ކުޅިވަރު

ފުރަތަމަ މެޗުގައި ގޯލް ޖަހައި ޑެނީ އަލްވޭސް ސައޮ ޕޯއޮލޯ މޮޅުކޮއްދީފި


ބްރެޒިލްގެ ސައޮ ޕައޮލޯއަށް ކުޅުނު ފުރަތަމަ މެޗުގައި ގޯލް ޖަހައި ޑެނީ އަލްވޭސް އެޓީމް މޮޅުކޮށްދީފިއެވެ. ހޫނު މޫސުމުގެ ޓްރާންސްފަރގައި ޔޫރަޕްގެ ގިނަ ކުލަބުތަކަކުން ބޭނުންވި ޑެނީ އަލްވޭސް ބްރެޒިލްގެ ސައޮ ޕައޮލޯއަށް ސޮއިކުރީ މިދިޔަ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތަށްފަހުގައެވެ.

އާންމުކޮށް ޑިފެންސަށްކުޅޭ އަލްވޭސް އެ ކުލަބަށް ކުޅުނު ފުރަތަމަ މެޗުގައި ކުޅުނީ އެޓޭކިންގ މިޑްފިލްޑަރަކަށެވެ. ސިއާރާއި ދެކޮޅަށް ކުޅުނު މެޗުގައި އެޓީމްގެ ހަމައެކަނި ލަނޑު ޖަހައި އަލްވޭސްވަނީ ޓީމް މޮޅުކޮށްދީފައިއެވެ. މެޗަށްފަހު އަލްވޭސް ބުނީ ކުލަބަކަށް ކުޅުނު ފުރަތަމަ މެޗުގައިވެސް ސަޕޯޓަރުން އުފާކޮށްދެވުނީތީ އުފާކުރާކަމަށާއި، މިއީ ބޭނުންވި ކަހަލަ ފެށުމެއްކަމަށެވެ.

މެޗަށް އެރިއިރު ކުޑަކޮށް ހިތްއަވަސްވިކަމަށާއި، އެހެންނަމަވެސް ގޯލް ޖެހުމާއިއެކު ހުރިހާ ޕްރެޝަރެއް ގޮއްސިކަމަށް އަލްވޭސް ބުނިއެވެ.
ސައޮޕައޮލޯ މިވަގުތު އޮތީ ލީގުގެ ހަވަނައިގައެވެ. އެއްވަނައިގައި އޮތީ ބްރެޒިލްގެ އެންމެ ކާމިޔާބު އެއް ޓީމް ސަންތޯސްއެވެ.