ޚަބަރު

ހަތަރު ރަށެއްގެ ބަނދަރުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިޢުލާންކޮށްފި


ހަތަރު ރަށެއްގެ ބަނދަރު އަޕްގްރޭޑްކޮށް ތަރައްޤީކުރުމުގެ މަސައްކަތް ކުރުމަށް ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީއިން އިޢުލާންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީއިން އިޢުލާންކޮށްފައިވަނީ ޑިޒައިން އެންޑް ބިޑް އުސޫލުން ށ.ބިލެއްފައްސާއި، ގއ.މާމެންދުއާއި، ށ.ޅައިމަގާއި، ލ.އިސްދޫގެ ބަނދަރުގެ ބައެއް މަސައްކަތްތައް ކުރުމަށެވެ.

މީގެން ކޮންމެ ބީލަމެއްގައިވެސް ބައިވެރިވުމަށް ރެޖިސްޓްރޭޝަން ފީގެ ގޮތުގައި 1500ރުފިޔާ ދައްކަން ޖެހޭއިރު، ރެޖިސްޓްރީ ވުމުގެ އެންމެ ފަހު ތާރީޚަކީ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހެވެ. ބީލަމަށް ހުޅުވާލުން އޮންނާނީ އަންނަ ސެޕްޓެމްބަރު 12ވަނަ ދުވަހު 11:00ގައި ފިނޭނެސް މިނިސްޓްރީގައެވެ.

މި ބީލަމާއި ގުޅޭ ތަފްސީލުތައް ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި ވަނީ ޝާއިޢުކޮށްފައެވެ. މި މަޝްރޫޢުތައް ކުރިއަށްގެންދަނީ ޕްލޭނިންގ މިނިސްޓްރީގެ ދަށުންނެވެ. ޕްލޭނިންގ މިނިސްޓްރީއިން މިއަހަރު ރާއްޖޭގެ 45 ރަށެއްގެ ބަނދަރުގެ މަސައްކަތް ކުރުމަށް ބަޖެޓުގައި ހިމަނާފައިވެއެވެ. މީގެތެރެއިން ގިނަ މަޝްރުޢުތަކުގެ ޢަމަލީ މަސައްކަތްތައް ފަށާފައިވާއިރު، ނުފަށާ ހުރި މަސައްކަތްތައް ކުރާނެ ބަޔަކު ހޯދުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ.