ޚަބަރު

ގާކޮށީގައި ހަދަމުންދާ ފްލެޓްތައް ޑިސެމްބަރަށް ނިމޭނެ- ޓާޓާ


ޓާޓާ ކުންފުނިން، މާލޭގެ ގާކޮށީގައި ހަދަމުންދާ ފްލެޓްތަކުގެ މަސައްކަތް އެއްކޮށް ނިންމާ، ޑިސެމްބަރު މަހު ސަރުކާރާ ހަވާލުކުރެވޭނެކަމުގެ ޔަޤީންކަންދޭ ކަމަށް އެކުންފުނިން ބުނެފިއެވެ.ފްލެޓްތަކުގެ މަސައްކަތް ކުރިއަށްދާގޮތުގެ މަޢުލޫމާތު މީޑިއާ އާއި ހިއްސާކުރަމުން ޓާޓާ ކުންފުނިން ބުނީ ޝެޑިއުލާ އެއްގޮތަށް ފްލެޓްތަކުގެ މަސައްކަތް ކުރިއަށްދާކަމަށާ، ފްލެޓްތަކުގެ މަސައްކަތް ނިންމާ ހަވާލުކުރެވޭނެކަމުގެ %100 ޔަޤީންކަން އެބައޮތްކަމަށެވެ.މިކަމަށް ބޭނުންވާ ވަސީލަތްތައް ހަމަޖެހިފައިވާއިރު، ގާކޮށްޓާއި އަރަބިއްޔާ ބިމުގައި ހަދާ ފްލެޓްތަކުގެ މަސައްކަތްކުރުމަށް 430 މީހުން ހަރަކާތްތެރިވަމުންދާކަމަށްވެސް އެކުންފުނިން މަޢުލޫމާތުދެއެވެ.ޓާޓާ ކުންފުންނާއި، އެސްޖީ 18 ޑިވެލޮޕަރސް ހިއްސާވެގެން އުފެއްދި ސަބްސިޑަރީ ކުންފުނި އެޕެކްސް އަށް ފްލެޓް އެޅުމަށް ވަނީ މާލެއިން 4 ބިމެއް ހަވާލުކޮށްފައެވެ. މި ހަތަރު ބިމުގެ ތެރެއިން ގާކޮށްޓާއި، އަރަބިއްޔާ ބިމުގައި ހަދާ ފްލެތްތަކުގެ މަސައްކަތް ފަށާފައިވަނީ ދެހާސްބާރަވަނަ އަހަރުގެ ތެރޭގައެވެ. އެހެންނަމަވެސް ދިމާވި އެކި އެކި ސަބަބުތަކާއި ހުރެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު އެއްބަސްވުމަށް އިސްލާހުތަކެއް ގެނައުމަށްފަހު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެތެރޭގައި ވަނީ އަލުން މަސައްކަތް ފަށާފައެވެ.އަރަބިއްޔާ އާއި ގާކޮށި ބިމުގައި ހެދުމަށް ހަމަޖެހިފައިވަނީ ދުއިސައްތައަށްޑިހަ ފްލެޓަކީ ވެށިފަހި މާލޭ ޕްރޮގްރާމްގެ ދަށުން ފްލެޓްތައް ލިބޭ ފަރާތްތައް ކަނޑައަޅާފައިވާ ފްލެޓްތަކެކެވެ.މީގެ އިތުރަށް އެކުންފުންޏާ ހަވާލުކޮށްފައިވާ ބިންތަކުގެ ތެރެއިން ނާދީ ބިމުގައި ހެދުމަށް ހަމަޖެހިފައިވާ ލަގްޒަރީ ފްލެޓްްތަކުގެ ކޮންޓްރެކްޓަރ ހޯދުމުގެ މަސައްކަތްކުރިއަށްދާއިރު އޯޑިއޯން ބިމުގައި ހަދާ ފްލެޓްތަކުގެ ކުރެހުމުގެ މަސައްކަތް ކުރިއަށްދާކަމަށް އެޕެކްސް ރިއަލްޓީ އިން މަޢުލޫމާތުދެއެވެ.