ޚަބަރު

ފުވައްމުލަކު ސިޓީގައި ތަރައްޤީކޮށްފައިވާ 140 ފްލެޓަށް ހޮވުނު މީހުންގެ ވަގުތީ ލިސްޓު އާންމުކޮށްފި


ފުވައްމުލައް ސިޓީގައި ތަރައްޤީކޮށްފައިވާ 200 ހައުސިންގ ޔުނިޓްގެ ތެރެއިން 140 ހައުސިންގ ޔުނިޓަށް ހޮވުނު މީހުންގެ ވަގުތީ ލިސްޓް އިޢުލާންކޮށް، ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ފުވައްމުލައް ސިޓީގައި ތަރައްޤީކޮށްފައިވާ 200 ހައުސިންގ ޔުނިޓްގެ މަސައްކަތް ނިމުނުތާ 2 އަހަރު ވެފައިވާއިރު މިހާތަނަށްވެސް ގެތަކުގައި މީހުން އުޅެވޭވަރަށް މަސައްކަތް ނިމިފައެއް ނުވެއެވެ. ފްލެޓްތަކުގެ މަސައްކަތް ނުނިމުނު ނަމަވެސް މިދިޔައަހަރުވަނީ ފްލެޓްތަކަށް އެދި ހުށައެޅުމުގެ ފުރުޞަތު ހުޅުވާލައި، ފްލެޓްތައް ލިބުނު މީހުންގެ ފައިނަލް ލިސްޓްވެސް އިޢުލާންކޮށްފައެވެ. ނަމަވެސް ފްކެޓްތައް ލިބުނު މީހުންގެ ލިސްޓްގައި މައްސަލަތައް ހުރިކަމަށް ބުނެ މި ސަރުކާރުން އަނެއްކާވެސްވަނީ މާކްސް ދީފައިވާގޮތް އަލުން މުރާޖާކޮށް އާ ލިސްޓެއް އެކުލަވާލުމަށް ފުވައްމުލައް ސިޓީ ކައުންސިލާއި ހަވާލުކޮށްފައެވެ.

އަލުން ލިސްޓް ރިވިއުކޮށް މިހާރު އިޢުލާންކޮށްފައިވަނީ ފްލެޓަށް އެދުނު ފަރާތްތަކުގެ ތެރެއިން ކެޓަގަރީ އޭ އާއި ކެޓަގަރީ ބީގެ ފްލެޓްތަކަށް ހޮވުނު ފަރާތްތަކެވެ. އެއީ ކެޓަގަރީ އޭގެ ދަށުން ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ޚާއްސަކުރެވުނު 120 ފްލެޓާއި ކެޓަގަރީ ބީގައި ހިމެނޭ، ފުވައްމަލަކަށް ހިޖުރަކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށްފައިވާ 20 ފްލެޓެވެ.

މި ފްލެޓްތަކަށް އެދި ހުށައެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވާ ގޮތުގެ ލިސްޓް ޢާއްމުކޮށް މިހާރު އިޢުލާންކޮށްފައިވާއިރު، ޝަކުވާ ހުށައެޅުމުގެ ފުރުޞަތުވެސްވަނީ ހުޅުވާލާފައެވެ. ޝަކުވާ ހުށައަޅަން ޖެހެނީ މިމަހުގެ 27ވަނަ ދުވަހުގެ ކުރިން، ސިޓީއަކުން ފުވައްމުލައް ސިޓީ ކައުންސލިލަށެވެ. ފްލެޓް ތަކަށް ހޮވުނު މީހުންގެ ދާއިމީ ލިސްޓް އިޢުލާން ކުރާނީ ހުށައަޅާ ޝަކުވާތަކަށް ބެލުމަށްފަހު ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްފަހުކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ބުނެއެވެ.

އާބާދީގައި 13،000އެއްހާ މީހުން ހިމެނޭ ފުވައްމުލައް ސިޓީގައި މިހާރުވެސް 9000އެއްހާ މީހުން ދިރިއުޅެމުން ގެންދެއެވެ. އެރަށުން އެންމެ ފަހުން ގެވަޅު ދޫކޮށްފައިވަނީ 2006ވަނަ އަހަރުއެވެ. ބޯހިޔާވަހިކަމުގެ ދަތިކަމަކީ އެރަށުގެ ރައްޔިރުންގެ އެންމެ ބޮޑު ޝަކުވާކަމަށް ފުވައްމުލައް ސިޓީ ކައުންސިލުންވެސް ބުނެއެވެ.

މިކަމަށް ޙައްލެއް ގެނައުމަށް ދެކުނުގެ އަތޮޅުތަކަށް ޢަމާޒުކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ 5000 ހައުސިންގ ޔުނިޓްގެ ތެރެއިން 800 ހައުސިންގ ޔުނިޓް އެޅުމަށް ނިންމާފައިވަނީ ފުވައްމުލަށް ސިޓީގައެވެ. މިކަން އިޢުލާން ކުރައްވާފައިވަނީ ފުވައްމުލަކު ސިޓީގެ ބޯހިޔާވަހިކަމުގެ ޙާލަތު ދެނެގަތުމަށް ހައުސިންގ މިނިސްޓަރ އާމިނަތު އާތިފާ ފުވައްމުލައް ސިޓީއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިންނެވެ.