންޓަން އެސޯސިއޭޝަނުން ތައްޔާރުވެއްޖެއެވެ. ބެޑްމިންޓަން އެސޯސިއޭޝަނުން މިއަހަރަށް ޓާގެޓްކޮށްފައިވާ މުބާރާތްތަކުގެ ތެރޭގައި ހިމެނެނީ މޯލްޑިވްސް އިންޓަނޭޝަނަލް ބެޑްމިންޓަން ޗެލެންޖާއި، މޯލްޑިވްސް އިންޓަނޭޝަނަލް ފިއުޗަރ ސީރީސްއެވެ.

މީގެ ތެރެއިން މޯލްޑިވްސް އިންޓަނޭޝަނަލް ބެޑްމިންޓަން ޗެލެންޖަކީ ރާއްޖޭގައި ފޯރިއާއެކު މީގެ ކުރިން ބޭއްވި މުބާރާތެކެވެ. އެންމެ ފަހުން އެ މުބާރާތް ބޭއްވީ 2013ވަނަ އަހަރުއެވެ. 2014ވަނަ އަހަރު އެކުވެނި އިމާރާތުން ބައެއް ހަލާކުވުމުގެ ސަބަބުން އެ މުބާރާތް ނުބޭއްވި މިހާރުވަނީ ހަތަރު ފަސް އަހަރުވެފައެވެ. މި ދެ މުބާރާތް ހިންގުމާއި އެހެނިހެން ކަންކަމުގެ ކޮމިޓީތަކުގައި ވޮލަންޓިއަރުންގެ ގޮތުގައި ހަރަކާތްތެރިވާނެ ފަރާތްތަކަށްވެސް މިހާރު ބެޑްމިންޓަން އެސޯސިއޭޝަނުންވަނީ ފުރުސަތު ހުޅުވާލާފައެވެ.

މި ދެ މުބާރާތުގެ އިތުރުން ބެޑްމިންޓަން އެސޯސިއޭޝަނުންވަނީ މިއަހަރު ބައިނަލްއަގްވާމީ އިތުރު މުބާރާތެއް ރާއްޖޭގައި ބޭއްވުމަށް ޝެޑިއުލްކޮށްފައެވެ. އެއީ އަންނަ އޮކްޓޯބަރު މަހު އައްޑޫ ސިޓީގައި ބޭއްވަން ނިންމާފައިވާ ސައުތް އޭޝިއަން 21 އަހަރުން ދަށުގެ ބެޑްމިންޓަން މުބާރާތެވެ.